ޚަބަރު

ފުލުސް ކާރެއްގައި ޖެހި އެކްސިޑެންޓްވި 18 އަހަރުގެ ޒުވާނާ ވެންޓިލޭޓަރަށްލައިފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް: އެކްސިޑެންޓުގައި އަނިޔާވި ޒުވާނާގެ ހާލު ސީރިއަސް

ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފުލުުހުންގެ ކާރަކާއި ސައިކަލެއް ޖެހި ރޭ ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނާ ވެންޓިލޭޓަރަށްލައިފި އެވެ.

Ads by Sosun Fihaara

އެކްސިޑެންޓުގެ ވީޑިއޯ ސޯޝަލް މީޑިއާގައި ދައުރުވަމުން އަންނައިރު، ވީޑިއޯއިން ފެންނަ ގޮތުގައި ހާދިސާގެ ސަބަބުން ފުލުހުންގެ ކާރަށާއި ސައިކަލަށް ބޮޑެތި ގެއްލުންތަކެއް ވަނީ ލިބިފަ އެވެ.

މީޑިއާތަކަށް ރޭ ފަތިހު ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ރޭ ދަންވަރު 1:50 ހާއިރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ކަމަށެވެ. އެކްސިޑެންޓުގައި އަނިޔާވެފައި ވަނީ އުމުރުން 18 އަހަރުގެ ފިރެހެން ކުއްޖަކަށް ކަމަށެވެ.

އަނިޔާވި ފަރާތުގެ ހާލު ސީރިއަސް ކަމަށް ހުޅުމާލެ ހޮސްޕިޓަލުން މައުލޫމާތު ފުލުހުންނަށް ދީފައިވާ ކަމަށް އޭރު ބުނެފައިވެ އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލެއް "ދެން" އަށް ވިދާޅުވީ އެ އެކްސިޑެންޓް ހިނގީ ފުލުސް ކާރު ގުލްއަލާމަގު، އިރުން ހުޅަނގަށް ނިރޮޅުމަގު ހުރަސްކުރި ވަގުތު ބާރު ސްޕީޑުގައި ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލަކާ ޖެހިގެން ކަމަށެވެ.

އެކްސިޑެންޓުގައި ސައިކަލް ދުއްވަން އިން ޒުވާނާއަށް އަނިޔާވުމުގެ ސަބަބުން ފަރުވާ ދިނުމަށް ހުޅުމާލެ ހޮސްޕިޓަލަށް ގެންދެވުނު ކަމަށެވެ. އެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް މިހާރު ބަދަލުކޮށްފައިވާ ކަމަށެވެ.

".. ހުޅުމާލެ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު މިހާރު އިތުރު ފަރުވާއަށް މީހާ ވަނީ އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ވެންޓިލޭޓަރުގައި ބާއްވައިގެން މިހާރު ދަނީ ފަރުވާދެމުން،" އޮފިޝަލް ވިދާޅުވި އެވެ.

Ads by Ooredoo