ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕްއެއް: އެކަކަށް ދާއިމީ ވަޒީފާ

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އިންޓާންޝިޕް ޕްރޮގްރާމެއް ހިންގައިފި އެވެ.
މިއީ ސޯޝަލް އެންޑް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއި އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އާ ގުޅިގެން ހިންގި އިންޓާންޝިޕް ޕްރޮގްރާމް އެކެވެ.
ސޯޝަލް އެންޑް ޑިވޮލޮޕްމަންޓް މިނިސްޓްރީއާއި އެމްއޭސީއެލްއާ ދެމެދު މިދިޔަ ޖޫން މަހު ސޮއި ކުރި އެއްބަސްވުމުގެ ދަށުން މި ފަަހަރު ހިންގި އިންޓާންޝިޕް ޕްރޮގްރާމްގައި ނުކުޅެދުންތެރިކަން ހުންނަ ހަތަރު ފަރާތަކަށް ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ހުންނަ އެމްއޭސީއެލްގެ އިދާރާގައި މަސައްކަތް ކުރުމުގެ ފުރުސަތު ދިނެވެ.
ހަ މަސް ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދެވުނު މި އިންޓާންޝިޕް ޕްރޮގްރާމް މިއަދު ނިންމައި ވަނީ ބައިވެރިންނަށް ސެޓްފިކެޓް ދީފަ އެވެ.
ސޯޝަލް އެންޑް ޑިވޮލޮޕްމަންޓް މިނިސްޓްރީން މިއަދު ބުނީ އިންޓާންޝިޕް ފުރިހަމަކުރި ފަރާތްތަކުގެ ތެރެއިން އެކަކަށް ދާއިމީ ވަޒީފާ ހަމަޖައްސައިދީފައިވާ ކަމަށެވެ.
މިނިސްޓްރީން ބުނީ މިއީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދިނުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ހާޞިލުކުރެވުނު މުހިންމު ކާމިޔާބީއެއް ކަމަށާއި އަދި އެފަދަ އެހެނިހެން ފުރުސަތުތައް ފަހިކޮށްދިނުމަށް ކަމާބެހޭ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.