ލޭ ހަދިޔާ ކުރުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި

"ޖޮއިން ދަ ހީރޯސް" ގެ ނަމުގައި ލޭ ހަދިޔާ ކުރުމުގެ ގައުމީ ކެމްޕެއިނެއް ފަށައިފި އެވެ.
އެ ކެމްފެއިން ފައްޓަވައިދެއްވީ ހެލްތު މިނިސްޓަރު އަބްދުﷲ ނާޒިމް އިބްރާހީމެވެ.
ހެލްތު މިނިސްޓްރީން ބުނީ އެ ކެމްޕެއިނަކީ ލޭ ބޭނުންވާ ފަރާތްތަކަށް އެފަދަ ފުރުސަތުތައް ތަނަވަސްކޮށް، ތެލަސީމިއާ ކުދިންނަށާ އަދި މިނޫން ވެސް ލޭ ބޭނުންވާ ފަރާތްތަކަށް ލޭ ފޯރުކޮށްދިނުމަށް ލުއިފަސޭހަ މަގެއް ހުޅުވައިދިނުމުގެ ގޮތުން ހުސްވި އަހަރުގެ ޖުލައި މަހުގެ 11 ވަނަ ދުވަހު ލޭއެޕާއި އެ މިނިސްޓްރީ އާ ދެމެދުގައި ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިއަށްގެންދާ ކެމްޕެއިނެއް ކަމަށެވެ.
ރަސްމިއްޔާތުގައި މިނިސްޓަރު ވަނީ ލޭ ހަދިޔާ ކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފަ އެވެ. އަދި ކެމްޕައިނުގައި ބައިވެރިވެ ވީހާވެސް ގިނަ ފަރާތްތަކުން ލޭ ހަދިޔާ ކުރުމަށް ވަނީ އިލްތިމާސްކުރައްވާފަ އެވެ.
"ދުނިޔޭގެ އާބާދީގެ ނިސްބަތުން ވެސް ރާއްޖެއަކީ ތެލަސީމިއާ ކުދިން ގިނަ ގައުމަކަށްވެފައި، އެ ކުދިންނަށް ބޭނުންވާނެ ލޭ ލުއިފަސޭހަ އިންތިޒާމްތަކެއްގެ ދަށުން ހަމަޖެހިގެން ދިޔުމަކީ ވަރަށް މުހިންމު ކަމެއް،" ނާޒިމް ވިދާޅުވި އެވެ.
މޯލްޑިވިއަން ބްލަޑް ސާވިސަސް (އެމްބީއެސް) އަށް ލިބޭ ލޭގެ 33.9 އިންސައްތައަކީ ވޮލަންޓްރީ ޑޮނޭޝަންކަން ފާހަގަކުރައްވައި އެއީ ނިސްބަތުން މަދު އަދަދެއް ކަމަށް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވި ގޮތުގައި އެފަދަ ކެމްޕެއިނެއްގެ ނަތީޖާއަކަށް ވާނީ ވޮލަންޓްރީ ޑޯނާސްގެ ނިސްބަތް އިތުރުވެ، ބްލަޑް ސާވިސަސްއަށް ލިބޭ ލޭ އިތުރުކޮށްދިނުން ކަމުގަ އެވެ.
ތެލަސީމިއާ ކުދިންގެ ކަންކަން ހަރުދަނާކޮށް ކުރިއަށް ގެންދިއުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތް ފާހަގަކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް މިނިސްޓަރުގެ ވާހަކައިގައި ވަނީ ޝުކުރުއަދާކުރައްވާފަ އެވެ.