ވަކިކުރި 228 ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރަން އައިކޮމުން އަންގައިފި
ދައުލަތުގެ ހަރަދު ކުޑަކުރުމުގެ ގޮތުން އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން ވަކިކުރި ކަމަށް ސަރުކާރުން ބުނެފައިވާ ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ހާމަކުރުމަށް އިންފޮމޭޝަން ކޮމިޝަނަރު އަހްމަދު އާހިދު އަންގަވައިފި އެވެ.
ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ދަށުން 228 ސިޔާސީ މުވައްޒަފުން ވަކިކުރަން ނިންމަވާފައިވާކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އޮކްޓޫބަރު މަހު 15 ގައި "އެކްސް" ގައި ކުރެއްވި ޕޯސްޓެއް މެދުވެރިކޮށް ވިދާޅުވެފަ އެވެ.
އޭގެ ތެރޭގައި 7 ސްޓޭޓް މިނިސްޓަރުންނާއި، 43 ޑެޕިއުޓީ މިނިސްޓަރުންނާއި، 69 ޕޮލިޓިކަލް ޑިރެކްޓަރުން އަދި 109 ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުން ހިމެނޭ ކަމަށް ރައީސްގެ ޕޯސްޓުގައި ފާހަގަކުރެއްވި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު, ރައިޓް ޓު އިންފޮމޭޝަން (އާރްޓީއައި) ދަށުން އެ މުވައްޒަފުންނާ ގުޅޭ މައުލޫމާތު ހޯދަން ހުށަހެޅުމުން އެއީ ޒާތީ މައުލޫމާތުތަކެއް ކަމަށް ބުނެ، މައުލޫމާތު ހާމަކުރުމަށް ރައީސް އޮފީހުން ވަނީ ދެކޮޅު ހަދާފަ އެވެ.
އެ މައުލޫމާތު ހޯދަން އެދި ތިން ފަރާތަކުން ހުށަހަޅާފައިވާ މައްސަލަތަކާ ގުޅިގެން އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން މިއަދު ބޭއްވި އަޑުއެހުމުގައި ވަނީ ގޮތް ނިންމާފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމެވުމުގައި ވިދާޅުވީ ވަކިކުރި މުވައްޒަފުންގެ ދާއިމީ އެޑްރެހަކީ ޒާތީ މައުލޫމާތަކަށް ވާތީ އެ މައުލޫމާތު ހާމަނުކުރެވޭނެ ކަމަށެވެ. އެހެންނަމަވެސް ސިޔާސީ މުވައްޒަފުންނަކީ ގާނޫނު އަސާސީގެ ދަށުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ މުވައްޒަފުންނަށް ވާތީ އެ މީހުންގެ މައުލޫމާތަކީ އާންމު މަސްލަހަތުގެ ދަށުން ހިފެހެއްޓޭނެ މައުލޫމާތެއް ނޫން ކަމަށެވެ.
އެހެންކަމުން ރިފޯމް އެޖެންޑާގެ ދަށުން ވަކިކުރި މުވައްޒަފުންގެ ނަމާއި މަގާމާއި ވަޒީފާ އަދާކުރި ތަނާއި ލިބުނު މުސާރަ އަދި ވަކިކުރި ތާރީހަކީ ހާމަކުރަން ޖެހޭނެ މައުލޫމާތުކަން ފާހަގަކުރެއްވި އެވެ. އެ މައުލޫމާތުތަކަށް އެދުނު ފަރާތްތަކަށް ރަސްމީ ފަސް ދުވަހުގެ ތެރޭގައި މައުލޫމާތު ހާމަކުރަން ރައީސް އޮފީހުގެ މައްޗަށް ކޮމިޝަނަރު ވަނީ އަމުރުކުރައްވާފަ އެވެ.
އިންފޮމޭޝަން ކޮމިޝަނަރުގެ ނިންމުން ހައި ކޯޓުގައި އިސްތިއުނާފު ކުރަން ބޭނުންވާ ނަމަ އެކަން ކުރުމަށް ރައީސް އޮފީހަށް 30 ދުވަހުގެ މުއްދަތެއް ލިބޭނެ އެވެ.
މައްސަލައިގައި މީގެކުރިން ބޭއްވި އަޑުއެހުމެއްގައި ރައީސް އޮފީހުން ބުނެފައި ވަނީ ވަކިކުރި ސިޔާސީ މުވައްޒަފުންގެ މައުލޫމާތު ދިނުމުގައި ބަލަނީ ޒާތީ މައުލޫމާތު އެ މީހެއްގެ ރުހުމަކާ ނުލައި ދޫނުކުރެވޭނެ މާއްދާއަށް ކަމަށެވެ.
ވަޒީފާއިން ވަކިކުރި މީހުންގެ މައުލޫމާތު ހޯދުމުގައި ޕަބްލިކް އިންޓްރެސްޓެއް އޮންނާނެތޯ އިންފޮމޭޝަން ކޮމިޝަނުން ސުވާލުކުރުމުން ރައީސް އޮފީހުގެ ލީގަލް ޓީމުން ބުނީ އާންމުންނަށް ބޭނުންވާ ވަރުގެ މައުލޫމާތު ރައީސްގެ ޓްވީޓުގައި ބަޔާންކޮށްފައިވާ ކަަމަށެވެ.
"... ވަކި ކުރެވުނު މީހުންގެ ނަންތައް ހާމަކުުރުމުން އޭގައި ޕަބްލިކް ކޮން އިންޓްރެސްޓެއްތޯ އޮންނާނީ. ގިނަ ފަހަރު ދިމާވާ ގޮތަކީ ވަޒީފާއިން ވަކިކުރީމަ އެ ބޭފުޅުންނަށް ފުރުއްސާރަ މިކުރަނީ ދެއްތޯ. އެ ބޭފުޅުންގެ ޒާތީ މަސްލަހަތު ވެސް ރައްކާތެރިކުރުން މީގައި ބޮޑުކަން ނޭނގެ،" ރައީސް އޮފީހުގެ ޑެޕިއުޓީ ލީގަލް އޮފިސާ މިންހާ މުހުސިން ވިދާޅުވެފައިވެ އެވެ.
ރައީސް އޮފީހުން އެ ދުވަހު ބުނީ މައުލޫމާތު ދޭން ދެކޮޅު ހަދަނީ ނޫން ކަމަށާއި ގާނޫނުގެ ތެރެއިން ދެވެން ހުރި މައުލޫމާތު ދީފައިވާ ކަމަށެވެ.
އެ މުވައްޒަފުންގެ ނަން ފިޔަވާ އެހެން މައުލޫމާތުތައް ހާމަކުރެވޭނެތޯ އައިކޮމުން ސުވާލު ކުރުމުން އެ މައުލޫމާތު ހާމަކޮށްފިނަމަ ވަކިކުރި މުވައްޒަފުންނަކީ ކޮން ބައެއްކަން އެނގުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފައިވެ އެވެ.
"ޕަބްލިކަށް ބޭނުމެއް ނުވާނެ އެ މީހެއްގެ ނަމާއި އެ މީހަކު ނިސްބަތްވާ ރަށާ، އެއީ އަޅުގަނޑުމެންގެ ސްޓޭންޑަކީ،" ރައީސް އޮފީހުގެ ލީގަލް ޓީމުން އެ އަޑުއެހުމުގައި ފާހަގަކޮށްފައިވެ އެވެ.