ޚަބަރު

ބަދަލު ހިފަން މީހަކު މެރުމަށް ރޭވި ކަމުގެ ތުހުމަތުގައި ބަންދަށް

މުޙައްމަދު ޝިޔާމް ، ދެން އޮންލައިން
ކްރިމިނަލް ކޯޓު/ ފޮޓޯ: ދެން

ވާދަވެރި ގޭންގުގެ މީހަކަށް ބަދަލު ހިފަން އެ މީހާ މެރުމަށް ރާވައި ހިންގުމުގައި އުޅުމުގެ ތުހުމަތުގައި މީހަކު ހައްޔަރުކޮށްފި އެވެ.

Ads by STELCO

ކްރިމިނަލް ކޯޓުން އިއްޔެ އެ މީހާގެ ބަންދަށް 15 ދުވަސް ޖަހާފައިވެ އެވެ. ކޯޓު އަމުރުން އެނގުނު ގޮތުގައި ހައްޔަރުކުރީ އަބްދުﷲ އުދައްޔު ނަމަކަށް ކިޔާ 21 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ކްރިމިނަލް ކޯޓުގެ އެ އަމުރުން އެނގުނު ގޮތުގައި އެއީ ދެ ގްރޫޕެއްގެ ދޭތެރޭގައި ސިލްސިލާ ގޮތެއްގައި ހިނގަމުންދާ މާރާމާރީތަކުގެ ތެރެއިން ބަދަލު ހިފުމުގެ ރޫހުގައި މީހަކު މެރުމަށް ރާވަމުންދާ މައްސަލައެއް ކަމަށް ފުލުހުންގެ އިންވެސްޓިގޭޓިވް އޮފިސަރު ކޯޓުގައި ވަނީ ބުނެފަ އެވެ.

މާރާމާރީ ހިންގުމަށް ޓަކައި އަނެއް ގްރޫޕްގެ މީހުން ލޮކޭޓް ކުރުމުގައި އަމަލީ ގޮތުން ހަވާލުކޮށްފައިވަނީ މި މީހާއަށް ކަމަށް ވެސް ފުލުހުން ކޯޓުގައި ބުނެފައިވެ އެވެ. އަދި އޭނާ ނިދަން ގޮސް އޮންނަނީ ވެސް ގޭންގުން ހަމަޖައްސާފައިވާ ސޭފް ހައުސެއްގައި ކަމަށް ފުލުހުން ތުހުމަތުކޮށްފައިވާ ކަން އަމުރުން އެނގެ އެވެ.

މީގެ ކުރިން ވެސް ގޭންގުން މާރާމާރީ ހިންގަނިކޮށް ފުލުހުން ރެއިޑްކުރާ ފަހަރުތަކުގައި މި މީހަކު އެ ސަރަހައްދުން ފެނިފައި ހުރި ކަމަށް ވެސް ފުލުހުން ބުންޏެވެ. ކުށުގެ ރެކޯޑާއި ބަންދުގެ ރެކޯޑު އޮތް މީހެއް ކަން ވެސް ކޯޓު އަމުރުން އެނގުނެވެ.