ބޭސް ލިބުމުގައި ތާށިކަން ހުރި ކަމަށް ވިދާޅުވެ ކުޑޫގެ ސިޓީއެއް އާސަންދައަށް
 
                                                        އާސަންދައިން ލިބެން ޖެހޭ ބައެއް ބޭސްތައް ފާމަސީތަކުން އެ ހިދުމަތުގެ ދަށުން ދޫނުކުރުމާއި ބޭސް ލިބުމުގައި ހުރި ދަތިތައް ފާހަގަ ކުރައްވައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ)ގެ ސިޓީއެއް އާސަންދައަށް މިއަދު ފޮނުވައިފި އެވެ.
އާސަންދަގެ މެނޭޖިން ޑިރެކްޓަރު އާމިނަތު ޒީނިއާއަށް އެޑްރެސްކުރައްވައި މެންބަރު ކުޑޫ ފޮނުވި ސިޓީގައި ވިދާޅުވީ ޑޮކްޓަރު ލިޔެދޭ އެފަދަ ބޭސްތައް އަމިއްލަ ފާމަސީތަކުން ދޫނުކުރުމުގެ އިތުރުން ކުރިން ލިބޭ ބައެއް ބޭސްތައް އެސްޓީއޯއިން މިހާރު ނުލިބޭ މައްސަލަ ވެސް ވަރަށް ބޮޑަށް ފާހަގަވާ ކަމަށެވެ.
"ހާއްސަ ގޮތެއްގައި ދުވަސްވީ މީހުންނާއި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ބޭނުންވާ ބޭސްތައް. ދާއިމީ ގޮތެއްގައި ބޭސް ކާން ޖެހޭ މީހުންގެ ތެރެއިން، ހަކުރު ބަލި، ކެންސަރު އަދި ލޭގެ ޕްރެޝަރު ފަދަ ބަލިތަކަށް ބޭނުންވާ ބޭހަކީ އަބަދުވެސް ރާއްޖޭން ލިބޭނެ ކަން ކަށަވަރުވާން ޖެހޭ ބޭސްތައް،" ކުޑޫ ވިދާޅުވި އެވެ.
މި މައްސަލައަށް އަވަސް ހައްލެއް ހޯދުމަށާއި ކުރެވޭ މަސައްކަތްތައް ސާފުކޮށްދެއްވުމަށް ވެސް ކުޑޫގެ ސިޓީގައި އެދިވަޑައިގެންފައިވެ އެވެ.
 
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
