ވޭޕް މަނާކޮށް ދުންފަތް މަނާ ނުކުރި ސަބަބު ރައީސް ކިޔައި ދެއްވައިފި
ވޭޕް މަނާކޮށް ދުންފަތް މަނާ ނުކުރި ސަބަބު ރައީސް ޑރ. މުހައްމަދު މުއިއްޒު މިރޭ ކިޔައި ދެއްވައިފި އެވެ.
މިދިޔަ މަހުގެ 15 އިން ފެށިގެން ރާއްޖޭގައި ވޭޕް ބޭނުންުކުރުމާއި ވިއްކުން މަނާކޮށްފައިވާ އިރު ދުންފަތް މަނާ ނުކޮށް ޓެކްސް ބޮޑުކުރާތީ ދުންފަތާ މުޖުތަމައު ދުކުރުމުގެ ނިޔަތް ސަރުކާރުން ގެންގުޅޭ ކަމާ މެދު ބައެއް މީހުން އަންނަނީ ސުވާލު އުފައްދަމުންނެވެ.
ރ. އަތޮޅު އުނގޫފާރުގައި މިރޭ ކުރިއަށް ދިޔަ ޖަލްސާގައި ރައީސް ވިދާޅުވީ ވޭޕް މަނާކޮށް ދުންފަތުގެ އިސްތިއުމާލުކުރުން މަދުކުރަން ފިޔަވަޅުތަކެއް އެޅީ ވަކި ބަޔަކަށް ފައިދާތަކެއް ހޯދަައިދޭންް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ ދުންފަތުން ޓެކްސް ބޮޑުކޮށްގެން އާމްދަނީ އިތުރުކުރުމަކީ އެމަނިކުފާނު ގެންގުޅުއްވާ ވިސްނުމެއް ނޫން ކަމަށެވެ.
"ފިނޭންސް މިނިސްޓްރީގެ ހިސާބުތައް މިހާރު ނަހަދާނެ ދުންފަތުގެ ބާވަތްތައް ގަނެގެން އިމްޕޯޓްކޮށްގެން އިތުރުވާ ޓެކްސްއަށް ބަރޯސާ ވެގެން ދައުލަތުގެ އާމްދަނީ ކަލްކިއުލޭޓެއް ނުކުރާނެ މިހާރު. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ކޮންމެ މީހަކީ ދުންފަތުގެ ބާވަތްތައް ބޭނުންކޮށްގެން ލިބޭ ގެއްލުންތަކުން ދުރުވެފައި ތިބި ބަޔަކަށް ވާން" ރައީސް ވިދާާޅުވި އެވެ.
ރައީސް ވިދާޅުވީ ދުންފަތް އެއްކޮށް މަނާކުރުމާއި ވޭޕް މަނާކުރުމާ މުޅިން ތަފާތު ކަމެއް ކަމަށެވެ. އެ ގޮތުން ވޭޕްއަކީ ރާއްޖެއަށް މާ ފަހުން ތައާރަފް ވި ކަމެއް ކަމަށާއި ދުންފަތުގެ އިސްތިއުމާލުކުރުމާ އެއްވަރަށް ވޭޕްކުރުން އޮތީ ދިވެހި މުޖުތަމައުގައި އެހާ ބޮޑަށް އަށަގެންފައި ނޫން ކަމަށެވެެ.
"އެހެންވެ ދެ ކަންތައް އެއްފަހަރާ އެއްގޮތަަކަށް މަނާކުރުމަކީ އެ ގޮތަށް ކުރެވޭނެ ކަމެއް ކަމަށް އަޅުގަނޑަކަށް ނުވިސްނޭ. އެހެންވީމާ ސްޓެޕް ބައި ސްޓެޕް ކުރަން ޖެހޭނެ ކަމެއްގެ ގޮތުގައި ގަބޫލުކުރެވޭތީ އެގޮތަށް ފިޔަވަޅު އެޅީ،" ރައީސް ވިދާޅުވި އެވެ.
ޥަރަށް ކެސް
މަގޭ ނަން ކިޔާށޭ ދެން ބުނެވޭނީ