ދަރިންނަށް ޚަރަދު ނުދީ ދުނިޔޭގެ ކޯޓަށް ފިލުނަސް އާޚިރަތުގެ ކޯޓްގައި ޖަވާބު ދޭންޖެހޭނެ!
ދުނިޔޭގެ ނިސްބަތުން ވެސް ރާއްޖެއަކީ ވަރި ގިނަ ޤައުމެކެވެ. ވަރީގެ މައްސަލައަކީ ގައުމުގެ އެންމެ ބޮޑު މައްސަލައެވެ. ޒުވާން އުމުރުގައި ކައިވެނިކޮށް ވަރިވެ އެކަނިވެރި މައިން މި ޤައުމުގައި ވަރަށް ގިނައެވެ. ދަޢުލަތުން މާލީ އެހީތެރިކަމެއް ފޯރުކޮށްދިން ނަމަވެސް އެއީ މައްސަލައިގެ ހައްލެއް ނޫނެވެ.
ދަރިންނަކީ ވަރަށް ބޮޑު ނިޢުމަތެކެވެ.އެއީ އަމާނާތެކެވެ. އެ ދަރިންގެ ހައްޤުތައް ވަނީ ވަރަށް ފުރިހަމަ އަށް ކަނޑައެޅި ބަޔާންވެގެންނެވެ. ދަރިޔަކު ދުނިޔެއަށް އުފަންވުމުގެ ކުރިން އެ ދަރިޔެއްގެ ހައްޤުތައް ފެށިގެންދެއެވެ.
ކައިވެނި ރޫޅި ދެމަފިރިން ވަރިވެފައި ވީނަމަވެސް ދަރިންނަށް ޚަރަދު ކުރުމަކީ އެ ދަރިންނަށްޓަކައި ބަފައިންގެ މައްޗަށް ވާ ވާޖިބެކެވެ. ދަރިންގެ ހައްޤުތަކާއި ބެހޭ ގޮތުން ސުވާލުވެވޭނެ ދުވަހެއް އެބަ ވާކަން ކޮންމެ ބައްޕައަކު ވެސް ވިސްނާލަން އެބަޖެހެއެވެ. ބައްޕަގެ ހައްޤު ދަރިފުޅު އަދާކޮށްދިނުމުގެ ކުރިން ދަރިފުޅުގެ ހަައްޤު ބައްޕަ ދަރިފުޅަށްޓަކައި އަދާކޮށްދޭން ޖެހެއެވެ.
އަޅުގަނޑުމެންގެ ތެރެއިން ވަރަށް ގިނަ ބަފައިންނަށް ހީވެފައި އޮންނަނީ ދަރިންގެ މަންމަ ވަޒީފާ އަދާކޮށްގެން ހޯދާ އެއްޗަކުން ދަރިންނަށް ޚަރަދު ކުރުމުން އެހިސާބުން ބައްޕަ އެ ޒިންމާއިން ބަރީޢަވާނޭކަމަށެވެ. ނަމަވެސް އެއީ ވަރަށް ބޮޑު ކުށްހީއެކެވެ. ދަރިންގެ މަންމައަކީ މަހުޖަނެއް ކަމުގައި ވިނަމަވެސް ދަރިންނަށް ޚަރަދު ކުރުމުގެ ޒިންމާއިން ބައްޕައަށް ސަލާމަތްވާނޭ އެއްވެސް ގޮތެއް ނެތެވެ.
ދަރިންގެ ޚަރަދުގެ ވާހަކަ ދެކެވުމުންދާއިރު މި މުޖުތަމަޢުގައި ބަރާބަރަށް ދަރިންނަށް ޚަރަދުދޭ ބައްޕައިން މަދުން ނަމަވެސް އުޅޭކަން އުފަލާއި އެކު ފާހަގަކޮށްލަމެވެ. އަދި މަދުން ނަމަވެސް ބައްޕައިން ދަރިންނަށް ދޭ ޚަރަދު ދަރިންނަށް ޚަރަދު ނުކޮށް އޭގެ ބޭނުން ނަހަމަ ގޮތުގައި ބޭނުންކުރާ މައިން އުޅޭކަން ވެސް ހިތާމައާއި އެކު ފާހަގަ ކޮށްލާނަމެވެ. އަދި ހަމަ މިއާއި އެކު ދޮންބައްޕަ އިން ޚަރަދު ކުރާތީ ދަރިންނަށް ޚަރަދު ނުކުރާ ބައްޕައިން ވެސް އުޅެއެވެ.
އަބަދުވެސް އަޑު އިވޭ އެންމެ އާންމު އެއް ވާހަކަ އަކީ ދަރިންގެ ޚަރަދު ނުދީ ބައްޕަ ކޯޓަށް ފިލައިގެން އުޅޭ ވާހަކައެވެ. ދަރިންނަށް ޚަރަދު ނުދީ ހިލޭ އެހެން ކޮންމެ ވެސް ބަޔަކަށް ޚަރަދުކުރާ ވާހަކައެވެ. މީ ވަރަށް ފުންކޮށް ވިސްނާލަންޖެހޭ ދެރަ މައްސަލައެކެވެ. ބައްޕައިން ދުނިޔޭގައި ތިބެ ދަރިން ބިކަހާލުގައި އުޅެމުންދާ މަންޒަރަކީ ގޮތެއް އޮތް އެއްވެސް އިންސާނަކު ދެކެންބޭނުންވާނެ މަންޒަރެއް ނޫންކަން ހަމަ ޔަޤީނެވެ. މި ފަދަ މައްސަލަތަކަށް ކަމާއި ބެހޭ ފަރާތްތަކުން ހަރުކަށި ފިޔަވަޅުތަކެއް އަޅައިގެން ނަމަވެސް މައްސަލަ ހައްލު ކުރުމަކީ މުޅި މުޖުތަމަޢުގެ ހަމަޖެހުމަށްޓަކައި މަޖުބޫރު ކަމެކެވެ.
ބޮޑެތި ބައެއް މައްސަލަތަކުގައި ކުށްވެރިން ހޯދަން ރޭޑިޔޯ ޓީވީ މެދުވެރިކޮށް ފޮޓޯ ޖަހައި ވަނަވަރު ހާމަކުރާއިރު ދަރިންތަކެއް ހާލުގައި ޖައްސާފައި އުޅޭ ބަފައިންނަށް އެ އުސޫލު ނުހިގަނީ ކީއްވެބާއޭ ހިތަށް އަރައެވެ. ހަމަ ޔަޤީނުންވެސް އެ ގޮތަށް އަމަލު ކުރެވޭނަމަ ދުނިޔޭގެ ލަދަށް ވެސް ދަރިންނަށް ޚަރަދު ދޭނޭ ބަފައިން އުޅޭނެކަން ހަމަ ޔަޤީނެވެ. އަދި ހަމަ އެއާއި އެކު ދަރިންގެ ޚަރަދު ވަކި ނިޒާމެއްގެ ދަށުން ޚަރަދު ދޭންޖެހޭ ބަފައިންގެ މަހު މުސާރައިން ކެނޑޭނަމަ ވެސް ހާދަ ރަނގަޅުވާނޭ ހިތަށް އަރައެވެ.
ދަރިންނަށް ޚަރަދު ނުކުރުމަކީ ވަރަށް ނުރައްކާތެރި ކަމެކެވެ. ވެވޭ ބޮޑު އިހްމާލެކެވެ. މާތް ﷲ ދެއްވި އަމާނާތަކަށް ވެވޭ ޚިޔާނާތެކެވެ. ދަރިންނަށްޓަކައި ހިތްހަރު ބަޔަކަށް ނުވާށެވެ. ދަރިންނަށްޓަކައި އޯގާތެރި ބަޔަކަށްވާށެވެ. ތިބާގެ ރިޒުޤުގައި މައުސޫމް ދަރިންގެ ހައްޤެއްވާނެކަން ދަންނާށެވެ. ދަރިންގެ ހައްޤުތައް ކޯޓުން ގަދަ ބާރުން ކަށަވަރު ކޮށްދިނުމުގެ ކުރިން އެއީ އަމިއްލަ ލޭ ކަން ދަނެ އެ ދަރިންގެ ޚަރަދު ކަށަވަރުކޮށް ދޭށެވެ. މި ދުނިޔޭގެ ކޯޓަށް ފިލުނަސް އާޚިރަތުގެ ކޯޓަށް ނުފިލޭނެކަން ޔަޤީން ކުރާށެވެ.
މިހާރުވަރި ގިިނަވަނީ ސިޔާސީ ބޭނުމެއްގައި ޤާނޫނަށް ގެނެސްފައިވާ ބަދަލެއްގެ ސަބަބުން !!…….. ދެތިިން ކުދިން ލިިބުނީމަ ވަރިވާންވީ
ދިހަވަރަކަށް ހާސްރުފިޔާ ޚަރަދުގެ ނަމުގައި އަންހެނުންނަށްލިބޭ. ފިރިމީހާއާ އެކު ދަރިންނުބެލުނު އަންހެނަކަށް އެކަނި ދަރިން ބެލިދާނެ ކަމަށް ބުނެ އާއިލާތަށް ރޫޅާލާ ޤައުމު ފަނާކޮށްލުން މަޤްޞަދަކީ……..
ޢަލީ މާޖިދަކީ ކުޅަދާނަ ލިޔުންތެރިއެކެވެ. އޭނާގެ ބުއްދިވެރި ބަސްތަކުން އަހުރެންގެ ސަމާލުކަން މީގެ އެތައް ދުވަސްތަކެއް ކުރީން ވަނީ ހޯދައިފައެވެ. ލިޔުންތެރިކަމުގެ ތެރެއިން ފެނުމުން ވަރަށް ބޮޑަށް އުފާވެއްޖެއެވެ. އިބާރާތްކުރުމާއި ބަޔާންކުރުމާއި ސާފުކޮށް އޮޅުންފިލުވައިދިނުމުގައި ގެންގުޅެފައިވާ އުސްލޫބާ މެދު ވަރަށް ބޮޑަށް ހިތްހަމަ ޖެހެއެވެ. ލިޔެފައި ތިޔަ ވަނީ ވަރަަށް މުހިންމު މައުޒޫއެއްގައެވެ. ހިތްވަރާއެކު ކުރިޔަށް ދާށެވެ. މި ފަދަ ލިޔުންތައް ގިނަގިނައިން ކިޔަން ލިބުމުކީ ކުރެވޭ އުންމީދެކެވެ. ކާމިޔާބާއި ހެޔޮ ނަސީބަށް އެދެމެވެ.
ޙިތާމަޔާއެކު ބުނެލަން އޮތީ ދިވެހިރާއްޖޭގެ ކޯޓުތަށް އޮތީ ވިކިފައޭ
މިދިވެހި ފަސްގަނޑުން ކުޑަކުއްޖަކަށްވެސް އިންސާފު ލިބުމަކީ ދިވެހި ރާއްޖެއިން ތެޔޮ ފެނުމެކޭ އެއްވަރުކަމެއް. ނަމުގަ އިސްލާމީ ޝރީއަތް ައސްލު ބޮޑުންގެއަންބޮޑި ބަންނަ ޖަގަހަ ހިންގާ ގެ ކޯޓަކީ.