ހަލީލް، ޖައިޝަންކަރާ ބައްދަލު ކުރައްވައިފި
ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ އަބްދުﷲ ހަލީލްއާ އިންޑިއާގެ އެކްސްޓާނަލް އެފެއާސް މިނިސްޓަރު ޑރ ސުބްރަމަނިއަމް ޖައިޝަންކަރު މިއަދު ބައްދަލު ކުރައްވައިފި އެވެ.
ރަސްމީ ދަތުރެއްގައި ހަލީލް އިންޑިއާއަށް ވަޑައިގެންނެވީ އިއްޔެ އެވެ. އެކަން އިއުލާނު ކުރައްވާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ހަލީލް ވިދާޅުވީ، އެ ދަތުރަކީ ޖައިޝަންކަރާއި ބައްދަލުކުރުމަށް ކުރައްވާ ދަތުރެއް ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ، އެ ދަތުރަކީ ދެ ގައުމުގެ ދެމެދުގައިވާ ގުޅުން ބަދަހިކޮށް، ދެ ގައުމުން ވެސް އިސްކަންދޭ މުހިންމު މައްސަލަތައް ހައްލުކުރުމަށް މަޝްވަރާ ކުރެވިގެންދާނެ ކަމަށެވެ.
މިނިސްޓަރު ހަލީލް 3 ދުވަހަށް އިންޑިއާއަށް ވަޑައިގެންނެވުމުން ބައްދަލުކުރައްވާ އެކްސްގައި ޖައިޝަންކަރު ވިދާޅުވީ، މިދިޔަ އޮކްޓޯބަރު މަހު ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި އިގްތިސާދާއި މެރިޓައިމް ސެކިއުރިޓީ ޕާޓްނާޝިޕްގެ މަސައްކަތްތަކެއް ކުރުމަށް މަޝްވަރާ ކުރެވިފައިވާ ކަމަށެވެ.
ޖައިޝަންކަރު ޕޯސްޓު ކުރެއްވި ވީޑިއޯއެއްގައި ވިދާޅުވީ ހަލީލް އިންޑިއާއަށް ވަޑައިގެންނެވުމަކީ އެ މަސައްކަތްތަކުގެ އަޕްޑޭޓްތައް ހިއްސާކުރުމަށާއި، މަސައްކަތް ކުރިއަށް ގެންދިއުމަށް ލިބޭ އިތުރު ހިތްވަރަކަށް ވެގެން ދިޔަ ކަމަށެވެ.
ރާއްޖެ އަކީ އިންޑިއާ ކަނޑުގެ ސަރަހައްދުގައި އޮންނަ އިންޑިއާއަށް މުހިންމު އަވަށްޓެރި ގައުމެއް ކަމަށާއި ދިފާއީ އަދި ސަލާމަތީ ދާއިރާތައް ހިމެނޭ ގޮތަށް ޖުމްލަ ދެގައުމުގެ ގުޅުންތައް ބަދަހި ކުރާނެ ކަމަށާއި، އަބަދުވެސް ރާއްޖެއަށް އެހީތެރިވެދިނުމުގައި އިންޑިއާ ދެމިއޮންނާނެ ކަމަށް ވެސް ޖައިޝަންކަރު ވިދާޅުވި އެވެ.
ހަލީލަކީ މި ފެށުނު އާ އަހަރު އިންޑިއާއަށް ރަސްމީ ދަތުރެއްގައި ވަޑައިގެންނެވި ފުރަތަމަ ފޮރިން މިނިސްޓަރެވެ. މިދިޔަ އޮކްޓޫބަރު މަހު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައިވެސް ހަލީލް ބައިވެރިވެވަޑައިގެންނެވި އެވެ.
މިނިސްޓަރަށް އިންޑިއާއިން މަރުހަބާ ދަންނަވާފައި ވަނީ އެ ގައުމުގެ އެކްސްޓާނަލް މިނިސްޓްރީގެ އެޑިޝަނަލް ސެކްރެޓަރީ ޕުނީތް އަގްރަވަލް އެވެ.