ގުރައިދޫ 60 ގެއަކަށް، ނިލަންދޫގެ 80 އިންސައްތަ ފެންބޮޑުވެ ގެއްލުންވެއްޖެ
އިރުވައި މޫސުން ފެށި މުޅި ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގެ ސަބަބުން މިހާތަނަށް 7 ރަށެއްގައި ފެންބޮޑުވެ، 80 އަށްވުރެ ގިނަ ގެތަކަށް ގެއްލުން ލިބިއްޖެ އެވެ.
ނޭޝަނަލް ޑިޒާސްޓާ މެނޭޖެމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ބުނީ، މޫސުން ގޯސްވެ އުދައިގެ އަސަރުކޮށްގެން ށ ނަރުދޫ އާއި ރ އިނގުރައިދޫން ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
ބޯކޮށް ވާރޭވެހި ފެންބޮޑުވުމުގެ ސަބަބުން ގެއްލުންވެފައިވާ ރަށްތަކުގެ އަދާހަމަ ހިއްސާކުރަމުން އެންޑީއެމްއޭއިން ބުނީ، ފ ނިލަންދޫގެ 80 އިންސައްތައިގައި ފެންބޮޑުވި ކަމަށެވެ. ދެން އެންމެ ބޮޑަށް ފެންވަދެ ގެއްލުން ވެފައިވަނީ ކ ގުރައިދޫ އަށް ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭއިން ބުނި ގޮތުގައި ގުރައިދޫގައި ފެންބޮޑުވެ، ނަރުދަމާ ނިޒާމުން ވެސް ދަނީ ލީކުވަމުންނެވެ. އެ ރަށުގެ 60 ގެއަކަށް ފެންބޮޑުވުމުގެ ސަބަބުން އަސަރުކޮށް، އެކި ވަރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް އެ އޮތޯރިޓީން ބުންޏެވެ.
އެންޑީއެމްއޭއިން ބުނީ، ދ ކުޑަހުވަދޫއާ އެ އަތޮޅު މީދޫގައި ވެސް ފެންބޮޑުވެ، ގެތަކަށް ފެން ވަދެފައިވާ ކަމަށެވެ. އެ ދެ ރަށުގެ ކައުންސިލާ ހަވާލާދީ އެ އޮތޯރިޓީން ބުނީ، ދެ ރަށުގައި ވެސް 10 ގެއަކަށް ފެނުގެ އަސަރު ކޮށްފައިވާ ކަމަށެވެ.
އދ. މާމިގިލީގައި ފެންބޮޑުވުމުގެ ސަބަބުން 4 ގެއަކަށް ގެއްލުންވީ ކަމަށް އެ އޮތޯރިޓީން ބުންޏެވެ. އެންޑީއެމްއޭއިން ފާހަގަކުރި ގޮތުގައި އޭގެ ތެރެއިން 2 ގެއަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވެ އެވެ. ނަމަވެސް، އެ ގޭބިސީންނަށް ވަގުތީ ބޯހިޔާވަހިކަމެއް އަދި ފޯރުކޮށްދީފައެއް ނުވެ އެވެ.
އެންޑީއެމްއޭއިން ބުނީ ފ ފީއަލީގައި ފެންބޮޑުވެ ގެއްލުން ލިބުނު ގެތަކުގެ ތެރެއިން އެއް ގެއެއްގެ ގޭބިސީންނަށް ވަގުތީ ބޯހިޔާވަހިކަން ވެސް ފޯރުކޮށްދެވިފައިވާ ކަމަށެވެ.
ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް މޫސުން ގޯސްވުމާއި ގުޅިގެން ނެރުނު އޮރެންޖު އިންޒާރުގެ މުއްދަތުވެސް ވަނީ ދަންމާލައިފަ އެވެ.
މެޓް އޮފީހުން އޮރެންޖް އެލާޓު ނެރެފައިވަނީ ބ އަތޮޅުން ފެށިގެން ތ އަތޮޅާ ހަމައަށެވެ. ފުރަތަމަ އެ އެލާޓު ނެރުނީ މިރޭ 07:00 އާ ހަމައަށެވެ. މެޓުން ވަނީ އަނެއްކާވެސް އެ އެލާޓުގެ މުއްދަތު މިރޭ 23:00 އާ ހަމައަށް އިތުރުކޮށް އެލާޓު ދަމަހައްޓާފަ އެވެ.