ގައްސާނު ހުތުރުކޮށް މުއާމަލާތު ކުރި މައްސަލަ ރައީސަށް ހުށަހަޅައިފި
އައްޑޫ ސިޓީ ރައްޔިތުންނަށް ނިސްބަތްކޮށް ޑިފެންސް މިނިސްޓަރު ގައްސާނު މައުމޫން ހުުތުރުކޮށް މުއާމަލާތުކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލައިދޭން މަޖިލީހުގެ މީދޫ ދާއިރާގެ މެންބަރު އަބްދުއްރަހްމާން، ރައީސް ޑރ މުހައްމަދު މުއިއްޒަށް ސިޓީއެއް ފޮނުވައިފި އެވެ.
މެންބަރު އަބްދުއްރަހުމާން، މިއަދު ރައީސަށް ފޮނުއްވި ސިޓީގައި ވިދާޅުވީ މިއަދުގެ ރިޔާސީ ބަޔާނަށް ފަހު މަޖިލީހުގެ އިދާރާ ތެރެއިން މިނިސްޓަރު ގައްސާންއާ ބައްދަލުވުމުން އައްޑޫ ރައްޔިތުންގެ މަސްލަހަތު ބޮޑު ދެކަމެއްގައި ފޯނަށް ޖަވާބު ނުދެއްވާ ވާހަކަ ދެންނެވި ކަމަށެވެ. އަދި އެ ވާހަކަ ދެންނެވުމުން މިނިސްޓަރު ކޯފާ އިސްކުރައްވާ ވާހަކަ ދެއްކެވި ކަމަށް އަބްދުއްރަހުމާން ވިދާޅުވި އެވެ.
"ކަލޭމެން ގުޅައިގެން ފޯނަށް ޖަވާބު ދޭކަށް ނުޖެހޭނެ.... އައްޑޫ އަކީ މަށާބެހޭ ތަނެއްވެސް ނޫން" ގައްސާނު ވިދާޅުވި ކަމަށް މެންބަރު ލިޔުނެވެ.
ގައްސާނަކީ ރިޔާސީ އިންތިހާބުގެ ތެރޭގައި ވަރަށް ގިނައިން ބައްދަލުވެފައިވާ ބޭފުޅަކަށްވާތީވެ "އައްޑޫ ރައްޔިތުން އެ ބޭފުޅުންނަށް ވޯޓް ދެއްވައިފިނަމަ އައްޑޫ ރައްޔިތުން އެހެން ބަޔަކަށް ދުވަހަކުވެސް ވޯޓު ނުދޭވަރު ކޮށްދޭނަމޭ" ބުނި ވާހަކަ ގައްސާން އަށް ހަނދާން ކޮށްދިނުމުން އަނެއްކާވެސް ހަޑިހުތުރު ބަހުން މިނިސްޓަރު ވާހަކަ ދެއްކި ކަމަށް މެންބަރު ތުހުމަތުކުރި އެވެ.
"ތިމަންނަ އައްޑޫ އަށް ދިޔައީ ކަލޭމެން އައްޑޫމީހުން އެދިގެން.... އައްޑޫ އަކީ މަށާބެހޭ ތަނެއްވެސް ނޫން" ގައްސާނުގެ ބަހުރުވަ މެންބަރު ވިދާޅުވެދެއްވި އެވެ.
ތިރީސް ފަސްހާހަށްވުރެ ބޮޑު އާބާދީއެއްގެ މައްޗަށް އެކުލެވޭ އައްޑޫ ރައްޔިތުންނަށް ނިސްބަތްކޮށް ދަށު ދަރަޖައިގެ ބަހުރުވައިން ދިގު 30 އަހަރުގެ ވެރިކަމެއް ކުރެއްވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ދަރިކަލުން މިނިސްޓަރު ގައްސާން ވާހަކަ ދައްކާފައިވާތީ އެ ރައްޔިތުންގެ ކިބައިން މާފަށް އެދެން ގައްސާނު އަރިހު ދެންނެވުމަށް އަބްދުއްރަހްމާން ރައީސް މުއިއްޒު ގާތު ސިޓީގައި އެދިވަޑައިގެންނެވި އެވެ.