ޚަބަރު

ރާއްޖޭގެ މަޖިލިސް ޑިޖިޓަލައިޒްކުރަން އިންޑިއާގެ މަޖިލީހުން އެހީވަނީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ރައީސް، ޝްރީ އޯމް ބިރްލާއާ ބައްދަލުކުރެއްވުން--

ރައްޔިތުންގެ މަޖިލިސް ޑިޖިޓަލައިޒްކުރުމަށް އިންޑިއާ ގާނޫނު ހަދާ މަޖިލީހުން އެހީތެރިކަން ފޯރުކޮށްދޭން ނިންމައިފި އެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އިއްޔެ އިންޑިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެމަނިކުފާނު މިއަދު ވަނީ އިންޑިއާގެ ގާނޫނު ހަދާ މަޖިލީހުގެ ތިރީގެ، ލޮކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާއާ ބައްދަލު ކުރައްވައި އެ ތަނުގެ މަސައްކަތްތައް ވަނީ ބައްލަވައިލައްވައިފަ އެވެ.

އަދި އިންޑިއާގެ މަޖިލީހުގެ މަތީގެއާއި ތިރީގެ ބައްލަވާލެއްވުމަށް ފަހު އަބްދުއްރަހީމް ވަނީ އެ ތަން ޑިޖިޓަލައިޒްކޮށްފައިވާ ގޮތާއި އަދި އާޓިފިޝަލް އިންޓެލިޖެންސް އިންޓަގްރޭޓްކޮށްފައިވާ ގޮތަށް ތައުރީފް ކުރައްވައި ރާއްޖޭގެ މަޖިލީހުގެ އާކައިވް ޑިޖިޓަލައިޒްކޮށް ދެއްވުމަށް އެދިވަޑައިގެންފަ އެވެ.

އަދި ލޮކް ސަބާގެ ރައީސް ޝްރީ އޯމް ބިރްލާ ވަނީ އަބްދުއް ރަހީމް އެދިވަޑައިގަތްގޮތަށް ޑިޖިޓަލައިޒޭޝަންގެ މަސައްކަތްތަކުގައި އެހީތެރިވެދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އިންޑިއާގެ ޕާލަމަންޓްގެ ޓްރެއިނިން އިންސްޓްޓިއުޓްއިން މީގެ ކުރިން ވަނީ ރާއްޖޭގެ މަޖިލީހުގެ މުވައްޒަފުން ތަމްރީން ކުރުމުގެ މަސައްކަތްވެސްކޮށްފަ އެވެ.

ރާއްޖެއިން މިހާރު ދަނީ ޑިޖިޓަލައިޒޭޝަންގައި މިހާރު ދުނިޔޭގައި އެންމެ ކުރިއަރާފައި އޮތް އެސްޓޯނިއާގެ އެހީތެރިކަން ވެސް ހޯދަމުންނެވެ. އެ ކަަމަށް ޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒު ދާދި ފަހުން އެ ގައުމަށް ދަތުރުފުޅެއް ވެސް ކުރެއްވި އެވެ.