މެޓާނިޓީ ލީވްގެ މައްސަލަ އެންމެ ފަހުން މަޖިލީހަށް
ވިހެއުމާ ގުޅިގެން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ލިބޭ މެޓާނިޓީ ލީވްގެ ތެރޭގައި ދަރިފުޅު މަރުވެއްޖެނަމަ ވަޒީފާއަށް ނުކުންނަން މަޖުބޫރުކުރާ މައްސަލަ އެންމެ ފަހުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފި އެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އިބްރާހިމް(ކުޑޫ) އެވެ.
މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲއަށް އެޑްރެސްކުރައްވައި ކުޑޫ ފޮނުއްވި ސިޓީގައި ވިދާޅުވީ މެޓާނިޓީއާ ގުޅޭ މައްސަލައިގެ ޝަކުވާ އިންތިހާއަށް ބޮޑުވެފައިވާއިރު އެކަމުގައި ހައްލެއް ހޯދައިދިނުމަކީ މަޖިލީހުގެ ޒިންމާއެއްް ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
މިހާރު އަމަލުކުރަމުންދާ ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން މުވައްޒަފަކު ވިހެއުމުން ދަރިފުޅަށް ހަ މަސް ދުވަސް ވަންދެން ބަންދު ދުވަސްތައް ހިމަނައިގެން އެ މުވައްޒަފަށް ޗުއްޓީއެއް މުސާރައާއެކު ދޭން ޖެހޭނެ އެވެ.
އެހެން ނަމަވެސް މިހާރު އަމަލުކުރަން ސިވިލް ސާވިސްގެ ގަވައިދުގެ ދަށުން މައިމީހާއަށް ލިބޭ ހަ މަސް ދުވަހުގެ މެޓާނިޓީ ލީވްގެ ތެރޭގައި ދަރިފުޅު މަރުވެއްޖެ ނަމަ، ޖެހިގެން އަންނަ ދުވަހުން ފެށިގެން ވަޒީފާއަށް ނުކުތުމަށް އަންގަމުންދާ މައްސަލަ ވަނީ ފެންމަތިވެ އެވެ.
އެހެންވެ މެޓާނިޓީ ލީވްގައި ހުންނަ އިރު އެހެން ހުރިހާ ޗުއްޓީތަކެއް ހަމަވެފައިވާނަމަ ދަރިފުޅު ނިޔާވާ ހާލަތުގައި އެހެން ޗުއްޓީއެއް ދިނުން މުހިންމުކަމަށް އިބްރާހިމް ހުށަހެޅުއްވި ސިޓީގައި ވިދާޅުވި އެވެ.
ކުޑޫ ހުށަހެޅުއްވީ އެ މައްސަލަ ކޮމިޓީން ދިރާސާކޮށް އެ މައްސަލަ ބަލައި ދިނުމަށެވެ.
އެ މައްސަލަ ރާއްޖޭގެ ލޯ ފާމަކުންވެސް ކޯޓަށް ހުށަހަޅަން މިހާރު ދަނީ ތައްޔާރުވަމުންނެވެ.
މެޓާނިޓީ ލީވްގައި ހުއްޓާ ދަރިފ ނިޔާވުމުން އަނެއް ދުވަހު ވަޒީފާއަށް ނުކުންނަން އަންގާނީ ވަރަށް އަގަލު ކުޑަ މީހަކު. މި ގަވައިދުތައް ހަދާއިރު ހިތަށް އަރާބާ މީ އިންސާނުންނަށް ހަދާ ގަވައިދެކޭ؟ ދަރިޔަކު މާރުވުން އެއީ މަޔަކަށް ލިބޭނެ އެންމެ ބޮޑު އެއް ހިތާމަ.