ޚަބަރު

އިންޑިއާއިން ރާއްޖެއަށް ދޭ އެހީ އިތުރުކުރަން ބަޖެޓުކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ރައީސް އިންޑިއާ ބޮޑުވަޒީރު މޯދީއާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

އިންޑިއާއިން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި ދޭ އެހީތައް 69 މިލިއަން ޑޮލަރަށް އިތުކުރު ކުރުމަށް އެ ގައުމުގެ ބަޖެޓުގައި ހިމަނައިފި އެވެ.

Ads by STELCO

އިންޑިއާއިން 2026-2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓު އެ ގައުމުގެ ފިނޭންސް މިނިސްޓަރު ނިރުމަލާ ސީތާރަމަން ވަނީ މިއަދު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅުއްވާފަ އެވެ.

ފިނޭންސް މިނިސްޓަރު ހުށަހެޅުއްވި ބަޖެޓުގައިވާ ގޮތުން ރާއްޖެއަށް ހިލޭ އެހީގެ ގޮތުގައި 600 ކްރޯޑް ރުޕީސް (69 ހާސް ޑޮލަރު) ވަނީ ކަނޑައަޅާފަ އެވެ.

މި އަދަދަކީ 2025-2024 ގެ ބަޖެޓުގައި ކަނޑައެޅި އަދަދަށްވުރެ 20 ޕަސެންޓު އިތުރު އަދަދެކެވެ. މިދިޔަ އަހަރުގެ ބަޖެޓުގައި ރާއްޖެއަށް ކަނޑައެޅީ 470 ކްރޯޑު އިންޑިއަން ރުޕީސް (54 މިލިއަން ޑޮލަރު) އެވެ.

އެހެން އަހަރުތަކެކޭ އެއްގޮތަށް މި ފަހަރުގެ ބަޖެޓުގައިވެސްް އެންމެ ބޮޑު އަދަދެއް ކަނޑައެޅީ މި ސަރަހައްދުގައި ހިމެނޭ ބޫޓާން އަށެވެ.

ބޫޓާނަށް ހިލޭ އެހީގެ ގޮތުގައި 1775 ކްރޯޑު ރުޕީސް (135 މިލިއަން ޑޮލަރު) އެވެ. އެ ގައުމަކީ އިންޑިއާއިން އަބަދުވެސް ހިލޭ އެހީގެ ގޮތުގައި ބަޖެޓުން އެންމެ ބޮޑު އަދަދެއްދޭ ގައުމެވެ.

އިންޑިއާގެ ބަޖެޓުގައި ހިލޭ އެހީގެ ގޮތުގައި ރާއްޖެއަށް ދޭ އަދަދު ބޮޑުކޮށްފައި ވަނީ، ދެ ގައުމުގެ ދެމެދުގައި ހީނަރުވި ގުޅުން ރަނގަޅުވާން ފަށައިފައި ވަނިކޮށެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއަށް ކުޑައިމީސްކޮށް މި ސަރުކާރުގެ 3 ޑެޕިއުޓީ މިނިސްޓަރަކު ސޯޝަލް މިޑިއާގައި ކުރި ޕޯސްޓެއްގެ ސަބަބުން ދެ ގައުމުގެ ދެމެދު އޮތް ގުޅުން ވަރަށް ބޮޑަށް ހީނަރުވެ އޭގެ ނެދެވޭ އަސަރު ކުރި އެވެ.

ނަމަވެސް މިހާރު މަޑުމަޑުން ގުޅުންދަނީ ބަދަހިވަމުންނެވެ.

ގުޅުން ބަދަހިކުރެއްވުމަށް ދާދި ފަހުން ރައީސް ޑރ މުހައްމަދު މުއިއްޒު އިންޑިއާއަށް ދަތުރުފުޅެއް ކުރައްވާފައިވާއިރު އެ ގައުމުގެ ފޮރިން މިނިސްޓަރު ޑރ ސުބްރަމަނިއަމް ޖައިޝަންކަރުވެސް ރާއްޖެއަށް ދަތުރެއް ކުރެއްވި އެވެ.

ރާއްޖޭގެ ވަޒީރުންވެސް މިހާރު ދަނީ ދޭތެރެ ދޭތެރެ ރަސްމީ ދަތުރުތަކުގައި އިންޑިއާއަށް ވަޑައިގަންނަވަމުންނެވެ.