ޚަބަރު

ހިރިމަރަދޫ މީހުން ބަދަލުކުރާ ކަން ހަނިމާދޫ ކައުންސިލަށް އަންގާފައި ނުވޭ

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ހަނިމާދޫ ކައުންސިލްގެ މެންބަރުން - ފޮޓޯ: ރައީސް އޮފީސް

ހދ. ހިރިމަރަދޫ މީހުން އެ އަތޮޅު ހަނިމާދޫއަށް ބަދަލުކުރަން ސަރުކާރުން ނިންމީ މަޝްވަރާނުކޮށް ކަމަށާއި ސަރުކާރުން ރަސްމީކޮށް ކައުންސިލާ ހިއްސާކޮށްފައި ނުވާ ކަމަށް ހަނިމާދޫ ކައުންސިލުން މިރޭ ބުނެފި އެވެ.

Ads by Hajj Corporation

ރަށުގައި ދިރިއުޅޭ އާބާދީ 300 ވެސް ހަމަނުވާ، 45 ހެކްޓަރުގެ ކުޑަކުޑަ ހިރިމަރަދޫން އެ ރަށު މީހުން ބޭލުމަށް ފަހު، 305 ހެކްޓަރުގެ ބޮޑު ބިމެއް އޮންނަ ސަރަހައްދުގެ އިންޓަނޭޝަނަލް އެއާޕޯޓު ވެސް ހިންގަމުންދާ ހަނިމާދޫއަށް ބަދަލުކުރަން ނިންމި ކަން ސަރުކާރުން ހާމަކުރީ މިއަދު ހެނދުނެވެ.

ހަނިމާދޫ ކައުންސިލްގެ ރައީސް އަބްދުއްސައްތާރު ހަސަން މިރޭ "ދެން އޮންލައިން" އަށް ވިދާޅުވީ ސަރުކާރުން އެ ކަން ހާމަ ކުރި އިރު ރަސްމީކޮށް ކައުންސިލާ އެއް ގޮތަކަށް ވެސް ހިއްސާކޮށްފައި ނުވާ ކަމަށެވެ.

ހިރިމަދޫ ކައުންސިލްގެ ސިޓީއެއް މީގެ ކުރިން ލިބިގެން ރައްޔިތުންނާ ކޮންމެ ވެސް ވަރަކަށް މަޝްވަރާކޮށްފައި ވާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ.

"ސަރުކާރުން ގޮތެއް ނިންމާފައި ވެސް ވާތީ، ކައުންސިލުން ދެން އެ ކަމުގައި ކުރިއަށް ދާނެ ގޮތެއް ނިންމާނީ ހަނިމާދޫ ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ފަހު،" އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ސައްތާރު ވިދާޅުވި އެވެ.

ހިރިމަރަދޫ ކައުންސިލުން ފުރަތަމަ ސަރުކާރުގައި އެދުނީ މާލެ އަތޮޅު ތުލުސްދުއަށް ބަދަލުކުރުމަށެވެ. ތުލުސްދޫގައި މިހާރު ވެސް ހދ. އަތޮޅު ހިމެނޭހެން އެކި ރަށްރަށުގެ މީހުން ދިރިއުޅެމުންދާއިރު މާލެ ސަރަހައްދާ ކައިރި ރަށަކަށް ބަދަލުވުމަށް އޭރު ކައުންސިލުން ވިސްނި އެވެ. ނަމަވެސް އޭރު ވެސް ހަނިމާދޫއަށް ބަދަލުކުރުމަށް ރަށު ރައްޔިތުންގެ ބަޔަކު ދިޔައީ އެދެމުންނެވެ.