އަހަރުގެ ފުރަތަމަ ފަތުރުވެރިޔާ، ރާއްޖެ އާ އޮތީ ހާއްސަ ގުޅުމެއް
މި އަހަރު ރާއްޖެ ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި އެވެ.
މި އަހަރު ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަކީ މީގެކުރިން 11 ފަހަރު ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިއެކެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގެ ރަސްމީ "އެކްސް" އެކައުންޓުން މިއަދު ކުރި ޕޯސްޓެއްގައި ބުނީ، މި އަހަރު އެންމެ ފުރަަތަމަ ޒިޔާރަތްކުރީ، ރާއްޖެ އަންނަ ފަތުރުވެރިންގެ ތެރެއިން ހާއްސަ ފަތުރުވެރިއެއް ކަމަށެވެ.
ސްޕެއިންގެ ރައްޔިތެއް ކަމަށްވާ ލުއިސް ނަމަކަށް ކިޔާ އެ ފަތުރުވެރިޔާ އާއި އޭނާގެ އާއިލާ 11 ފަހަރު ރާއްޖެ އައިސްފައިވާކަން ފާހަގަކޮށް، އެ ޕޯސްޓުގައި ބުނީ، އެ މީހުންނަކީ ވެސް ރާއްޖޭގެ އާއިލާއެއްގެ ގޮތުގައި ދެކޭ ބައެއް ކަމަށެވެ.
އަދި އެ ފަތުރުވެރިން މޫދާއި، ދޮން ވެލިގަނޑާއި، ރާއްޖޭގެ ރީތިކަން ދެކެ އެވާ ލޯތްބާއި، ރާއްޖެއަކީ ދެވަނަ ގެއަކަަށް ހެދީތީ އެކަމަށް ޝުކުރު އަދާކޮށްފައިވެ އެވެ.
އާ އަހަރާއެކު މިއަދު ފުރަތަމަ ފަތުރުވެރިޔާ ރާއްޖެ އައިއިރު، ނިމިދިޔަ އަހަރު ރާއްޖެ 2 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވެ އެވެ.
ފަތުރުވެރިން ޒިޔާރަތްކުރި އަދަދުތަކުގެ ތަފާސް ހިސާބު؛
- 2013: 1.1 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (17.5 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2014: 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (7.1 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2015: 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (2.4 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2016: 1.2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (4.2 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2017: 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (8.0 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2018: 1.4 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (6.8 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2019: 1.7 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (14.7 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2020: 5 ލައްކަ ފަތުރުވެރިން ޒިޔާރަތްކުރި (ކޮވިޑުގެ ސަބަބުން 67 އިންސައްތައިގެ ގެއްލުން ލިބުނު)
- 2021: 1.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (138 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2022: 1.6 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (26.7 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2023: 1.8 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (12.1 އިންސައްތައިގެ ކުރިއެރުމެއް ހޯދި)
- 2024: މިދިޔަ މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް 2 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރި (މިއީ 9.0 އިންސައްތައިގެ ކުރިއެރުމެއް)