ޚަބަރު

ބަލިމީހާ ނަގަން ދިޔަ އެއާ އެމްބިއުލާންސްގައި ވަސީލަތްތައް ހަމަވާނެ: މޯލްޑިވިއަން

އަލީ ސަމާޙް ، ދެން އޮންލައިން
މޯލްޑިވިއަންގެ އެއާ އެމްބިއުލާންސެއް

ގއ. ވިލިނގިލީގައި ހުންނަ އެ އަތޮޅު ހޮސްޕިޓަލުން ސިޒޭރިއަން ހެދުމަށް ފަހު އަންހެނަކާ އޭނާގެ ތުއްތު ދަރިފުޅު ނިޔާވި މައްސަލަ ބަލަމުންދާއިރު އެ މީހާ ބަލައި ކޫއްޑޫއަށް ދިޔަ އެއާ އެމްބިއުލާންސުގައި ޕޭޝަންޓުން އެމަޖެންސީކޮށް ފަރުވާ ދޭން ޖެހޭ ހުރިހާ އިކުއިޕްމެންޓެއް ހުންނާނެ ކަމަށް ގައުމީ އެއާލައިން މޯލްޑިވިއަނުން މިއަދު ބުނެފި އެވެ.

Ads by STELCO

އެއާއެމްބިއުލާންސް ބަލައި ދިޔުމުން ލަސްވެ، ނިޔާވީ ގއ. ވިލިނގިލި، ޒަމާނީވިލާ، ފާތިމަތު ޝިއުނާ (37އ) އާއި އޭނާގެ ދަރިފުޅެވެ. ޝިއުނާގެ ދަރިފުޅު ނިޔާވީ ރޭ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށެވެ.

އެ މައްސަލައާ ގުޅޭ ގޮތުން ހެލްތު މިނިސްޓްރީއާ ސުވާލުކުރުުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާނުކުރެ އެވެ.

'އެކްސް' އެކައުންޓުން ކުރި ޕޯސްޓެއްގައި މޯލްޑިވިއަނުން ބުނީ ކޫއްޑޫ އަށް އެ މީހަ ބަލައި ދިޔަ އެމްބިއުލާންސް އޮޕަރޭޓްކޮށްފައިވަނީ އިމަޖެންސީ ގައި ބޭނުންވާ ހުރިހާ އިކުއިޕްމެންޓާ އެކު ކަމަށެވެ.

މޯލްޑިވިއަނުން އެހެން ބުނީ، އެ ދެމައިންނަށް ބޭނުންވާ ވަރަށް އޮކްސިޖަން ނެތުމުން ބަލިމީހާ ގޮވައިގެން ކޫއްޑޫއިން ފުރަން އޮތް އެއާއެމްބިއުލާންސް ނުފުރި ލަސްވެގެން ކަމަށް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ހަބަރާ ގުޅިގެންނެވެ.

"ދެން އޮންލައިން" އާ ވާހަކަ ދެއްކި މީހާ ބުނީ ފުރަން ތައްޔާރުވެފައި އޮތް އެއާ އެމްބިއުލާންސުގައި އެމަޖެންސީގައި ހިދުމަތް ދެވޭނެ ގޮތެއް ނެތް ކަމަށެވެ.

"ފްލައިޓުގައި ވެންޓިލޭޓަރު ހުރީ ހަލާކުވެފައި. އޮކްސިޖަނެއް ވެސް ނެތް. ފްލައިޓުގައި ދެން ރަންވޭ މަތީގައި ބާއްވައިގެން ފަރުވާދެމުން ދަނިކޮށް 1:30 ގައި. ރަންވޭ މައްޗަށް (ފްލައިޓް) ގައި އަންހެން މީހާ މަރުވީ،" އެ މީހާ ކިޔައިދިނެވެ.

ހެލްތު މިނިސްޓްރީއާ ސުވާލުކުރުުމުން އެ މިނިސްޓްރީގެ މީޑިއާ އޮފިޝަލް ވިދާޅުވީ ދެމައިން މަރުވި މައްސަލަ ބަލަމުންދާ ކަމަށެވެ. އިތުރު ތަފްސީލެއް ހިއްސާނުކުރެ އެވެ.