ޚަބަރު

ލަފާ ފުރާ ފަރާތްތަކަށް ހާއްސަ ގެމަތަތަކެއް މާލޭގައި ހަދަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން

ވެރިރަށް، މާލެއަށް ޒިޔާރަތްކުރާ ފަރާތްތަކަށާ އަދި މާލެއިން ފުރާ ފަރާތްތަކަށް ހާއްސަކޮށްގެން ބަނދަރުމަތީގައި ގެމަތަތަކެއް ހަދަން މާލެ ސިޓީ ކައުންސިލުން ރާވަމުންދާ ކަމަށް މޭޔަރު، އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ.

Ads by STELCO

އެސްއެސްޓީވީއަށް ދެއްވި އިންޓަވިއުއެއްގައި މޭޔަރު ވިދާޅުވީ މާލެއަކީ ރަށްރަށުން ވަރަށް ގިނަ ފަރާތްތަކެއް ޒަރޫރީ ބޭނުންތަކަށް އަންނަ ތަނެއް ކަމަށެވެ. އެގޮތަށް އަންނަ މީހުންގެ ތެރޭގައި އުމުރުން ދުވަސްވީ ފަރާތްތަކާއި މާބަނޑު މީހުން އަދި ކުޑަކުދިން ވެސް ހިމެނޭ ކަމަށެވެ.

އެ މީހުން ވާރެ އާއި އަވިން ނިވާ ވާނެ އިންތިޒާމެއް ހަމަޖެއްސުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ދެކޭ ކަމަށް އާޒިމް ވިދާޅުވި އެވެ. އެކަމަށް ސިޓީ ކައުންސިލުން ކަންތައްތަކެއް ރާވަމުންދާ ކަމަށާއި ވަރަށް އަވަހަށް އެކަމަށް އެދެވޭ ހައްލެއް ހޯދޭނެކަން ފާހަގަކުރެއްވި އެވެ.

އިތުރަށް ވިދާޅުވި ގޮތުގައި ބައެއް ސަރަހައްދުތަކުގައި ހުރި ޖާގައިގެ ދަތިތަކަށް ބަލައި، އެ ތަންތަނަށް އެކަށީގެންވާ ހިތްފަސޭހަ ގޮތެއް ހޯދައިދެވޭނެ ކަމުގަ އެވެ.

މީގެ އިތުރުން މާލޭގެ މަގުތަކަކީ ސާފުތާހިރު ތަންތަނަށް ހެދުމަށް މާލެ ސިޓީ ކައުންސިލުން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރެއިން އިމާރާތްތަކާއި ގެތަކުން މަގުތަކަށް ފެން ފައިބާ މައްސަލައިގެ 80 އިންސައްތަ ތަންތަން މިހާރު ރަނގަޅު ކުރެވިފައި ކަމަށް އާޒިމް ވިދާޅުވި އެވެ.

އެފަދަ މައްސަލަތައް ދިމާވާ ގޮތަށް ހުންނަ ތަންތަން ސިޓީ ކައުންސިލުން އެންގުމުގެ ކުރިން، އެ ކަމެއް ހައްލު ކުރުމަށް ވެސް މޭޔަރު ވަނީ އެދިވަޑައިގެންފަ އެވެ.