ޕޮލިސް ކާރު އެކްސިޑެންޓް: އަނިޔާވި ޒުވާނާ އަދިވެސް ވެންޓިލޭޓަރުގައި
މިދިޔަ މަހުގެ 27 ވަނަ ދުވަހުގެ ރޭ ދަންވަރު ހުޅުމާލެ ދެ ވަނަ ފިޔަވަހީގައި ފުލުހުންގެ ކާރަކާ ސައިކަލެއް ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި އަނިޔާވި 18 އަހަރުގެ ޒުވާނާއަށް އަދިވެސް އޮތީ ވެންޓިލޭޓަރުގައި ކަމަށް އައިޖީއެމް ހޮސްޕިޓަލުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، އެ އެކްސިޑެންޓް ހިނގާފައިވަނީ 27 ވަނަ ދުވަހުގެރޭ ދަންވަރު 01:45 ހާއިރު ހުޅުމާލެ ފޭސް 2 ގެ ނިރޮޅުމަގާއި ގުލްއަލާމާހިނގުން ގުޅޭ ހިސާބުގައި ފުލުހުންގެ ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ.
އެ އެކްސިޑެންޓް ހިނގީ ފުލުސް ކާރު ގުލްއަލާމަގު، އިރުން ހުޅަނގަށް ނިރޮޅުމަގު ހުރަސްކުރި ވަގުތު ބާރު ސްޕީޑުގައި ނިރޮޅުމަގުން އުތުރުން ދެކުނަށް ދުއްވާފައި އައި ސައިކަލަކާ ޖެހިގެން ކަމަށް ފުލުހުން މައުލޫމާތު ދީފައިވެ އެވެ.
އެރޭ ހިނގާފައިވާ ނުރައްކާތެރި އެކްސިޑެންޓްގައި ހިމެނޭ ސައިކަލު ދުއްވި މީހާއަށް ބޮޑެތި އަނިޔާތަކެއްވެފައިވާ ކަމަށް ފުލުހުން ބުންޏެވެ. އެކްސިޑެންޓުގައި އަނިޔާވި ޒުވާނާ، އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނާ ހިލާފުވެގެން އެ ގާނޫނުގެ ދަށުން ޑިސެންބަރު 21 ވަނަ ދުވަހު ލައިސަންސް ހިފަހައްޓާފައިވާ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އޭނާ އަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދިނުމަށްފަހު، އިތުރު ފަރުވާއަށް އައިޖީއެމްއެޗަށް ބަދަލުކުރި އެވެ. ލިބުނީ ކިހާވަރެއްގެ އަނިޔާއެއް ކަމެއް އެނގިފައެއް ނުވެ އެވެ.
އައިޖީއެމްއެ ހޮސްޕިޓަލް މީޑިއާ އޮފިޝަން 'ދެން' އަށް މިއަދު ވިދާޅުވީ، އެ ޒުވާނާއަށް އަށް އަދިވެސް ފަރުވާދެމުން ދަނީ ވެންޓިލޭޓަރުގައި ކަމަށެވެ.
"އަދިވެސް އޮތީ ވެންޓިލޭޓަރުގައި. ހާލަތު ބަދަލެއް ނުވޭ،" އޮފިޝަލް ވިދާޅުވި އެވެ.
އެ އެކްސިޑެންޓްގައި ކާރު ދުއްވަން އިން އޮފިސަރުގެ އިހުމާލެއް ވޭތޯ ބެލުމަށް ތަހުގީގެއް ހިންގާނެ ކަމަށް ފުލުހުން ބުނެފައިވެ އެވެ.
އަދި މިއަދު ފުލުހުން ވަނީ އެ އެކްސިޑެންޓް ހިނގި ވަގުތު މަންޒަރު ދުށް މީހުން ހޯދަން ވެސް އިއުލާނު ކޮށްފަ އެވެ. ފުލުހުން އެދުނީ އެ މަންޒަރު ދުށް މީހެއްވާނަމަ، ޓްރެފިކް އިންވެސްޓިގޭޝަންގެ ނަންބަރު 9444880 އަށް ގުޅުއްވައި މައުލޫމާތު ހިއްސާކުރުމަށެވެ.