ޚަބަރު

ދެ ގުދަނަކުން 955 ކޭސް ސިނގިރޭޓު ވަގަށް ނެރުމުން 68 މިލިއަން ހޯދަން ދައުވާކުރަނީ

މުޙައްމަދު ޢަތީފް ، ދެން އޮންލައިން
ކަސްޓަމްސްއިން މީގެކުރިން އަތުލައިގަތް ސިނގިރޭޓު ފޮށިތަކެއް / ފޮޓޯ:ކަސްޓަމްސް

އެ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ދެ ބޮންޑެޑް ވެއާހައުސްއަކުން 955 ކޭސް ސިނގިރޭޓު ވަގަށް ނެރުނު މައްސަލައިގައި ޝަރީއަތް މެދުވެރިކޮށް 68 މިލިއަން ހޯދަން އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން ބުނެފި އެވެ.

Ads by STELCO

ކަސްޓަމްސްއިން މިއަދު ނެރުނު ނޫސް ބަޔާނުގައި ބުނީ އެގްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސް އަދި އެސްޖީއެމް ބޮންޑެޑް ވެއާހައުސްގެ ނަމުގައި އެ އިދާރާގައި ރަޖިސްޓްރީކޮށްފައިވާ ދެ ބޮންޑެޑް ވެއާހައުސްއެއް ބަލައި ފާސްކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތުގެ ތެރެއިން އެގްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސްގައި ހުންނަން ޖެހޭ ޔެލޯ ކެމަލް ބްރޭންޑުގެ 165 ކޭސް ސިނގިރޭޓާއި އެމެރިކަން ލެޖެންޑް ބްރޭންޑުގެ 110 ކޭސް ސިނގިރޭޓުގެ އިތުރުން މެންޗެސްޓާ ރޯޔަލް ބްރޭންޑުގެ 300 ކޭސް ސިނގިރޭޓު ގަވާއިދާ ހިލާފަށް ނެރެފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. އެއީ ޖުމްލަ 575 ކޭސް ސިނގިރޭޓުކަން ކަސްޓަމްސްއިން ބުންޏެވެ.

ކަސްޓަމްސްއިން ބުނި ގޮތުގައި އެސްޖީއެމް ބޮންޑެޑް ވެއާހައުސް ބަލައި ފާސްކުރި ކުރުމުން އެ ތަނުގައި ހުންނަން ޖެހޭ އެމެރިކަން ލެޖެންޑް ބްރޭންޑުގެ 250 ކޭސް ސިނގިރޭޓާ އަދި އަފްޒަލް މޮލަސެސެސް ބްރޭންޑުގެ 130 ކޭސް ޕައިޕް ޓޮބޭކޯ ގަވާއިދާ ހިލާފަށް ނެރެފައިވާކަން ފާހަގަކުރެވިފައިވާ ކަމުގަ އެވެ.

ދެ މައްސަލަ ފުލުހުންނާ ގުޅިގެން ތަހުގީގު ކުރަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.

އެ ދެ ބޮންޑެޑް ވެއާހައުސްގެ ރަޖިސްޓްރީ ބާތިލުކޮށްފައިވާއިރު، މައްސަލައިގައި ހިމެނޭ މުދަލަށް އެގްޒޯޓިކް އެންޓަޕްރައިސެސް ބޮންޑެޑް ވެއާހައުސްއިން 47,182,011.86 ރުފިޔާ އަދި އެސްޖީއެމް ބޮންޑެޑް ވެއާހައުސްއިން 20,720,412.54 ރުފިޔާ ކަސްޓަމްސްއަށް ދައްކަން ޖެހެ އެވެ.

ކަސްޓަމްސްއިން ބުނީ ޝަރީއަތް މެދުވެރިކޮށް އެ ފައިސާ ހޯދުމަށް އެ މައްސަލަތައް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށެވެ.

ބޮންޑެޑް ވެއާހައުސް ބެލެހެއްޓުން ހަރުދަނާ ކުރުމުގެ ގޮތުން، ދުންފަތުގެ ބާވަތްތައް ބޮންޑެޑް ވެއާ ހައުސްތަކުގައި ނުބެހެއްޓޭ ގޮތަށާ އަދި މީހުން ދިރިއުޅޭ އިމާރާތެއްގައި ނުވަތަ އިމާރާތުގެ ބައެއްގައި ބޮންޑެޑް ވެއާހައުސް ނެހެދޭ ގޮތަށް ކަސްޓަމްސްގެ އާންމު ގަވާއިދަށް މިހާރު އިސްލާހު ގެނެސްފައިވާކަން ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.