ޚަބަރު

ދެ މިނިސްޓްރީ އެއްކޮށްލުމާ އެކު އަޖުވަދާއި ޝައުފާ ވަކިކޮށްފި

އަލީ ސަމާޙް ، ދެން އޮންލައިން
ޕީއެސްގެ މަގާމުން ވަކިކުރި ޝައުފާ އާއި އަޖުވަދު

އެންވަޔަރަންމަންޓް މިނިސްޓްރީއާއި ޓޫރިޒަމް މިނިސްޓްރީ އެއްކޮށްލުމާ އެކު އެ ދެ މިނިސްޓްރީގެ ދެ ޕާމަނަންޓް ސެކްރެޓަރީ (ޕީއެސް) މަގާމުން ވަކިކުރަން ސިވިލް ސާވީސް ކޮމިޝަން (ސީއެސްސީ) އިން މިއަދު ނިންމައިފި އެވެ.

Ads by STELCO

ޓޫރިޒަމް މިނިސްޓްރީގެ ޕީއެސްގެ މަގާމުގައި ހުންނެވީ ފާތިމަތު ޝައުފާ އެވެ. އެންވަޔަރަންމަންޓް މިނިސްޓްރީގެ ޕީއެސްއަކަށް ހުންނެވީ އަޖުވަދު މުސްތަފާ އެވެ.

ޝައުފާ، ޕީއެސްއަކަށް އައްޔަންކުރީ ހުސްވި ޖެނުއަރީ މަހުގެ 6 ވަނަ ދުވަހު އެވެ. އެންވަޔަރަމަންޓްގެ ޕީއެސްއަކަށް އަޖުވަދު އައްޔަންކުރީ އޭޕްރީލް 19، 2014 ގަ އެވެ. އަޖުވަދަކީ އެންމެ ގިނަ ދުވަސްވި ޕީއެސްގެ ތެރެއިން އެއް ޕީއެސް އެވެ.

ސީއެސްސީގެ ރައީސް މުހައްމަދު ނާސިހު ވަނީ ކޮމިޝަނުން މީގެ އިރުކޮޅެއް ކުރިން ބޭއްވި ބައްދަލުވުމުގައި އަޖުވަދު އާއި ޕްރޮބޭޝަންގައި ހުންނެވި ޝައުފާ މަގާމުން ވަކިކުރަން ނިންމާފައިވާކަން "ދެން" އަށް ޔަގީންކޮށްދީފަ އެވެ.

ނާސިހު ވިދާޅުވީ 2 ޕީއެސް ވަކިކުރީ އެއްކުރި މިނިސްޓްރީއަށް ވަކިން ޕީއެސްއަކު އައްޔަން ކުރުމަށް ކަމަށެވެ. އާ ޕީއެސްއެއް ހޯދުމަށް ވަރަށް އަވަހަށް އިއުލާންކުރާނެ ކަމަށް ނާސިހު ވިދާޅުވި އެވެ.

''ވަކިކުރި ދެ ޕީއެސް އަށްވެސް އަލުން ކުރިމަތިލެވޭނެ" އޭނާ ވިދާޅުވި އެވެ. ޕީއެސް އަކީ މިނިސްޓްރީތަކުގައި ތިބޭ ސިވިލް ސާވަންޓުންގެ އެންމެ އިސްވެރިޔާ އެވެ.

ޓޫރިޒަމް މިނިސްޓަރުގެ މަގާމުގައި ހުންނެވި އިބްރާހިމް ފައިސަލް އެ މަގާމުން ވަކިކޮށް އަލަށް އެއްކޮށްލި ދެ މިނިސްޓްރީއާ އެކު މިނިސްޓަރުގެ މަގާމަށް ތާރިގު އިބްރާހިމް ވަނީ އައްޔަންކޮށްފަ އެވެ.