ކޮންމެ ރަށެއް ތަފާތު، އުފާވެރިކަން މިންކުރާނީ ކޮންމެ ރަށަކަށް ވަކިން: މިނިސްޓަރު
ދިވެހީންގެ އުފާވެރިކަން މިންކުރުމުގެ ގޮތުން "ހެޕިނެސް އިންޑެކްސް" ހަދާނީ ލޯކަލް ކައުންސިލްތަކާ ގުޅިގެން، ކޮންމެ ރަށަކަށް ވެސް ވަކި އިންޑެކްސްއެއް ގޮތަށް ކަމަށް ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.
"ހެޕިނެސް އިންޑެކްސް" އިފްތިތާހުކުރުމަށް މިއަދު ހަވީރު ބޭއްްވި ރަސްމިއްޔާތުގައި މިނިސްޓަރު ވިދާޅުވި ރާއްޖޭގެ ކޮންމެ ރަށެއްގައި ހެޕިނަސް އިންޑެކްސް އެކުލަވާލަން ޖެހެނީ ކޮންމެ ރަށެއްގައި އެ ރަށުގެ ކަންކަން ވަކިން ދެނެގަނެވޭނެ އޮނިގަނޑެއްގެ ތެރެއިން ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.
ހަމަ އެހެންމެ އެކި ރަށުގައި އެކަމުން ކުރިއަށް ދިއުމަށް ހިތްވަރު ލިބެން ޖެހޭނެކަމަށް ވެސް ގަބޫލުކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ ހެޕިނަސް އިންޑެކްސް އެކުލަވާލެވުމުން އެކަން ތަންފީޒުކުރުމުގެ މަސައްކަތް ކުރިއަށް ގެންދާނީ ކައުންސިލްތަކާ ގުޅިގެން ކަމަށެވެ.
"އެކަމަށްޓަކައި އަހުލުވެރިކުުރުމަށްޓަކައި އަޅުގަނޑުމެންގެ މިނިސްޓްރީން އިރާދަކުރެއްވިއްޔާ ކުރިއަށް ގެންދާނަން. ހެޕިނެސް އިންޑެކްސްގެ ދަށުން ކުރިއެރުން ހޯދާ ރަށްތަކަށް އެވޯޑް ކުރެވޭނެގޮތެއް ވުމަކީ އަޅުގަނޑު ދެކޭ ގޮތުގައި މުހިންމުކަމެއް" މިނިސްޓަރު ވިދާޅުވި އެވެ.
ކޮންމެ ރަށެއްގެ ވިސްނުން ތަފާތު ކަން ވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ. ކޮންމެ ރަށަކަށް ވަކިން އިންޑެކްސް ހަދަން ޖެހޭ ސަބަބަކީ އެއީ ކަމަށް ވިދާޅުވި އެވެ. އެ ކަން ކުރަން ޖެހޭ ކަން ބާރުދިނުމުގެ ގޮތުން މިސާލެއްގެ ގޮތުގައި ދެއްކެވީ ތިމާވެއްޓެވެ.
"ބައެއް ރަށްރަށަކީ ގާމަތީ ރަށްރަށް. އަނެއް ބައި ރަށްރަށަކީ ރީތި ތުނޑި، ނޫވިލު، އަދި ކުޅި ފަދަ ގުދުރަތީ މުއްސަނދި ކަން ހުރި ރަށްރަށް. ރަށްރަށް ތަރައްގީ ކުރާއިރު ގުދުރަތީ ރީތިކަމާއި ތިމާވެށީގެ ނާޒުކު ކަމަށް ބަލަން ޖެހޭނެ. ބައެއް ރަށްރަށުގައި މިހާރު ތާރު އަޅަން ފަށައިފި. ނަމަވެސް އަނެއްބައި ރަށްރަށުން އެދެނީ ތިމާވެއްޓާ ވަރަށް ރައްޓެހި ގޮތަކަށް މަގު ހަދައިދޭން. ތިމާވެއްޓަށް ލޯބިކުރާ މިންވަރާއި މިފަދަ ކަންކަމުގައި ދެކޭ ގޮތް އެކި ރަށުގައި ތަފާތުކަން އަޅުގަނޑުމެންނަށް މިއިން ހާމަވެގެންދޭ،" މިނިސްޓަރު ތަފްސީލްކޮށްދެއްވި އެވެ.
މިނިސްޓަރުގެ ވާހަކަފުޅުގައި ވަނީ ދިވެހީންގެ ދިރިއުޅުމުގެ މިހާރުގެ ހާލަތު މިހާރު ހުރި ގޮތަށް ވެސް އަލިއަޅުވާލައްވައިފަ އެވެ.
އެގޮތުން އޮފީހުގެ މަސައްކަތް ނިންމާލުމަށް ފަހު ގެއަށް ދެވޭއިރު ހުންނަނީ ދަންވަރުވެފައިކަން ފާހަގަކުރައްވައި ވިދާޅުވީ އޭރު ދަރިފުޅު އޮންނާނީ ދެމަފިރިން އޮންނަ އެނދުގައި ނިދާފައި ކަަމަށެވެ. އަދި އޮފީސް ވަރުބަލިކަމާއެކު ނިދަން ޖެހެނީ ވެސް ދަރިފުޅާއެކު އެއް އެނދުގައި ކަަންވެސް މިނިސްޓަރު ފާހަގަ ކުރެއްވި އެވެ.
"އުފާވެރި ދިރިއުޅުމަަކަށް ކުރި އުއްމީދުތައް ވަޔަށް ބުރައިގެން ދަނީ ގެދޮރުގެ ދަތިކަމާއި ދިިރިއުޅުމަށް ކުރަން ޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން އިތުރު އާމްދަނީ ހޯދަން ކުރަން ޖެހޭ މަސައްކަތް ގިނަވެ އާއިލާއަށް ދެވޭ ވަގުތު މީޒާނުން ނެއްޓި ބެލެންސް ނުކުރެވިގެން،"
"މި ހުރީ ރާއްޖޭގެ ހެޕިނެސް އިންޑެކްސް އެކުލަވާލުމުގައި ވިސްނަން ޖެހޭ ކަންތައްތައް" މިނިސްޓަރު ވިދާޅުވި އެވެ.