ހަމާއި ފުޅިއަށް ތެޔޮ އަޅައިދޭ އުސޫލަށް އެފްއެސްއެމުން ބަދަލު ގެނެސްފި

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އިން މާލެ އާއި ހުޅުމާލޭގައި ހިންގަމުން އަންނަ ޕެޓްރޯލް ޝެޑްތަކުން ހަމާއި ފުޅިއަށް ތެޔޮ އަޅައިދޭ އުސޫލަށް ބަދަލު ގެނެސްފި އެވެ.
އެފްއެސްއެމްއިން އިއްޔެ އާންމުކުރި ނޯޓިސްއެއްގައި ބުނީ އެ ކުންފުނިން މާލެ އާއި ހުޅުމާލޭގައި އެއްގަމު އުޅަނދުފަހަރަށް ތެޔޮ ވިއްކުމަށް ހެދިފައިވާ ޝެޑުތަކުން ހަންހަމަށާއި ފުޅިއަށް ތެޔޮ އަޅައިދިނުމުގައި އަމަލުކުރަމުން ގެންދާ އުސޫލަށް ބަދަލުތަކެއް ގެނައުމަށް ނިންމާފައިވާ ކަމަށެވެ.
މި ބަދަލުތައް ގެނައުމަށް ނިންމީ ސަލާމަތީ މިންގަނޑުތަކަށް ބަލައި، އުސޫލަށް ބަދަލު ގެންނަން ފެންނާތީ ކަމަށާއި ހިދުމަތް ލިބިގަންނަ ފަރާތްތަކަށް އަވަހަށް ހިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އެ ކުންފުނިން ބުންޏެވެ.
ހަންހަމަށާއި ފުޅިއަށް ތެޔޮ އަޅައިދިނުމުގައި ގެނައި މި ބަދަލަށް އަމަލުކުރަން ފަށާނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ. އުސޫލަށް ގެނައި ބަދަލާ އެކު:
- ފުޅިއަކަށް ކަސްޓަމަރަކަށް ގިނަވެގެން ދޫކުރާނީ ދުވާލަކަށް 3 ލީޓަރު
- ފުޅިއަށް ތެޔޮ އަޅައިދޭނީ ކަސްޓަމަރުގެ އައިޑީކާޑު ހުށަހެޅުމުން
- ހަންހަމަށް ތެޔޮ އަޅައިދޭނީ ޑިންގީ އަދި ލޯންޗުގެ ރަޖިސްޓްރީއަށް ބަލައި ދުވާލަކަށް ގިނަވެގެން 80 ލީޓަރު