ގޯތި މައްސަލަ: އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާކުރަން އެދިއްޖެ
ސަރުކާރުން އިއުލާނުކޮށްފައިވާ "ބިންވެރިޔާ'' އަދި ''ގެދޮރުވެރިޔާ'' ސްކީމަށް އެދި ފޯމު ބަލައިގަތުމުގަ އާއި ގޯއްޗާއި ފްލެޓް ލިބޭ ފަރާތްތައް ކަނޑައެޅުމުގައި އަދި ގޯއްޗާއި ފްލެޓް ދޫކުރުމުގައި ކަނޑައެޅިފައިވާ އުސޫލުތަކާއި ގަވާއިދުތަކާ ހިލާފަށް އަމަލުކޮށްފައިވާތީ ހިންގާ ތަހުގީގުގެ ބޭނުމަށް އެކަމާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ހިއްސާކުރަން ފުލުހުން އެދިއްޖެ އެވެ.
"އެކްސް" ގައި ރޭ ކުރި ޕޯސްޓެއްގައި ފުލުހުން ބުނީ އެ މައްސަލަައިގެ ތަހުގީގަށް ބޭނުންކުރެވިދާނެ ކަމަށް ބެލެވޭ އެއްވެސް މައުލޫމާތެއް ނުވަތަ ހެކީގެ ގޮތުގައި ބޭނުންކުރެވިދާނެ އެއްވެސް ލިޔުމެއް އޮތް ނަމަ ހިއްސާކުރަން އެދޭ ކަމަށެވެ.
ފުލުހުން ބުނީ މައުލޫމާތު ހިއްސާކުރާއިރު އަމިއްލަ މައުލޫމާތު ހާމަނުކޮށް ނުވަތަ ތަހުގީގު ކުރާ ފަރާތްތަކުން ގުޅަން ބޭނުންވެއްޖެ ހާލަތުގައި ގުޅޭނެ މައުލޫމާތާ އެކު ވެސް ހިއްސާކުރެވިދާނެ ކަމަށެވެ. އަދި މައުލޫމާތު ހިއްސާކުރާއިރު އެ ފަރާތްތަކުގެ ސިއްރުކަން ހިފަހައްޓާނެ ކަމުގެ ޔަގީންކަން ފުލުހުން ވަނީ ދީފަ އެވެ.
އެ މައްސަލާގައި ޖިނާއީ ތަހުގީގެއް ކުރުމަށް ފުލުހުންގެ ހިދުމަތުގެ މައްޗަށް އަމުރުކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް, އައްބާސްް ޝަރީފެވެެ.
އެ މައްސަލައިގެ ތަހުގީގު ހިނގަމުންދާ ގޮތް، ކޮންމެ ހަފުތާއަކު 1 ފަހަރު ޕީޖީ އާ ހިއްސާކުރަމުން ގެންދިއުމަށާއި އެ މައްސަލައިގެ އަވަސް ތަހުގީގެއް ހިންގުމަށް އަމުރުކޮށްފައިވެ އެވެ.
ޕީޖީން މިފަދަ އަމުރެއް ކޮށްފައިވާއިރު "ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް އެޗްޑީސީން ހުޅުމާލޭން ގޯތިތަކެއް ދިން މައްސަލަ ފެންމަތިވެ، އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ފުލުހުން ވަނީ ފަށާފަ އެވެ. ފުލުހުން ބަލަނީ ޑޮކިއުމެންޓުތަކެއް ފޯޖުކުރި މައްސަލަ އެވެ.
ޝަރުތު ހަމަނުވިޔަސް ގޯތި ދޫކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދުގެ ބޭބެ އަދި އެމްޑަބްލިޔުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ހިމެނެ އެވެ.
އެ މައްސަލާގައި އެޗްޑީސީގެ ޗެއާމަން އަހްމަދު ނާސިފް ފިޔަވައި ޑިރެކްޓަރުންގެ ބޯޑު މެންބަރުން ސަސްޕެންޑްކޮށް, އެމްޑަބްލިޔުއެސްސީން ފަޒީލް ސަސްޕެންޑްކުރި އެވެ. ސަސްޕެންޑްކޮށްފައިވަނިކޮށް ރޭގެ ވަގުތެެއްގައި އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުން ފަޒުލް ވަނީ އިސްތިއުފާ ދެއްވާފަ އެވެ.