ބަނގުރާ އުފުލި ކާރެއް ޓޯކޮށް، 43 ފުޅި އަތުލައިގެންފި

ގިނަ އަދަދެއްގެ ބަނގުރަލާއެކު ޒުވާނަކު ހައްޔަރުކޮށްފި އެވެ.
ފުލުހުންގެ ވެބްސައިޓްގައި މިއަދު ޝާއިއުކުރި ހަބަރެއްގައި ބުނީ ފުލުހުންގެ ޑްރަގް ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރޭ ހިންގި އެ އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ މަޑުއްވަރި, އުފުލަންދޫގެ، އަލީ ހާޒިމް (22އ) ކަމަށެވެ.
އެ މީހާ ހައްޔަރުކުރީ ގަވައިދާ ހިލާފަށް ބަނގުރާ ގެންގުޅެ އެތަކެތީގެ ވިޔަފާރިކޮށް އެތަކެތި ބޭނުންކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން މާލޭގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކަމަށެވެ.
ފުލުހުން ބުނީ އެ އޮޕަރޭޝަނުގައި އޭނާ ދުއްވި ކާރު ހުއްޓުވައި ބަލައިފާސްކުރިއިރު، އެކި ބްރޭންޑްތައް ހިމެނޭހެން ޖުމްލަ 43 ފުޅި ބަނގުރާ ފެނިފައިވާ ކަމަށާއި އެ މައްސަލައާ ގުޅިގެން އޭނާ ދުއްވި ކާރު ޓޯކޮށްފައިވާ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުންވަނީ 10 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އިތުރަށް ބުނީ އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށެވެ.