ވަކި ކުރި މުވައްޒަފުންގެ މައުލޫމާތަކީ އާއްމުންނަށް މުހިއްމު އެއްޗެއް ނޫން: ރައީސް އޮފީސް
މި ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އައްޔަން ކޮށްފައި ތިބި މީހުންގެ ތެރެއިން، ވަޒީފާއިން ވަކިކުރި މުވައްޒަފުންގެ މައުލޫމާތު ހާމަނުކުރަން ނިންމީ އެއީ އާއްމުންނަށް އެހާ މުހިއްމު މައުލޫމާތަަކަށް ނުވާތީ ކަމަށް ރައީސް އޮފީހުން ބުނެފި އެވެ.
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން ރައީސް ޑރ މުހައްމަދު މުއިއްޒު ވަނީ އޮކްޓޫބަރު މަހު 15 ގައި 'އެކްސް' ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން އަދި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސްގެ ޓްވީޓުގައި ވިދާޅުވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު, ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ދަށުން ސިޔާސީ މަގާމުތަކުގެ ތަފްސީލު ހިއްސާކޮށް ދިނުމަށް އަފްރާހު އިސްމާއިލް ނަމަކަށް ކިޔާ މީހަކު ރައީސް އޮފީހުގައި އެދުމުން އެ އޮފީހުން އެކަމާ ދެކޮޅު ހަދާފައިވެ އެވެ. އަފްރާހު އެދުނީ އެ މީހުންގެ ނަމާއި، މުސާރައާއި މަގާމު އަދި އައްޔަންކޮށްފައި ތިބި އިދާރާތަކުގެ މައުލޫމާތު ދިނުމަށެވެ.
މުވައްޒަފުންގެ ނަމަކީ ޒާތީ މައުލޫމާތު ކަމަށް ރައީސް އޮފީހުން އަފްރާހަށް ދިން ޖަވާބުގައި ބުނެފައިވެ އެވެ. އެހެންވެ އެކަމުގެ ޝަކުވާ އަފްރާހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީސް (އައިކޮމް) އަށް ހުށަހެޅުމުން މައްސަލައިގެ ފުރަތަމަ އަޑުއެހުން މިދިޔަ ހޯމަ ދުވަހު ވަނީ ބާއްވާފަ އެވެ.
އައިކޮމްގެ އަޑު އެހުމުގައި ރައީސް އޮފީހުގެ ޑެޕިއުޓީ ލީގަލް އޮފިސާ މިންހާ މުހުސިން ވިދާޅުވީ ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ދިނުމުގައި ބަލަނީ ޒާތީ މައުލޫމާތު އެ މީހެއްގެ ރުހުމަކާ ނުލައި ދޫނުކުރެވޭނެ މާއްދާ އަށް ކަމަށެވެ.
" އެ 228 މުވައްޒަފުން ވަކިކޮށްފައިވާތީވެ އެއީ މުވައްޒަފުންނެއް ނޫންތާ މިހާރު، އެހެންވީމަ އަޅުގަނޑުމެންނަށް ނުލިބޭނެތާ އެ ބޭފުޅުންގެ ނަންތައް ހާމަކުރުމުގެ ބާރެއް" އެކަމަށް ބާރު މިންހާ ދިނީ ގާނޫނު އަސާސީގެ 24 ވަނަ މާއްދާއިންނެވެ.
އެ މާއްދާގައި ބުނަނީ ކޮންމެ މީހެއްގެ ޒާތީ އަދި އާއިލީ ދިރިއުޅުމާއީ، ގޯތި ގެދޮރާއި، ޒާތީ ދިރިއުޅުން އަނެކުންނާ ކުރާ ޒާތީ މުއާސަލާތުތަކަކީ ހުރުމަތްތެރި ވެގެންވާ ކަންކަމާއީ ތަންތަން ކަމަށެވެ. ހަމަ ކޮންމެ މީހަކީމެ، އަނެކުންގެ އެ ހައްގުތަކަށް ހުރުމަތްތެރިކޮށް ހިތަންވާނެ ކަމަށް ބުނެ އެވެ.
ވަޒީފާއިން ވަކިކުރި މީހުންގެ މައުލޫމާތު ހޯދުމުގައި ޕަބްލިކް އިންޓްރެސްޓެއް އޮންނާނެތޯ އިންފޮމޭޝަން ކޮމިޝަނުން ސުވާލުކުރުމުން ރައީސް އޮފީހުގެ ލީގަލް ޓީމުން ބުނީ، އާއްމުންނަށް ބޭނުންވާ ވަރުގެ މައުލޫމާތު ރައީސްގެ ޓްވީޓުގައި ބަޔާންކޮށްފައިވާ ކަަމަށެވެ.
"... ވަކި ކުރެވުނު މީހުންގެ ނަންތައް ހާމަކުުރުމުން އޭގައި ޕަބްލިކް ކޮން އިންޓްރެސްޓެއްތޯ އޮންނާނީ. ގިނަ ފަހަރު ދިމާވާ ގޮތަކީ ވަޒީފާއިން ވަކިކުރީމަ އެ ބޭފުޅުންނަށް ފުރުއްސާރަ މިކުރަނީ ދެއްތޯ. އެ ބޭފުޅުންގެ ޒާތީ މަސްލަހުތުވެސް ރައްކާތެރިކުރުން މީގައި ބޮޑުކަން ނޭގެ" މިންހާ ވިދާޅުވި އެވެ.
ރައީސް އޮފީހުން ބުނީ، މައުލޫމާތު ދޭން ދެކޮޅު ހަދަނީ ނޫން ކަމަށާއި ގާނޫނުގެ ތެރެއިން ދެވެން ހުރި މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ މުވައްޒަފުންގެ ނަން ފިޔަވާ އެހެން މައުލޫމާތުތައް ހާމަކުރެވޭނެތޯ އައިކޮމް އިން ސުވާލުކުރުމުން ރައީސް އޮފީހުން ބުނީ އެ މައުލޫމާތު ހާމަކޮށްފިނަމަ ވަކި ކުރި މުވައްޒަފުންނަކީ ކޮން ބައެއްކަން އެނގުމުގެ ފުރުސަތު އެބައޮތް ކަމަށެވެ.
"ޕަބްލިކަށް ބޭނުމެއް ނުވާނެ އެ މީހެއްގެ ނަމާއި އެ މީހަކު ނިސްބަތްވާ ރަށާ އެއީ އަޅުގަނޑުމެންގެ ސްޓޭންޑަކީ" ރައީސް އޮފީހުގެ ލީގަލް ޓީމުން ބުންޏެވެ.