މައްސަލަ ބޮޑުވި ޕަމްޕު ސްޓޭޝަން ވަގުތީ ގޮތުން އޮޕަރޭޝަނަށް ނެރެފި

މާފަންނު ސަހަރާ ކޮނުމުގެ މަސައްކަތް މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދިޔައިރު އެ ސަރަހައްދުގައި ހުރި ޕަންޕު ސްޓޭޝަނާ ގުޅޭ ހޮޅިތައް ހަލާކުވެފައިވާތީ އަލުން ވަގުތީ ޕަންޕުތަކެއް އޮޕަރޭޝަނަށް ނެރެފައިވާ ކަމަށް ކޮންސްޓްރަކްޝަން މިނިސްޓްރީން މިރޭ ބުނެފި އެވެ.
ފެން ޕަންޕު މައްސަލާގައި ސިޓީ ކައުންސިލާ މިނިސްޓްރީއާ ދެމެދު "އެކްސް" ގައި އަރާރުންތަކެއް ހިނގި އެވެ. މިނިސްޓަރު ޑރ އަބްދުﷲ މުއްތަލިބު ވިދާޅުވި ގޮތުގައި ސްޓޯމް ވޯޓާ ޕަމްޕުގެ ބައެއް ކައުންސިލުން ނެގިކަން މިނިސްޓްރީއަށް އަންގާފައިނުވާ ކަމަށެވެ. އެއީ ވަރަށް ޒިންމާދާރުކުޑަކޮށް ސިޓީ ކައުންސިލުން ކުރި ކަމެއް ކަމަށް މުއްތަލިބު ވިދާޅުވި އެވެ.
އެއަށް ރައްދު ދެމުން މާލޭގެ މޭޔަރު އާދަމް އާޒިމް "އެކްސް" ގައި ވިދާޅުވީ ޕަންޕު ސްޓޭޝަން މަސައްކަތްނުކުރާތަ 5 މަސް ދުވަސް ވެފައިވާ ކަމަށެވެ. އެ މައްސަލަ ހައްލުކުރުމަށް މިނިސްޓްރީއާ އެކު މަޝްވަރާކުރަން ބޭނުންވާ ކަމަށް ކައުންސިލުން ބުނެފައިވާ ދެ ސިޓީއެއްވެސް މޭޔަރު ހިއްސާކުރި އެވެ.

ފެންހިންދާ ޕަންޕުތައް މަރާމާތްކުރުމުގެ މަސައްކަތް ކުރަނީ
އެހެން އެކަން އޮއްވައި މިރޭ ހައުސިން މިނިސްޓްރީން ނެރުނު ނޫސްބަޔާނެއްގައި ޕަންޕު ސްޓޭޝަން ނެގުމުގެ މަސައްކަތާއި ގުޅޭ އެއްވެސް މައުލޫމާތެއް މިނިސްޓްރީއާ ހިއްސާކޮށްފައިނުވާ ކަމަށެވެ.
ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން ލިމިޓެޑް (އާރްޑީސީ) އަދި ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އެހީތެރިކަމާއެކު ޕަމްޕް ސްޓޭޝަންތަކާއި ނެޓްވޯކް ޗެކުކޮށް މައްސަލަ ވަގުތީގޮތުން ހައްލުކުރެވިފާއިވާ ކަމަށް މިނިސްޓްރީގެ ބަޔާނުގައި ބުންޏެވެ.