ކުޅުދުއްފުށި ސިޓީގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ
އާބާދީގައި 10 ހާހަށްވުރެ ގިނަ މީހުން ދިރިއުޅޭ ކުޅުދުއްފުށި ސިޓީގެ ބޮޑު ސަރަހައްދަކުން ކަރަންޓުގެ ހިދުމަތް މިއަދު މެދުކެނޑިއްޖެ އެވެ.
އެ ސިޓީއަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ފެނަކަ ކުންފުނިން ބުނީ ކަރަންޓު ހިދުމަތް މެދުކެނޑުނީ ދިމާވި ޓެކްނިކަލް މައްސަލައެއްގެ ސަބަބުން ކަމަށެވެ.
"އަލުން ކަރަންޓް ދިނުމުގެ މަސައްކަތް މިވަގުތު ކުރިއަށްދާ ވާހަކަ މައުލޫމާތަޓަކާ ދެންނެވިން!" ކުޅުދުއްފުށި ފެނަކަ ބްރާންޗުން ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ބުންޏެވެ.
ކަރަންޓުގެ ހިދުމަތް އަލުން ފޯރުކޮށްދެވޭނެ ވަގުތެއް ފެނަކައިން ނުބުނެ އެވެ.
ކަރަންޓް ކެނޑޭ ކޮންމެ ފަހަރަކުވެސް ކަރަންޓް އައުމުގެ ކުރިން، ބޭނުންކުރާ އިލެކްޓްރޯނިކް އަދި އިލެކްޓްރިކަލް ހުރިހާ ތަކެއްޗެއްގެ ސްވިޗް އޮފް ކޮށްފައި ބަހައްޓަން ފެނަކައިން އިލްތިމާސްކޮށްފައިވެ އެވެ.
ރަށްރަށުގައި ކަރަންޓު ކެނޑޭ މައްސަލަ ބޮޑުވެފައިވާއިރު ކުރިއަށް އޮތް ރޯދަމަހުގެ ކުރިން އެކަމަށް ހައްލެއް ލިބޭނެ ކަމަށް ރައީސް ޑރ މުހައްމަދު މުއިއްޒު ދާދި ފަހުން ވިދާޅުވެފައިވެ އެވެ.
ހުވަދޫ އަތޮޅު ރައްޔިތުންނާ ބައްދަލުކުރައްވާ، ރަނގަޅަށް މެއިންޓެއިން ނުކުރެވެމުގެ ސަބަބުން ފެނަކައިގެ އިންޖީނުތަކުގެ ޖަނަރޭޓަރުތައް ހުރި ހަލާކުވެފައިކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އެ މައްސަލަ ހައްލުކުރުމަށް ފިނޭންސް މިނިސްޓްރީއާ އެސްއޯއީތައް ގުޅިގެން މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އޭގެ ނަތިއްޖާ ކުރިއަށް 2 މަސް ތެރޭގައި ފެންނާނެ ކަމަށް ރައީސް ވިދާޅުވެފައިވެ އެވެ.