ޚަބަރު

އީސީއަށް ހަސީބް އައްޔަންކޮށްފި 

ޢާއިޝަތު ނުހާ ، ދެން އޮންލައިން
އިސްމާއިލް ހަސީބް--

އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެންބަރު ކަމަށް އަބްދުލް ހަސީބް އިސްލާއިލް މިއަދު އައްޔަންކޮށްފި އެވެ.

Ads by MWSC

އެކަން ހާމަކޮށް އީސީން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ކޮމިޝަނުގެ މެންބަރު ކަމަށް ހަސީބް މިއަދު އައްޔަންކުރެެއްވީ އިލެކްޝަންސް ކޮމިޝަނުގެ ގާނޫނުގެ ދަށުން ރައީސް ޑރ. މުހައްމަދު މުއިއްޒު ކަމަށެވެ.

ހަސީބު އައްޔަންކުރީ އީސީގެ މެންބަރުކަމުގެ މަގާމުގައި ހުންނެވި, އެ ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގުގެ ދައުރު ހަމަވުމުންނެވެ.

އެ މަގާމަށް ހަސީބް އައްޔަންކުރަން ރުހުން ހޯދުމަށް ރައީސް ފޮނުއްވި މައްސަލަ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރި އެވެ. އެ ކޮމިޓީން ހަސީބުގެ އިންޓަވިއުއެއް ކޮށްފައިވާއިރު، އެ އިންޓަވިއުއަށް 88.88 އިންސައްތަ މާކްސް ލިބިފައިވެ އެވެ.

ހަސީބަކީ އިންޑިއާގެ ބެންގަލޫރުގެ ޔުނިވާސިޓީއަކުން ކޮމާސްއިން ބެޗްލާސް އަދި މެލޭޝިއާގެ ޔުނިވާސިޓީއަކުން ބިޒްނަސްގެ ދާއިރާއިން މާސްޓާސް ހާސިލުކުރައްވާފައިވާ ބޭފުޅެކެވެ.

އިސްލާމިކް މިނިސްޓްރީގެ ޕީއެސްގެ އިތުރުން އެ މިނިސްޓްރީގެ ޑިރެކްޓަރުގެ މަގާމު ފުރުއްވާފައިވާ ހަސީބް ވަނީ ކްރިމިނަލް ކޯޓުގެ އެސިސްޓެންޓް ޑިރެކްޓަރުގެ މަގާމާއި ފިނޭންސް މިނިސްޓްރީގެ ޕަބްލިކް އެކައުންޓްސް އެގްޒެކެޓިވްގެ މަގާމު ވެސް އަދާކުރައްވާފަ އެވެ.

އެ ކޮމިޝަނުގެ ނައިބު ރައީސް އަލީ ނަޝާތާއި އެ ކޮމިޝަނުގެ މެންބަރު މުހައްމަދު އާސިފް ވަކިކުރުމާ ގުޅިގެން އެ ކޮމިޝަނުގެ މެންބަރުންގެ ގޮތުގައި މިހާރު ތިބޭނީ ހަސީބުގެ އިތުރުން ހަސަން ޒަކަރިއްޔާ އާއި ޑރ. މުހައްމަދު ޒާހިރެވެ.

އެހެންނަމަވެސް ހުސްވެފައިވާ ދެ މަގާމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) ގެ ކުރީގެ ނައިބު ރައީސް, މުހައްމަދު ޒާހިދާއި ހޯމްލޭންޑް މިނިސްޓްރީގެ ކުރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުއްރަހްމާން ސަލާހު ރަޝީދު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހަށް ރުހުން ހޯދަން މިދިޔަ ހަފުތާގައި ވަނީ ފޮނުވާފަ އެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!