މަޝްއަރު ގްރޫޕުގެ ވެރިޔާއަށް ޓެކުމާއި މަނީ ލޯންޑަރިންގެ ދައުވާކޮށްފި
މަޝްއަރު ހައްޖު އެންޑް އުމްރާ ގްރޫފުން އުމްރާއަށް ގެންގޮސްދޭނެ ކަމަށް ބުނެ މީހުން އަތުން ފައިސާ ނަގާ އެ ފައިސާއަށް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި އެ ގްރޫޕުގެ ވެރިޔާއަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަން ފޮނުވައިފި އެވެ.
ޕްރޮސެކިއުޓާ ޖެނެރަލް އޮފީހުން ބުނީ ތުހުމަތު ކުރެވޭ މައްސަލައިގައި އެ ގްރޫޕުގެ ވެރިޔާ މ. ހަވީރީފިނި، އަލީ ފާރިޝްގެ މައްޗަށް ދައުވާތައް ކުރަން މިއަދު ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވާ ކަމަށެވެ.
ފާރިޝްގެ މައްޗަށް ކުރަނީ ގާނޫނުލްއުގޫބާތުގެ ދަށުން ޓެކުމުގެ ކުށުގެ 6 ދައުވާ އެކެވެ.
ޕީޖީ އޮފީހުން ބުނީ ދައުވާތައް ކުރަނީ މަޝްއަރު ގްރޫޕަށް މި އަހަރު ރާއްޖެއިން އުމްރާއަށް މީހުން ގެންގޮސް ދިނުމުގެ ހުއްދަ ލިބިފައި ނުވަނީސް، އެކި މީހުން ގާތުގައި އެ ކުންފުނީގެ ފަރާތުން މި އަހަރު އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ، ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ނަގައި، އެ މީހުން އުމްރާއަށް ނުގެންގޮސް އަދި އެ ފައިސާ އަނބުރައި ރައްދުކޮށްދީފައި ނުވާތީ ކަމަށެވެ.
އޭނާއަށް ދައުވާކޮށްފައި ވަނީ ފައިސާ ދެއްކި ވަކިވަކި މީހުންގެ ބައިތައް ވަކިން ކަމަށާއި އޭގެ ތެރޭގައި ގްރޫޕެއް ގޮތުގައި އުމްރާއަށް ދިއުމަށް ބޮޑެތި އަދަދުތަކުން ފައިސާ ދެއްކި މީހުން ހިމެނޭ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
ފާރިޝް ހިޔާނާތްތެރިވި ކަމަށް ތުހުމަތު ކުރަނީ 391،072 ރުފިޔާ އާއި 8،100 އެމެރިކާ ޑޮލަރެވެ. އެ އޮފީހުން ބުނީ މި ފައިސާ ދެއްކި ފަރާތްތަކަށް ވީ ގެއްލުމުގެ ބަދަލުގެ ގޮތުގައި އޭނާގެ އަތުން މި ފައިސާ ނަގައިދިނުމަށް ދައުވާގައި އެދިފައިވާނެ ކަމަށެވެ.
ފާރިޝްއަށް މަނީ ލޯންޑަރިންގެ ދައުވާ ކުރަނީ އުމްރާއަށް ގެންގޮސްދޭނެ ކަަމަށް ބުނެ، ދިވެހި ފައިސާ އާއި އެމެރިކާ ޑޮލަރު ނެގުމަށްފަހު އެ ފައިސާ ޓެކުމަކުން އެ މީހުން އަތުން ނިގުޅައިގެންފައިވާތީ އެވެ. އަދި އެ ފައިސާ ފާރިޝްގެ އަމިއްލަ އެކައުންޓުތަކާއި އޭނާގެ ހިއްސާ އޮންނަ ޓްރިއަ ޕްރައިވެޓް ލިމިޓެޑާއި ހާފްޓަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ އިތުރުން އިތުރު ކުންފުނިތަކަށް ޖަމާކޮށް، އެ ފައިސާ ބޭނުންކޮށް ފައިސާ ލޯންޑަކޮށްފައިވާތީ ކަމަށް ޕީޖީ އޮފީހުން ބުންޏެވެ.
އެ އޮފީހުން ބުނި ގޮތުގައި ފާރިޝް ލޯންޑަކޮށްފައިވާ ކަމަށް ތުހުމަތު ކުރެވެނީ 391،072 ރުފިޔާ އާއި 8،100 އެމެރިކާ ޑޮލަރަށް ކަމުގަ އެވެ.
މައްސަލައިގެ ތަހުގީގު އަދިވެސް ހިނގަމުންދާކަން ފާހަގަކޮށް އެ އޮފީހުން ބުނީ މަޝްއަރު ގުރޫޕުން އުމްރާއަށް މީހުން ގެންދިއުމަށްފަހު، އެ މީހުން ރާއްޖެ އައުމުގެ އިންތިޒާމު ހަމަޖައްސައިނުދީ، އެ މީހުންގެ ފައިސާއަށް ހިޔާނާތްތެރިވި ބައިގެ ތަހުގީގު ނިންމައި ހުށަހެޅުމުން، އެ ބައިގައި ފާރިޝްގެ މައްޗަށް ދައުވާކުރުމާ މެދު ގޮތެއް ނިންމާނެ ކަމަށެވެ.