ޚަބަރު

މަކުނުދޫ އެއާޕޯޓުގެ ވާހަކަ ރިޔާސީ ބަޔާނުގައި ނުގެނައުމުން ހިތްހަމަނުޖެހުން ފާޅުކޮށްފި

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
މަކުނުދޫ އެއާޕޯޓު މަޝްވަރާ ބައްދަލުވުމުގައި ރަށުގެ ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކުރަނީ / ފޮޓޯ:ރާއްޖެއެމްވީ

ހދ. މަކުނުދޫގެ ރައްޔިތުންނާ ބައްދަލުކުރަން ކޮންސްޓްރަކްޝަން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތޮލިބު އެ ރަށަށް ވަޑައިގަތުމުން ރަށުގެ ބައެއް ރައްޔިތުން ހިތްހަމަނުޖެހުން ފާޅުކޮށްފި އެވެ.

Ads by Hajj Corporation

ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯތަކުން ފެންނަނީ މުއްތޮލިބު އެ ރަށަށް ވަޑައިގެން، ރަށުގެ ރައްޔިތުންނާ ބައްދަލުކުރަން މިއަދު މެންދުރުފަހު ބޭއްވި ބައްދަލުވުމުގައި ބައެއް އާންމުން ހިތްހަމަނުޖެހުން ފާޅުކުރަމުންދިޔަ މަންޒަރެވެ.

ބައްދަލުވުމަކީ މަކުނުދޫގައި ތަރައްގީ ކުރަން ނިންމާފައިވާ އެއާޕޯޓާ ގުޅޭ މަޝްވަރާއަށް ހާއްސަކޮށްގެން ބޭއްވި ބައްދަލުވުމަކަށް ވެސް ވުމާ އެކު ހާޒިރުވި މީހުން ތިބީ އެ މީހުންގެ ޝުއޫރުތައް ހާމަކުރަން ލިޔެފައިވާ ބޯޑުތައް ވެސް ހިފައިގެންނެވެ.

އާންމުންގެ ކަންބޮޑުވުމަކަށްވީ، ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތަރައްގީ ކުރަމުންދާ އެއާޕޯޓުތަކުގެ ވާހަކަ އިއްޔެ އިއްވެވި ރިޔާސީ ބަޔާނުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ފާހަގަކުރެއްވިއިރު، އެ ރަށުގެ އެއާޕޯޓުގެ ވާހަކަ ފާހަގަނުކުރެއްވުމެވެ.

ރައްޔިތުންގެ ކަންބޮޑުވުންތަކާ ގުޅޭގޮތުން މަކުނުދޫ ކައުންސިލުގެ ރައީސް އައުޒަމް އާދަމް "ދެން" އަށް މިއަދު ވިދާޅުވީ ޝުއޫރު ފާޅުކުރީ މައިގަނޑު ދެ ކަންބޮޑުވުމަކާ ގުޅިގެން ކަމަށެވެ. އެއް ކަންބޮޑުވުމަކީ މި އަހަރަށް ކަނޑައެޅި ބަޖެޓު ފާސްކުރެވުނުއިރު އެ ރަށަށް ކަނޑައެޅިފައިވާ މަޝްރޫއުތައް ނޭނގުމެވެ.

"އަނެއް ކަންބޮޑުވުމަކީ ރިޔާސީ ބަޔާން އިއްވިއިރު، ހުރިހާ އެއާޕޯޓުތަކުގެ ވާހަކަ ދެއްކެވިއިރު މަކުނުދޫ އެއާޕޯޓުގެ ނަމެއް ނާދޭ. ރަށުގެ އެއާޕޯޓު ކުރިއަށް ދާނެތޯ، ނުދާނެތޯ އެ ސުވާލުގެ ކަންބޮޑުވުން ރައްޔިތުންގެ ހުރީ،" އައުޒަމް ވިދާޅުވި އެވެ.

ކައުންސިލުގެ ރައީސް ވިދާޅުވި ގޮތުގައި ބައްދަލުވުމުގައި ރައްޔިތުންގެ ހުރި ކަންބޮޑުވުންތައް މުއްތޮލިބާ ހިއްސާ ކުރެވުނު ކަމުގަ އެވެ. ހިޔާލު ފާޅުކުރީ ގާނޫނުން އެކަމަށް ލިބިދީފައި އޮންނަ މިންގަނޑުގެ ތެެރެއިން ކަމަށާއި އެއްވެސް ކަހަލަ ހަމަނުޖެހުމެއް އެކަމުގެ ތެރެއިން ހިނގާފައިނުވާކަން ފާހަގަކުރެއްވި އެވެ.

ބަޖެޓުގައި ނުހިމަނައި އަދި ރައީސްގެ ބަޔާނުގައި ފާހަގަނުކުރައްވާ މަޝްރޫއެއް ކުރިއަށް ގެންދާނެ ގޮތަކާ މެދު ބައްދަލުވުމުގައި ސުވާލު ކުރުމުން، ކްރޮސް ސަބްސިޑީގެ ދަށުން ނުވަތަ އެފަދަ އެހެން ވެސް ގޮތަކުން މަކުނުދޫ އެއާޕޯޓުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި ކަމަށް އައުޒަމް ވިދާޅުވި އެވެ.

މަކުނުދޫގައި އެއާޕޯޓު އަޅަން ބޭނުންވާ ބިން ހިއްކުމާއި އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ބިގްފިޝް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ހަވާލުކުރީ 2023 ވަނަ އަހަރުގެ ޖޫން 22 ވަނަ ދުވަހު އެވެ. އެ ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައި ވަނީ 246 މިލިއަން ރުފިޔާއަށް 366 ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށެވެ.

ވައިގެ ދަތުރުފަތުރުގެ ނިޒާމު ފުޅާކުރުމަށް ސަރުކާރުން ކުރަމުން އަންނަ މަސައްކަތްތަކަށް އަލިއަޅުއްވާލައްވައި ރިޔާސީ ބަޔާނުގައި ރައީސް ވިދާޅުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް އަންނަ އޮކްޓޫބަރު މަހުގެ ކުރިން ހުޅުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހަނިމާދޫ އެއާޕޯޓާއި އައްޑޫ ގަން އެއާޕޯޓުގެ ތަރައްގީއަށް ކުރަމުން އަންނަ މަސައްކަތްތައް ނިންމައި މި އަހަރުގެ ތެރޭގައި ހުޅުވާނެކަން ފާހަގަކުރެއްވި އެވެ. އަދި މ. މުލީ އެއާޕޯޓު އެޕްރީލް މަހު ހުޅުވުމަށް މަސައްކަތް ކުރެވެމުންދާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވެފައިވާ ގޮތުގައި އެމަނިކުފާނު ވެފައިވާ ވައުދާ އެއްގޮތަށް ފ. ނިލަންދޫ، ތ. ގުރައިދޫ، ތ. ވިލުފުށި، އއ. މަތިވެރި، ގދ. ކާޑެއްދޫ، ގއ. ވިލިނގިލި، ށ. މިލަންދޫ، ށ. ކޮމަންޑޫ، ށ. ބިލެތްފަހި، ރ. ފައިނު، ހއ. ދިއްދޫ، ރ. އަލިފުށި، ބ. ތުޅާދޫ، ލ. ކައްދޫ އެއާޕޯޓުގެ މަސައްކަތް އެކި މަރުހަލާތަކުގައި މި އަހަރު ކުރިއަށްދާނެ ކަމުގަ އެވެ.

އެ އެއާޕޯޓުތަކުގެ އިތުރުން ހދ. ކުޅުދުއްފުށި އަދި ށ. ފުނަދޫ އެއާޕޯޓުގެ ހިދުމަތް ފުޅާކުރުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.