އައިބީއެމްއަށް ލޭބަ އެކޮމަޑޭޝަން ހޯދުމުގެ އެއްބަސްވުން އުވާލައި ފިޔަވަޅު އަޅަން އަންގައިފި
އައިލެންޑް ބެވަރޭޖަސް މޯލްޑިވްސް (އައިބީއެމް) އަށް ލޭބަ އެކޮމަޑޭޝަނެއް ނެގުމަށްވި އެއްބަސްވުން އުވާލައި، އަލުން އެ މަސައްކަތް ކުރުމަށް އެ ކުންފުންޏަށް އަންގާފައިވާނެ ކަމަށް މާލެ ވޯޓަ އެންޑް ސްވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އަބްދުލް މަތީން މުހައްމަދު ވިދާޅުވެއްޖެ އެވެ.
މި މައްސަލަ ފެންމަތިކުރީ ސަރުކާރުގެ ކޮރަޕްޝަނުގެ މައްސަލަތައް "އެކްސް" ގައި ހާމަކުރަމުން އަންނަ "ހަސަން ކުރުސީ" ރޭ ކުރި ޕޯސްޓެއްގަ އެވެ. އެ ޕޯސްޓުގައި ބުނީ ލޭބަ އެކޮމަޑޭޝަނެއްގެ ގޮތުގައި އައިބީއެމުން ބޭނުން ކުރަމުން އައި ތަނުގެ އެއްބަސްވުން މިދިޔަ އޮކްޓޫބަރު މަހުގެ 22 ވަނަ ދުވަހު އާ ކޮށްފައިވާ ކަމަށެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމާ ޖިނާން ޖަލީލް ހަވާލުވުމަށް ފަހު، މިދިޔަ އޮގަސްޓު މަހުގެ 27 ވަނަ ދުވަހު ވެފައިވާ އެއްބަސްވުން އާކުރިއިރު، ކުއްޔަށް ދޫކުރި ފަރާތަށް މަހަކު ދެ ލައްކަ ރުފިޔާ ދައްކަން ޖެހެ އެވެ. ތަނުގެ ކުއްޔަށް ކުރިން ދައްކަމުން އައީ 60،000 ރުފިޔާ ކަމަށް ޕޯސްޓުގައި ހިއްސާކޮށްފައިވާ އެގްރިމެންޓުން އެނގެ އެވެ. އާ އެއްބަސްވުމެއް އެކުލަވާލީ ބިޑިން މަރުހަލާއަކަށް ނުގޮސް ކަމަށާއި ފައިދާއެއް ނެތް ގޮތުގައި އިތުރު އެއް ފަންގިފިލާ ނަގާފައިވާ ކަމަށް ވެސް ޕޯސްޓުގައިވެ އެވެ.
ޕޯސްޓުގައި އިތުރަށް ބުނެފައިވާ ގޮތުގައި ފަސް އަހަރު ދުވަހަށް ވި އެ އެއްބަސްވުމުގެ ދަށުން އެޑްވާންސްކޮށް ހަ ލައްކަ ރުފިޔާ ދައްކާފައިވާ ކަމުގަ އެވެ. އަދި އައިބީއެމުން ކުއްޔަށް ނެގި ތަން މަރާމާތު ކުރުމަށް އެއްބަސްވެފައިވާ ކަމަށާއި އެކަމަށް މިލިއަނެއް ހަރަދުވާނެ ކަމުގަ އެވެ.
ލޭބަ އެކޮމަޑޭޝަނެއްގެ ގޮތުގައި އައިބީއެމުން ބޭނުން ކުރަމުން ދިޔަ ތަނަކީ މަހުން މަހަށް އެއްބަސްވުން އާ ކުރަމުން އައި ތަނެއްކަން ވެސް ޕޯސްޓުގައި ފާހަގަކޮށްފައިވެ އެވެ. އެކަން އެގޮތަށް ކުރަމުން ގެންދިޔައީ ގިނަ މައްސަލަތަކެއް ހުރުމާ އެކު ތަން ދޫކޮށްލުމުގެ ވިސްނުން އެ ކުންފުނިން ގެންގުޅެމުން ދިއުމާ އެކު ކަމަށެވެ. އެ ތަނަކީ އޮފީހެއް ނުވަތަ ގުދަނެއްގެ ގޮތުގައި ބޭނުންކުރަން އެކަށީގެންވާ ގޮތަކަށް ހުރި ތަނެއް ނޫން ކަމަށް ވެސް ބުނެފައިވެ އެވެ.
އެ ކަމާ ގުޅިގެން މަތީން "ދެން" އަށް ވިދާޅުވީ އެކަމަކީ އައިބީއެމުން ކުރިއަށް ގެންދިޔަ އެ ކުންފުނީގެ މަސައްކަތު މީހުންގެ އެކޮމަޑޭޝަން އާ ގުޅުންހުރި ޕްރޮކިއުމަންޓް ޕްރޮސެސް އާ ގުޅުންހުރި ކަމެއް ކަމަށެވެ. އެ ޕްރޮސެސް ނިންމިފަހުން އެ ތަނުގެ އަގާއި ޕްރޮކިއުމަންޓް ޕްރޮސެސް އާ ގުޅުންހުރި ޝަކުވާއެއް ލިބުނު ކަމަށެވެ. އެހިސާބުން އެމްޑަބްލިއުއެސްސީން މުޅި މުޅި ޕްރޮސެސް އޮޑިޓްކުރަން ނިންމި ކަމަށެވެ.
"އަޅުގަނޑުމެން އެކަން އޮޑިޓްކުރީ. އައިބީއެމްގެ އޮޑިޓް އިންނާނީ އަޅުގަނޑުމެންގެ އިންޓާނަލް ކޮމަން އޮޑިޓެއް އެއީ. އޮޑިޓް ރިޕޯޓުގެ ރިކޮމެންޑޭޝަންތައް ފާސްކުރާނީ އަޅުގަނޑުމެންގެ ބޯޑުން. ބޯޑުން ނިންމީ އެކަންކަން ރަނގަޅުކޮށްފައި، އިސްލާހުކޮށްފައި އަލުން ޕްރޮސެސް ކުރިއަށް ގެންދަން ނިންމާފައި. އިތުބާރު ހިފޭ ގޮތަކަށް،" މަތީން ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވި ގޮތުގައި އައިބީއެމްގެ ޕޭރެންޓް ކުންފުނީގެ ހައިސިއްޔަތުން މައްސަލަތަކެއްގެ ތެރޭގައި ކަންކަން ހިނގައިދިޔުމަކީ އެ ކުންފުނިން ބޭނުންވާ ގޮތެއް ނޫން ކަމުގަ އެވެ. އެގޮތުން މިހާރު ވެފައިވާ އެއްބަސްވުން ކުރިއަށް ނުގެންގޮސް ޓާމިނޭޓްކޮށްފައި، އަލުން އާ ޕްރޮސެސްއެއް ފަށަން އައިބީއެމްއެއް މި މަހުގެ 18 ވަނަ ދުވަހު އަންގާފައިވާ ކަމުގަ އެވެ.
އާ އެއްބަސްވުމުގެ ދަށުން ކުއްޔަށް ހިފި އަގަށް ގެނައި ބަދަލާ ގުޅޭގޮތުން އައިބީއެމުން މައުލޫމާތު ދީފައި ވަނީ ކުރިން ހިފީ ހަމައެކަނި އެކޮމަޑޭޝަނެއްގެ ގޮތުގައި ކަމަށާއި ފަހުން އެ ތަން ހިފާފައި ވަނީ ގުދަނަކާ އެކުގައި ކަމަށް މަތީން ވިދާޅުވި އެވެ. ބާކޮށް ހުރި ތަނަކަށް ވުމާ އެކު، ތަން މަރާމާތު ކޮށްފައިވުމަކީ ވެސް އަގަށް ބަދަލު އައި ކަމެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ކަމަށެވެ.
އިތުރަށް ވިދާޅުވީ އެއްބަސްވުމާ ގުޅިގެން ޕޯސްޓުގައި ބުނެފައިވާ އަދަދަކީ ފަސް އަހަރު ދުވަހުގެ ކުއްޔަށް ޖުމްލަކޮށް ހޭދަވާނެވަރު ކަމަށެވެ.
މި މައްސަލަ ސޯޝަލް މީޑިއާއަށް ތިލަވެފައިވަނީ ކަމާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް އަޅައި ނިންމި ފަހުން ކަމުގައި ހާމަކުރައްވާ މަތީން ވިދާޅުވި ގޮތުގައި ރަނގަޅު ކުރަން ޖެހޭ ކަންކަން އަބަދުވެސް ހުންނާނެ ކަމުގަ އެވެ.
"އަޅުގަނޑުމެން ކިރިޔާ ވެސް ދިމައެއްގެ ޝަކުވާއެއް އޮވެއްޖެ ނަމަ ޝަކުވާ ބަލާފައި ރަނގަޅުކުރަން ޖެހެންޏާ ރަނގަޅު ކުރުމުގެ މެކޭނިޒަމް އެބައިން. ކަމެއް ގޯސްކޮށްދާކަށް އަޅުގަނޑުމެން ދޫނުކުރާނެ. އެކަމުގެ ޔަގީންކަން ފެނިގެން އެ ދަނީ،" މަތީން ވިދާޅުވި އެވެ.
އެމްޑަބްލިއުއެސްސީގެ މެނޭޖިން ޑިރެކްޓަރު ވިދާޅުވީ ބޯޑުން ފާހަގަކުރި ކަންކަމާ އެކު އަލުން އެ މަސައްކަތް އައިބީއެމުން ކުރިއަށް ގެންދާ ކަމަށާއި އަލުން އިއުލާނުކުރާއިރު، އެ ކަންކުރާނީ ތަނުގެ ފެންވަރާއި ބޭނުންވާ ކަންކަން އެނގޭނޭ ގޮތަށް ކަމަށެވެ. އޭގެ އިތުރުން މިފަދަ ކަމެއް އިތުރަށް ތަކުރާރުވިޔަ ނުދިނުމަށް ޕްރޮސެސް ބަދަލު ކުރުމަށާއި ކަމާ ގުޅިގެން އެއްވެސް މުވައްޒަފެއްގެ އިހުމާލެއްވާ ނަމަ އެ މީހަކު ޒިންމާދާރުކުރަން އަންގާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.