ރައީސް ވިދާޅުވަނީ ފްލެޓަށް ވުރެ ހައުސިން ލޯނު ރަނގަޅު ކަމަށް
ސަރުކާރުން ހިންގާ ބޯހިޔާވަހިކަމުގެ މަޝްރޫއުއިން ލިބޭ ފްލެޓް/ގޯތި އަށްވުރެ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ބޯހިޔާވަހިކަމަށް ދޫކުރާ "ހިޔާވެހި" ލޯނު ސްކީމުން ލިބޭ ފައިދާ ބޮޑުވާނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ފަސް ޕަސެންޓު އިންޓްރެސްޓު ލޯނުގައި ދޭ ހައުސިން ލޯނަށް ހުޅުވާލީ ހުސްވި އަހަރުގެ އޮކްޓޫބަރުގަ އެވެ. އެ ލޯނު ސްކީމުގެ ބޭނުން ހިފަން ރައީސް ގެންދަވަނީ ވަރަށް ބޮޑަށް ބާރުއަޅުވަމުންނެވެ. ހުވަދޫ އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައިވެސް ލޯނުގެ ވާހަކަ ރައީސް ތަކުރާރު ކުރެއްވި އެވެ.
ދަތުރުގެ ތެރެއިން ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ އެ ސްކީމުގެ ދަށުން މާލޭގައިނަމަ އާއިލާގެ މެންބަރުންނަށް 10 މިލިއަނާ ހަމައަށް ލޯނު ދޫކުރެވޭނެ ކަމަށެވެ. ރައީސް ވިދާޅުވާ ގޮތުން ހައުސިންގެ "އަސްލު އެއްޗަކީ" އެ ލޯނެވެ.
"އަސްލޭ މި ދެންނެވީ އަޅުގަނޑުމެން ހިންގާ ހައުސިން މަޝްރޫއުތަކުން އެ ލިބޭ ހައުސިން ސްޓޮކަށްވުރެ މި ލޯނު ސްކީމޭ އަސްލު އެންމެ ގިނަ ރައްޔިތުންނަށް ފައިދާވާނެ އެއްޗަކީ. ކޮންމެ ރައްޔިތަކަށް އެކްސެސްސިބިލިޓީޓު ހައުސިން" ރައީސް މުއިއްޒު ވިދާޅުވި އެވެ.
ހިޔާވެހި ސްކީމުގެ ދަށުން ލޯނި ދޫކުރަން ހަމަޖެހިފައިވަނީ ޖުމްލަ 3 ބަޔަކަށް ބަހާލައިގެންނެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އާބަން ޑެވޮލަޕްމަންޓް ސެންޓަރުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯނު
- ފުރަމާލޭގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯނު
- ރާއްޖޭގެ އެހެނިހެން ސަރަހައްދުތަކުގައި ގެދޮރު އެޅުމަށްޓަކައި ދޫކުރެވޭ ލޯނު
މީގެ ތެރެއިން އާބަން ސެންޓަރުތަކުގައި ގެދޮރުއެޅުމަށް އެންމެ ގިނަވެގެން ދޫކުރާނީ 3 މިލިއަން ރުފިޔާ އެވެ. އަދި އެހެން ސަރަހައްދުތަކުގައި ގެދޮރުއެޅުމަށްޓައި އެންމެ ގިނަވެގެން ދޫކުރަނީ 1 މިލިއަން ރުފިޔާއާ ހަމައަށެވެ.
ހައުސިން މަޝްރޫއުތައް މިއަހަރުގެ ތެރޭގައި ފެށުމަށް ދައުލަތުގެ ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ހިމަނުއްވާފައިވާކަން ފާހަގަކުރައްވަމުން އިއްޔެ މާމެންދޫގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ މަގްސަދަކީ ގެދޮރުގެ ދަތިކަމުގެ މައްސަލައަށް، ހަގީގީ މާނައިގައި ދާއިމީ ހައްލެއް ހޯއްދަވައިދެއްވުން ކަމަށެވެ.
މި ދައުރު ނިމޭއިރު، ދިވެހި ކޮންމެ ރައްޔިތަކީ ގެދޮރުގެ މައްސަލައަށް ދާއިމީ ހައްލެއްގެ ފުރުސަތު އޮތް މީހަކަށް ވުމަކީ އަމާޒުކަމުގައި ރައީސް ފާހަގަކުރެއްވި އެވެ. ހައުސިން ޔުނިޓް ނުވަތަ ލޯނު ސްކީމާއި އެނޫންވެސް އެފަދަ މަޝްރޫއުތަކުގެ ތެރެއިން ކޮންމެ މީހަކީވެސް އެމީހެއްގެ ފުރަތަމަ ބޯހިޔާވައްސަށް ފުރުސަތު ލިބިފައި އޮތް ރައްޔިތެއް ކަމުގައި ހެއްދެވުމަށް ވެވަޑައިގެންނެވި ވަޢުދު ފުއްދަވަމުން ގެންދަވާނެ ކަމަށްވެސް ރައީސް ވިދާޅުވެފައިވެ އެވެ.