އަމިއްލަ ބޭނުމަށް ސިނގިރޭޓް އޮޅާ ސާމާނު އެތެރެކުރެވޭނީ 50 އަށްވުރެ އަދަދު އިތުރުނުވާނަމަ
![](https://dhen.mv/wp-content/uploads/2023/12/big_6h3829vQdtSR6wOhMuEt33rLB-850x548.jpg)
މިއަދުން ފެށިގެން އަމިއްލަ ބޭނުމަށް ސިނގިރޭޓް އޮޅަން ބޭނުންކުރާ ސާމާނު (ކަރުދާސް، ފިލްޓަރު) އެތެރެކުރެވޭނީ 50 އަށްވުރެ މަދު ނޫން އަދަދެއް ކަމަށް ކަނޑައަޅައި ދުންފަތް ކޮންޓްރޯލްކުރުމާ ގުޅޭ އާންމު ގަވާއިދު އެކުލަވާލައި ގެޒެޓްކޮށްފި އެވެ.
ހެލްތު މިނިސްޓްރީން ގެޒެޓްކޮށްފައިވާ ގަވާއިދުގައިވާ ގޮތުން ވިޔަފާރީގެ އުސޫލުން ދުންފަތުގެ ބާވަތްތައް އުފައްދަން ބޭނުންކުރާ މެޝިނާއި އެފަދަ އެ ނޫން ވެސް އާލާތްތައް ރާއްޖެއަށް އެތެރެކުރުން މިއަދުން ފެށިގެން މަނާވާނެ އެވެ.
އެކަމަކު އެ ތަކެތީގެ ތެރޭގައި ސިނގިރޭޓެއް ނުވަތަ ބިޑިއެއް ރޯލްކުރެވޭ މެނުއަލް ކުދިކުދި ޕޯޓަބަލް އާލާތްތަކެއް ނުހިމެނޭނެ އެވެ.
އެ ގަވާއިދުގައި ބުނީ، ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ރޯލްކޮށްފައި ހުންނަ ހުސް ޓިޔުބް ނުވަތަ ޕައިޕް ފިލްޓަރާއެކު ނުވަތަ ފިލްޓަރާ ވަކިން ނަމަވެސް ހުސް ފޮށްޓާއި، އެނޫނަސް އެ ބޭނުމަށް ބޭނުންކުރާ އާލާތްތައް ރާއްޖެއަށް އެތެރެކުރުން މަނާވާނެ ކަމަށެވެ.
ނަމަވެސް، ސިނގިރޭޓު ނުވަތަ ބިޑި އުފައްދަން ބޭނުންކުރާ ފިލްޓަރާއި، ރޯލްނުކޮށް ހުންނަ ކަރުދާހާއި، ފިލްޓަރާއި ކަރުދާސް އެއްކޮށް ނުވަތަ ވަކިވަކިން ޕެކެޓްކޮށްފައި ހުރި ނަމަވެސް، 50 އަށް ވުރެ އަދަދު އިތުރުނުވާ ނަމަ އެ ތަކެތި ދޫކުރެވޭނެ ކަމަށް ގަވާއިދުގައި ބުންޏެވެ.
ގަވާއިދުގައިވާ ގޮތުން އެގޮތަށް ދޫކުރެވޭ ތަކެތި ބޭނުންކޮށްގެން ވިޔަފާރި ބޭނުމަށް ދުންފަތުގެ ބާވަތްތައް އުފައްދައިފިކަން ފާހަގަކުރެވިއްޖެނަމަ އެ ފަރާތަކަށް ދޫކޮށްފައިވާ ލައިސަންސް ބާތިލުކުރާނެ އެވެ.