މާލޭގެ ފިއްޒާ ހަޓާއި ކޭއެފްސީ ވެސް ބަންދުކޮށްފި
ވިޔަފާރި ނުހިނގަތީ, މާލޭގައި ހިންގަމުންދިޔަ ޕިއްޒާ ހަޓާއި ކޭއެފްސީ ބަންދުކޮށްފި އެވެ.
އެ ދެ ތަން ބަންދުކޮށްފައިވަނީ އިޒުރޭލުން ފަލަސްތީނަށް ދެމުންދާ ހަމަލާތަކާ ގުޅިގެން އެތަންތަން ބޮއިކޮޓްކުރަން ގޮވާލާ ސިލްސިލާކޮށް މީގެ ކުރިން މުޒާހަރާތަކެއްވެސް ކޮށްފައި ވަނިކޮށެވެ. އެތަންތަން
ބޮއިކޮޓްކުރަން ގޮވާލާފައިވަނީ އެތަންތަނުން އިޒުރޭލަށް ފަންޑުކުރާ ކަމަށް ބުނެ އެވެ.
މާލޭގެ އެ ދެ އައުޓްލެޓް ބަންދުކޮށްފައިވާއިރު މިދިޔަ އަހަރު ނޮވެންބަރު މަހު ހުޅުމާލެ ރަށު މާރުކޭޓްތަކުގެ މަތީގައި 2023 ވަނަ އަހަރުގެ އޭޕްރީލް މަހު ހުޅުވި ކޭއެފްސީއާއި ޕިއްޒާ ހަޓް ވެސް ވަނީ ބަންދުކޮށްފަ އެވެ. އެހެންނަމަވެސް އެތަންތަނުން ޑެލިވަރީ އޯޑަރުތައް ނަގާ ކަމަށް މައުލޫމާތު ލިބެ އެވެ.
މި ހަފްތާގެ ތެރޭގައި ބަންދުކުރި އަމީނީ މަގު, ގާކޮށި ފްލެޓްގައި ހިންގި ކޭއެފްސީއާއި ޕިއްޒާ ހަޓްގެ އައުލެޓް ކައިރީ މީގެ ކުރިން މުޒާހަރާކޮށްފައިވާއިރު އެތަންތަނުގެ ބިއްލޫރިގަނޑަށް ކަޅުތެޔޮ ޖަހާއި ބިއްލޫރިގަނޑު ތަޅާލާ ގެއްލުން ދީފައިވެ އެވެ.
ފަލަސްތީނަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން މެލޭޝިޔާގައި ހިންގަމުންދިޔަ ކޭއެފްސީ އައުޓްލެޓް ބޮއިކޮޓްކުރަން ފެށުމާއެކު ވިޔަފާރިވެ ދަށްވެ އެ އައުޓްލެޓްވެސް މިދިޔަ އަހަރުގެ މޭ މަހު ވަނީ ބަންދުކޮށްފަ އެވެ.