މި ވަގުތު އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރާކަށް ނެތިން: ނަޝީދު
އެއްވެސް ޕާޓީއެއްގައި އަަމަލީ މަސައްކަތް ކުރަން މި ވަގުތު ބޭނުން ނުވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.
ނަޝީދުގެ ޕާޓީ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންތަކެއް އެ ޕާޓީ ދޫކުރައްވައި ޑިމޮކްރެޓްސްއާ ގުޅިވަޑައިގަތް މި ދަނޑިވަޅު އެމަނިކުފާނު އެކްސްގައި މިއަދު ވިދާޅުވީ އެމަނިކުފާނުގެ ހަޔާތުގެ ބޮޑު ބައި ހޭދަކުރެއްވީ ރާއްޖޭގައި ގިނަ ޕާޓީތައް އެކުލެވޭ ނިޒާމެއް ގާއިމުކުރުމުގެ މަސައްކަތުގައި ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ގައުމެއްގެ ތަރައްގީއަށާއި ރައްޔިތުންގެ ތަނަވަސްކަމަށް އެންމެ ބޭނުން އެއް ވަސީލަތަކީ ވާދަވެރި ސިޔާސީ ހަރަކާތްތައް ކަމަށެވެ.
އެހެންވެ 2008 ގެ އިންތިހާބަށް ފަހުގައި ސަރުކާރުގެ އާމްދަނީ އިތުުރުވެ ދިޔަ މިންވަރުންނާއި އަދި އާމްދަނީއަށް ކުރެވުނު އުމްރާނީ މަސައްކަތުން ރައްުޔިތުންނަށް ހޯދާ ދެވުނު އިޖުތިމާއީ ރައްކާތެރިކަމާއެކު ގިނަ ޕާޓީ އެކުލެވޭ ނިޒާމެއްގެ ފައިދާ ރައްޔިތުންނަށް ބުނެދެވުނު ކަމަށް ވެސް ނަޝީދު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ވިދާޅުވީ އެމަނިކުފާނަކީ އެއްވެސް ސިޔާސީ ޕާޓީއަކާ އިދިކޮޅު ވާނެ މީހެއް ނޫން ކަމަށެވެ.
އަދި އެމްޑީޕީއަކީ އަމިއްލަ ދަރިއެއް ފަދަ ޕާޓީއެއް ކަމަށާއި އަދި އެ ޕާޓީ ވަރުގަދަވެ އޮތުން އެއީ އަބަދުވެސް އެދޭ ކަމެއް ކަމަށް ނަޝީދު ވިދާޅުވި އެވެ.
"އަދި ފަހުން އަޅުގަނޑު ބައިވެރިވި ޑިމޮކްރެޓްސްއަކީ ހާއްސަ ގޮތުގައި ޒުވާނުންނަށް ސިޔާސީ މަސައްކަތްތަކުގައި ބައިވެރިވުމަށް ލިބުނު ރަނުގެ ފުރުސަތެއް. މީގެން ސިޔާސީ އެއްވެސް ޕާޓީއެއްގައި އަމަލީ މަސައްކަތް ކުރާކަށް އަޅުގަނޑު ނެތިން. އެހެން ނަމަވެސް ރާއްޖޭގެ ސިޔާސީ ހަރަކާތުން މުޅިން ދުރުވާކަމަށް ވެސް ނެެތިން" ނަޝީދު ވިދާޅުވި އެވެ.
އެމަނިކުފާނު ރާއްޖޭގެ ސިޔާސީ މަސައްކަތްތަކުން އެއް ފަރާތްވެ ކްލައިމެޓް ވަލްނަރަބަލް ފޯރަމް (ސީވީއެފް)ގެ ސެކްރެޓަރީ ޖެނަރަލްގެ މަގާމާާ ހަވާލުވެ ގާނާއަށް ބަދަލުވެވަޑައިގަތްތާ މިހާރު އަހަރެއް ވާން ވެސް ވަނީ ކައިރިވެފަ އެވެ.