ޚަބަރު

ހިމަންދޫގައި ބޭއްވި "ހެލްޕް ގާޒާ" އަށް ސްޓެލްކޯގެ މުވައްޒަފުން 126,560ރ. ހަދިޔާކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ހިމަންދޫގައި ކުރިއަށް ގެންދިޔަ "ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ހަރަކާތުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ

ފަލަސްތީނާ އެކު ދިވެހިން ތިބިކަން ހާމަކޮށްދިނުމުގެ ގޮތުން އއ. ހިމަންދޫގައި ކުރިއަށް ގެންދިޔަ ހަރަކާތަށް އެ ރަށުގައި ހުންނަ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) ގެ އިންޖީނުގޭގެ މުވައްޒަފުން 126,560 ރުފިޔާ ހަދިޔާކޮށްފި އެވެ.

Ads by STELCO

ފަލަސްތީނުގެ ގާޒާގެ ރައްޔިތުންނަށް އެހީތެރިވުމަށް "ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ގެ ނަމުގައި ހިމަންދޫގައި އެ ހަރަކާތް ކުރިއަށް ގެންގޮސްފައި ވަނީ އެ ރަށު އިންޖީނުގޭގެ މުވައްޒަފުންގެ އިސްނެގުމާ އެކު، ރަށު ކައުންސިލާއި ސަރުކާރުގެ މުއައްސަސާތައް އަދި ކްލަބް ޖަމިއްޔާތައް ގުޅިގެންނެވެ.

ސްޓެލްކޯއިން "އެކްސް" ގައި މިއަދު ކުރި ޕޯސްޓެއްގައި ބުނީ ގާޒާގެ ރައްޔިތުންނަށް އެހީތެރިވާން ހިންގި އެ ހައިރާތީ ހަރަކާތުން ޖުމްލަ 260,800 ރުފިޔާ އެއްކުރެވިފައިވާ ކަމަށެވެ.

ހިމަންދޫގައި ކުރިއަށް ގެންދިޔަ "ހެލްޕް ގާޒާ - ދިވެހިން ހަނދާނެއް ނުނެތޭ" ހަރަކާތުގެ ތެރެއިން / ފޮޓޯ:ސްޓެލްކޯ

އޭގެ ތެރެއިން 126,560 ރުފިޔާއަކީ ހިމަންދޫ އިންޖީނުގޭގެ މުވައްޒަފުން ހަދިޔާކުރި ފައިސާ ކަމަށް ސްޓެލްކޯއިން ބުންޏެވެ.

މިފަދަ އިޖުތިމާއީ ހިދުމަތުގެ މަސައްކަތްތަކުގައި އެ ކުންފުނީގެ މުވައްޒަފުން އަމަލީ ގޮތުން ދައްކަމުން އަންނަ ނަމޫނާއަށް ފަހުރުވެރިވާކަން ފާހަގަކޮށް ސްޓެލްކޯއިން ވަނީ އެ ފަރާތްތަކަށް ޝުކުރު އަދާކޮށްފަ އެވެ.