ގޯއްޗާއި ފްލެޓާ ގުޅޭ ޖިނާއީ ތަހުގީގެއް ހިންގަން ޕީޖީ އަމުރުކުރައްވައިފި
ސަރުކާރުން އިއުލާނުކޮށްފައިވާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމުގައާއި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ އެކަމުގެ ފުރިހަމަ ތަހުގީގެއް ހިންގަން ޕްރޮސެކިއުޓާ ޖެނެރަލް އައްބާސް ޝަރީފް އަމުރުކުރައްވައިފި އެވެ.
އެ އޮފީހުންގެ "ހަބަރު ފީތާ" ގައި މިއަދު ލިޔެފައިވާ ހަބަރެއްގައި ބުނެފައިވަނީ އެ ކަމަކީ އާންމު މަސްލަހަތު މަތީ މިންވަރަކަށް އެކުލެވޭ ކަމަކަށްވާތީ އެކަމަކީ ފުރިހަމަ ޖިނާއީ ތަހުގީގެއް ހިންގަންޖެހޭ ކަމެއްކަމަށް ދެކޭ ކަމަށެވެ.
އެހެންކަމުން ގާނޫނުއަސާސީގެ ދަށުން ޕްރޮސިކިއުޓާ ޖެނެރަލްއަށް ލިބޭ ބާރުގެ ދަށުން "ބިންވެރިޔާ" އަދި "ގެދޮރުވެރިޔާ" ސްކީމްގެ ފޯމު ބަލައިގަތުމާއި ފްލެޓާއި ގޯތި ލިބޭ ފަރާތްތައް ކަނޑައެޅުމާއި ގޯއްޗާއި ފްލެޓް ދޫކުރުމުގައި އަމަލުކޮށްފައިވާ ގޮތުގެ ތަހުގީގެއް ހިންގުމަށްފަހު އެކަމުގައި އެއްވެސް މީހެއްގެ މައްޗަށް ޖިނާއީ ތުހުމަތެއް ކުރެވޭނެމަ އެކަން ތަހުގީގުކުރުމަށްފަހު ދައުވާކުރުމަށްޓަކައި ހުށަހެޅުމަށް ފުލުހުންނާއި އޭސީސީއަށް އަމުރުކޮށްފައިވާ ކަމަށް ބުނެފައިވެ އެވެ,
ޕީޖީއިން ބުނީ އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފްތާއަކު 1 ފަހަރު ޕީޖީއާ ހިއްސާކުރަމުން ގެންދިއުމަށާއި އެ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށް ޕީޖީއިން އަމުރުކޮށްފައިވާ ކަމަށެވެ.
ޕީޖީއިން މިފަދަ އަމުރެއްކޮށްފައިވާއިރު "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލެއިން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.
ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ފަޒުލްގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދާއި އެހެން މީހަކު ހިމެނޭ މައްސަަލައެއް އެންމެ ފުރަތަމަ ފެންމަތިވީ އިއްޔެ ސޯޝަލް މީޑިއާއިންނެވެ.
ސޯޝަލް މީޑިއާއިން އާންމުވި ލިޔުންތަކުން އެނގޭ ގޮތުން ގޯތި ލިބުނު ކަމަށް ބުނާ ފަޒުލްގެ ބޭބެ އާއި އެހެން މީހަކު ވަނީ ވަށާފާރު ރޭނުމުގެ ހުއްދައަށް އެދި އެޗްޑީސީގެ ޕޯޓަލްއަށް ހުށަހަޅާފަ އެވެ. އެހެންވެ އެ ދެ މީހުންނަށް ގޯތި ލިބިފައިވާކަން ކަށަވަރު ކުރުމަށް އެޗްޑީސީން ހައުސިން މިނިސްޓްރީއަށް ސިޓީއެއް އޮތީ ފޮނުވާފަ އެވެ.
އެ މައްސަލައާ ގުޅިގެން އެޗްޑީސީގެ ޑިރެކްޓަރުންގެ ބޯޑުގައި ހިމެނޭ ބޭފުޅުންގެ ތެރެއިން ޗެއާމަން އަހްމަދު ނާސިފް ފިޔަވާ އެހެން ބޭފުޅުން ވަނީ ސަސްޕެންޑްކޮށްފަ އެވެ. އަދި އެމްޑަބްލިޔުއެސްސީއިން ފަޒީލްވެސް ވަނީ ސަސްޕެންޑްކޮށްފަ އެވެ.