ޕާޓީތަކުގެ މެންބަރުން ދަފުތަރު ކުރަން ބޭނުންކުރާ ސިމަދަ ޕޯޓަލް ހުއްޓާލަނީ
ސިޔާސީ ޕަޓީތަކުގައި މެމްބަރުން ދަފުތަރު ވުމަށް ބޭނުންކުރާާ ސިމަދަ ޕޯޓަލް ހުއްޓާލަން ނިންމައިފި އެވެ.
މިދިޔަ އަހަރު މެދު ތެރެއިން ފެށިގެން ސިޔާސީ ޕާޓީތަކަށް ވަންނަ މެމްބަރުންގެ ފޯމުތައް ޕާޓީތަކުން އިލެކްޝަންސް ކޮމިޝަން (އީސީ)އަށް ހުށަހަޅަމުން ދިޔައީ ސިމަދަ ޕޯޓަލް މެދުވެރިކޮށެވެ.
އެހެން ނަމަވެސް މި މަހުގެ 30 އިން ފެށިގެން އެ ޕޯޓަލް ހުއްޓާލަން ނިންމާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ހަސަން ޒަކަރިއްޔާ ވިދާޅުވި އެވެ.
މިއީ މެމްބަރުން ޕާޓީތަކަށް ވެއްދުމަށް އީ- ފާސް ބޭނުންކުރަން ފެށުމުގެ ގޮތުން އިންތިޒާާމްތައް ހަމަޖެއްސުމުގެ ގޮތުން ނިންމި ނިންމުމެއް ކަމަށް އޭނާ ވިދާޅުވި އެވެ. ނަމަވެސް ކުރިއެކޭވެސް އެއްގޮތަށް އާާންމުންނަށް ޝަކުވާ ހުށަހެޅުމަން އިންނަ "މައި ޕޯޓަލް"ގެ ހިދުމަތް އަދިވެސް ލިބޭނެ އެވެ.
އީ- ފާސް މެދުވެރިކޮށް މެމްބަރުން ޕާޓީތަކަށް ވެއްދުމަށް ނިންމީ ވަގު ފޯމުތައް ހުށަހެޅުން ނިމުމަކަށް ގެންނަން ކަމަށް އިލެކްޝަންސް އިން ކުރިން ވަނީ ބުނެފަ އެވެ.
ވަގު ފޯމު ހުށަހެޅުމުގެ މައްސަލަ އަބަދުވެސް ބޮޑު އިރު މި ފަހުން އެ މައްސަލަ ހޫނުވީ ވައިކަރަދޫ ދާއިރާގެ މެމްބަރު ހުސައިން ޒިޔާދު (ފިއްޓެ) ހިމެނޭހެން އެމްޑީޕީގެ ބައެއް މެމްބަރުންނަށް ނޭނގި ޕީއެންސީއަށް ވައްދާފައިވާ ކަން ފެންމަތިވެގެނެވެ.
މި މައްސަލާގައި ޕީއެންސީން ބުނެފައިވަނީ ފޯމުތަކުގެ ސައްހަ ކަން ކަށަވަރު ކުރުމުގެ ގާބިލްކަން ނެތުމުން ދިމާވި ކަމެއް ކަމަށެވެ. ނަމަވެސް ޕާޓީއަށް ބަޔަކު ނުރުހުމުގައި ނޭނގޭ ގޮތަށް ޒާތީ މައުލޫމާތު ބޭނުންކޮށްގެން ވެއްދުމުގެ ނިޔަތެއް ޕާޓީގެ ލީޑާޝިޕްގައާއި ރައީސް މުހައްމަދު މުއިއްޒުގެ ނެތް ކަމަށް ބުންޏެވެ.
އެމްޑީޕީން ބުނެފައިވާ ގޮތުން ޕީއެންސީއަށް ވަނުމަށް ފޯމު ފުރާފައި ނުވާ އެ ޕާޓީގެ ބައެއް އާންމު މެމްބަރުންނާއި ގައުމީ މަޖިލީހުގެ މެމްބަރުން ވެސް އެމްޑީޕީގެ ދަފްތަރުން އުނިކޮށް ޕީއެންސީގެ ހިމަނާފައިވާތީ އެ މައްސަލަ އީސީގެ ސަމާލުކަމަށް އެ ޕާޓީން ވަނީ އެކި ފަހަރު މަތިން އޮތީ ގެނެސްފަ އެވެ.