ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސަރާހަތާއި މުހައްމާ އައްޔަންކޮށްފި
މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ ހުސްވެފައިވާ ދެ މެމްބަރުންގެ މަގާމަށް އެ ކޮމިޝަނުގެ ކުރީގެ މެމްބަރު އާމިނަތު ސަރާހަތު އިއްޒަތާއި މުހައްމަދު އަބްދުالله (މުހައްމާ) އައްޔަންކޮށްފި އެވެ.
ބްރޯޑްކޮމްގެ ދެ މެމްބަރެއްގެ ދައުރު ނިމުނު މަހު ހަމަވުމުން މަގާމުތަކަށް ކުރިމަތިލުމަށް ހުޅުވާލި މުއްދަތުގައި 12 ބޭފުޅަކު ކުރިމަތިލެއްވި އެވެ.
މަގާމަށް ކުރިމަތިލި ފަރާތްތަކުގެ ނަންތަކަށް ރުހުން ހޯދުމުގެ ރައީސް ޑރ. މުހައްމަދު މުއިއްޒު ރައްޔިތުންގެ މަޖިލިހަށް ފޮނުއްވީ ހުސްވި މަހުގެ 12 ވަނަ ދުވަހު އެވެ. އެމަނިކުފާނު ފޮނުއްވި ނަން ލިސްޓުގައި އިސްކަންދެއްވާ ތަރުތީބުގެ ކުރީގައި އޮތީ މުހައްމާ އާއި ކުރީގެ ރައީސް އަބްދުﷲ ޔާމީނުގެ ސަރުކާރުގައި ތަރުޖަމާނުކަން ކުރެއްވި އިބްރާހިމް މުއާޒު އަލީ (މުއާ) ގެ ނަމެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ބްރޯޑްކޮމްއަށް މެމްބަރުން އައްޔަންކުރުމުގެ މައްސަލަ ދިރާސާކޮށް، ނިންމި ލިސްޓުގެ އެއް ވަނައިގައި ވަނީ ސަރާހަތުގެ ނަމެވެ. ދެ ވަނައިގައި ނޫސްވެރިޔާ ޝިފްޒާ މުސްތަފާގެ ނަން އޮތްއިރު، ތިން ވަނައިގައި އޮތީ މުހައްމާގެ ނަމެވެ. ކޮމިޓީ ލިސްޓުން މުއާއަށް ޖާގަ ލިބިފައެއް ނުވެ އެވެ.
މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ދައުރުން ބޭރުގެ ޖަލްސާގައި ވަނީ ކޮމިޓީ ލިސްޓުގެ ތަރުތީބުން ވޯޓަށް އަހާފަ އެވެ.
މަޖިލިހުން ސަރާހަތާއި މުހައްމާ އައްޔަންކުރަން ފެންނަ ކަމަށް ފާސްކުރުމާ އެކު، އެ ދެ ބޭފުޅުން ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަންކޮށްފައިވާ ކަމުގައި ބްރޯޑްކޮމްއިން ރޭ ވަނީ އާންމުކޮށްފަ އެވެ.
ބްރޯޑްކޮމްގެ މެމްބަރު ކަމަށް ސަރާހަތު އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައި ވަނީ ޖަލްސާގައި ބައިވެރިވަޑައިގެންނެވި މެމްބަރުންގެ އިއްތިފާގުންނެވެ. އެއީ 68 މެމްބަރުންގެ ވޯޓާ އެކުގަ އެވެ.
އޭނާގެ ނަމަށް ފަހު ދެން އެހީ ޝިފްޒާގެ ނަމަށެވެ. އޭނާ އައްޔަންކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ ބައިވެރިވެ ވަޑައިގެންނެވި 61 މެމްބަރުންގެ ތެރެއިން 11 މެމްބަރުންނެވެ. ނުފެންނަ ކަމަށް 50 ވޯޓު ދީފައިވެ އެވެ.
ކޮމިޝަނުގެ މެމްބަރު ކަމަށް މުހައްމާ އައްޔަންކުރަން ފެންނަ ކަމަށް 58 މެމްބަރުން ވޯޓު ދެއްވި އެވެ. ނުފެންނަ ކަމަށް ވޯޓު ދެއްވީ 2 މެމްބަރުންނެވެ.
ސަރާހަތާއި މުހައްމާގެ ނަން ފާސްވުމާ އެކު ކޮމިޓީން ލިސްޓުގައި ބާކީއިން ޝިމްލާ އަހުމަދުގެ ނަމަށް ވޯޓަށް އަހާފައެއް ނުވެ އެވެ.