ތަމްރީނަށް އިތުރު 32 ސިވިލް ސާވަންޓުން އިންޑިއާއަށް ފުރައިފި
އިންޑިއާގެ މުސޯރީގައި ހުންނަ ނޭޝަނަލް ސެންޓާ ފޯ ގުޑް ގަވަނަންސް (އެންސީޖީޖީ) ގައި ކުރިއަށްދާ ކެޕޭސިޓީ ބިލްޑިން ޕްރޮގްރާމުގައި ބައިވެރިވުމަށް 32 ސިވިލް ސާވަންޓުން އިއްޔެ ފުރައިފި އެވެ.
ރާއްޖޭގައި ހުންނަ އިންޑިއާ ހައިކޮމިޝަނުން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި ޕްރޮގްރާމް އޮންނާނީ މާދަމާއިން ފެށިގެން މި މަހުގެ 18 ވަނަ ދުވަހާ ހަމައަށް ކަމަށެވެ.
މި ޕްރޮގްރާމަކީ މިދިޔަ އޮގަސްޓު މަހުގެ 9 ވަނަ ދުވަހު އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި އެންސީޖީޖީ އާއި ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އާ ދެމެދު އާ ކުރެވިފައިވާ އެމްއޯޔޫގެ ދަށުން ފޮނުވޭ 3 ވަނަ ބެޗު ކަމަށް ބަޔާނުގައިވެ އެވެ.
މި ތަމްރީން ހާއްސަކޮށްފައިވަނީ ސިވިލް ސާވިސް އެންޑް ގުޑް ގަވަނަންސް، ލޯކަލް ގަވަނަންސް، ޕޮލިސިން އެންޑް ސެކިއުރިޓީ، ކަސްޓަމްސް، މީޑިއާ، ޖުޑިޝަރީ، އޮޑިޓް އެންޑް ފައިނޭންސް، ހެލްތް، އެގްރިކަލްޗާ، ލާމަރުކަޒީ ނިޒާމް، ތިމާވެށި، ޒުވާނުން އަދި ކުޅިވަރު ފަދަ ކުރިއަރަމުންދާ އާންމު ދާއިރާތަކަށް ބިނާކޮށް ރާއްޖޭގެ ރައްޔިތުންނަށް ބާއްވާ ސިލްސިލާ ތަމްރީންތަކުގެ ތެރެއިން ކަމުގައި ފާހަގަކޮށްފައިވެ އެވެ.
އެޗްސީއައި މޯލްޑިވްސްއިން ބުނީ މި ތަމްރީން ޕްރޮގްރާމުގައި ހިމަނާފައިވާ ކޯސްތަކަކީ ސިވިލް ސާވިސް ކޮމިޝަނުން ފާހަގަކޮށްފައިވާ ޝަރުތުތަކާ އެއްގޮތަށް ފަރުމާކުރެވިފައިވާ ބައިތަކެއް ކަމަށެވެ.
މި ބައިތަކުގެ ތެރޭގައި އީ-ގަވަނަންސް، ޕަބްލިކް ޕޮލިސީ އެންޑް އިންޕްލިމެންޓޭޝަން، އިންޑިއާ-ދިވެހިރާއްޖޭގެ ގުޅުން، އިންޑިއާގެ ސިވިލް ސާވިސްގެ ތައާރަފް، ހެލްތް ގަވަނަންސް، ލީޑާޝިޕް އެންޑް ކޯޑިނޭޝަން، ސްކިލްސް އިންޑިއާ، ބިހޭވިއަރަލް ޗޭންޖް މެނޭޖްމަންޓް، އެތިކްސް އިން އެޑްމިނިސްޓްރޭޝަން، އިންކްލޫސިވް ޑިވެލޮޕްމަންޓް، އާދަރް: އަ ޓޫލް އޮފް ގުޑް ގަވަނަންސް، ލީޑަޝިޕް ކޯޑިނޭޝަން އެންޑް ކޮމިއުނިކޭޝަން ސްކިލްސް، ޖެންޑަ އެންޑް ޑިވެލޮޕްމަންޓް، ޕޮލިސީސް އެންޑް ޕްރެކްޓިސަސް އަދި ޓްރާންސްޕޭރަންސީ އިން ގަވަމެންޓް ޕްރޮކިއުމެންޓް ހިމެނެ އެވެ.
މީގެ އިތުރުން ހިމެނެނީ ޑިސާސްޓާ މެނޭޖްމެންޓާއި، ކްލައިމެޓް ޗޭންޖް އެންޑް އިމްޕެކްސް އޮން ބަޔޯޑައިވާސިޓީ، 2030 ވަނަ އަހަރަށް އެސްޑީޖީ ކާމިޔާބު ކުރުމަށް ކުރާ މަސައްކަތް، ޓުއަރިޒަމް: ޕޮޓެންޝަލް އެންޑް ގްރޯތް، ޑިޖިޓަލް ހެލްތް، ފިންޓެކް، ޑިޖިޓަލް ގަވަނަންސް، ޕަބްލިކް ޕޮލިސީ އެންޑް އިމްޕްލިމެންޓޭޝަން އެންޑް ސާކިއުލާ އިކޮނޮމީ ފަދަ ކުރިއަރަމުންދާ އާންމު ދާއިރާތަކެވެ.
ލެކްޗާތަކުގެ އިތުރުން މި ދަތުރުގައި އިންޑިއާގެ ދެހްދަރުންގައި ހުންނަ ސްމާޓް ސިޓީ ޕްރޮޖެކްޓް އަދި ސްމާޓް ސްކޫލުގެ އިތުރުން ދިއްލީގައި ހުންނަ ފުރަތަމަ ޒީރޯ އެނާޖީ ބިލްޑިން ކަމުގައިވާ އެމްއޯއީއެފްސީސީއަށް އެސްޕޯޝާ ވިސިޓް ކުރުމާ އަދި ތަރިކައިގެ ބިނާ ތާޖް މަހަލްއަށް ޒިޔާރަތްކުރުން ހިމެނޭ ކަމަށް ވެސް ހައިކޮމިޝަނުން ބުންޏެވެ.
މި ޕްރޮގްރާމުގެ ސަބަބުން ދެ ވުޒާރާގެ ދެމެދުގައިވާ ގުޅުން ބަދަހިވެ، ވަރުގަދަވެގެންދާނެ ކަމަށެވެ. އަދި ދެ ގައުމުގެ ވުޒާރާތަކުގެ މެދުގައި މަޝްވަރާތައް ކުރެވި އިލްމުވެރީންގެ ދެމެދު ތަޖުރިބާ ހިއްސާކުރެވި ހިންގުމުގެ ނިޒާމު ވަރުގަދަވެގެންދާނެ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
އިތުރަށް ބުނީ މިއީ އިންޑިއާގެ (ނެއިބާހުޑް ފަސްޓް) ފޮރިން ޕޮލިސީ އަދި ބޮޑުވަޒީރު ނަރެންދްރަ މޯދީގެ "ސެކިއުރިޓީ އެންޑް ގްރޯތް ފޯ އޯލް އިންދަ ރީޖަން" (ސާގަރު) ވިޝަންގެ ދަށުން ރާއްޖެއަކީ ހާއްސަ މަގާމެއް ދެވިފައިވާ ގައުމެއް ކަމަށެވެ. މި ޕާޓްނާޝިޕްގައި ތަމްރީނާއި ގާބިލުކަން އިތުރުކުރުމަށް އެއްބާރުލުން ދިނުމަކީ މައިގަނޑު އެއް ތަނބު ކަމަށެވެ.
ހައި ކޮމިޝަނުން ބުނީ މިދިޔަ އޮކްޓޫބަރު މަހު ބޮޑުވަޒީރު މޯދީ އާއި ރައީސް ޑރ. މުހައްމަދު މުއިއްޒު ސޮއިކުރެއްވި "ކޮމްޕްރިހެންސިވް އިކޮނޮމިކް އެންޑް މެރިޓަމް ސެކިއުރިޓީ ޕާޓްނާޝިޕް" ވިޝަން ޑޮކިއުމަންޓުގައި ވެސް މިކަން ހިމަނާފައިވާ ކަމަށެވެ.
ތަމްރީން ޕްރޮގްރާމުގެ ފުރަތަމަ އެމްއޯޔޫގައި ސޮއިކޮށްފައިވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ 2019 ވަނަ އަހަރުގެ ޖޫން މަހު ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.