ލަންދޫގައި ބަހައްޓާ އޭޓީއެމް ބޫތު ފޮޅައި ސާފުކުރުން ބޮޑު މައްސަލަގަނޑަކަށް
ނ. ލަންދޫގައި ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ބަހައްޓަން އުޅޭ އޭޓީއެމް ބޫތު ތެރެ ފޮޅައި ސާފުކުރަން އެ ރަށު ކައުންސިލްގައި ސަރުކާރުން އެދުމުން ބޮޑު މައްސަލައަކަށް ވެއްޖެ އެވެ.
ލަންދޫ ކައުންސިލަކީ އެމްޑީޕީގެ ކައުންސިލެކެވެ.
ބީއެމްއެލުން ޑިޒައިންކޮށްފައިވާ އެ އޭޓީއެމް ބޫތަކީ ދިގުމިނުގައި އެންމެ 22 ފޫޓު އަދި ފުޅާ މިނުގައި އެންމެ 12 ފޫޓުގެ ތަނެކެވެ.
އިދިކޮޅު އެމްޑީޕީއަށް ނިސްބަތްވާ ލަންދޫ ކައުންސިލްގެ ރައީސް އަބްދުލް އަޒީޒް މުހައްމަދު ވިދާޅުވީ އެއްވެސް ހިސާބެއްގައި އޭޓީއެމް ބެހެއްޓުމާ ދެކޮޅު ނޫން ކަމަށެވެ. ނަމަވެސް މައްސަލައަކަށް ދިމާވެގެން އުޅެނީ ލަންދޫގެ ކައުންސިލުން އެ އޭޓީއެމް ފޮޅައި ސާފުކުރަން ޖެހުން ކަމަށް އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި އޭޓީއެމް ފޮޅައި ސާފުކޮށް ބެލެހެއްޓުމަކީ ކައުންސިލްތަކުގެ މެންޑޭޓްގައި ވެސް ހިމެނޭ ކަމެއް ނޫނެވެ. އަދި އެ މަސައްކަތްކުރަން ކައުންސިލްގައި އެކަށީގެންވާ އަދަަދަށް މުވައްޒަފުން ވެސް ނެތް ކަމަށް އަޒީޒް ވިދާޅުވި އެވެ.
"ވެލިދޫގައި ވެސް އޭޓީއެމް ފޮޅާ ސާފުކުރަން ވަކިން މުވައްޒަފުން ތިބެނީ ބީއެމްއެލްއިން ވަކިން ނަގާފައި. ވަކިވަކި ރަށްރަށް ތަފާތުކުރަންވީ ކީއްވެގެންތޯ. އަނެއްކާ ކައުންސިލްގެ ބަޖެޓަކު އިތުރު މުވައްޒަފުން ނަގާކަށް ނެތް އެއްވެސް ވަރެއް، ލޯކަލް ގަވާމަންޓް މިނިސްޓްރީއަށް ވެސް އެކަން ދެންނެވިން،" އޭނާ ވިދާޅުވި އެވެ.
ކައުންސިލުން އޭޓީއެމް ބަލަހައްޓަން ދެކޮޅު ހަދާތީ ބައެއް އާންމުން މިއަދު ވަނީ ކައުންސިލަށް ވަދެ އިހުތިޖާޖު ވެސް ކޮށްފަ އެވެ.
މި ފަސް އަހަރުގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން ކޮންމެ ރަށެއްގައި ބީއެމްއެލްގެ އޭޓީއެމްއެއް ބެހެއްޓުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ވައުދުވެވަޑައިގެންފަ އެެވެ.