މި އަހަރުގެ ޕީކުގައި ކަރަންޓު ބޭނުންކުރުން އިތުރުވެ 133 މެގަވޮޓަށް އަރާފާނެ
![](https://dhen.mv/wp-content/uploads/2024/03/photo1707383877-850x548.jpeg)
ކަރަންޓު ބިލު ބޮޑުވުމުގެ ޝަކުވާ އަބަދުވެސް އޮވެ އެވެ. އެކަމުގެ ރުޅި ކަރަންޓު ފޯރުކޮށްދޭ ޕްރޮވައިޑަރާއި ސަރުކާރަށް ވެސް ރައްޔިތުން ބާލުވާ ފަހަރު މަދެއް ނޫނެވެ. ނަމަވެސް ގިނަ ފަހަރު ކަރަންޓު ބިލު ބޮޑުވުމުގެ ކަސްޓަމަރުންނަށް ކުރެވޭ ކަންތައްތައް ވެސް އުޅެ އެވެ.
ކުރިއަށް އޮތީ ރޯދަމަހަށްވެފައި އަދި ކޮންމެ އަހަރަކުވެސް އަންނަ ހޫނު މޫސުމުގެ ދުވަސްވަރަށްވެސް ވާތީ ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވާނެކަން ޔަގީނެވެ. ނަމަވެސް ހަކަތަ އިގްތިސޯދުކުރުމަށް އެޅިދާނެ ފިޔަވަޅުތަކެއް އެބަ ހުއްޓެވެ.
އެފަދަ ފިޔަވަޅުތަކުގެ މައުލޫމާތު އާންމުންނަށް ދިނުމަށް މާލޭ ސަރަހައްދާއި މާލެ ކައިރި އަތޮޅުތަކަށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭ ސްޓެލްކޯއިން ވަނީ މިހާރު ވެސް ފަށައިފަ އެވެ.
މިއަދު ސްޓެލްކޯގެ ފަސްވަނަ ފަންގިފިލާގައި ނޫސްވެރިންނަށް ހާއްސަކޮށް ސެޝަނެއް ބޭއްވީ އެ ބޭނުމުގަ އެވެ. ކަރަންޓު ބޭނުން ކުރުމާއި، ހަރަދު ކުޑަކުރެވޭނެ ގޮތްތަކާއި ކަރަންޓު ބިލް ކަލްކިއުލޭޓް ކުރާގޮތުގެ ތަފްސީލްތައް އެ ސެޝަނުގައި ފޯރުކޮށްދިނެވެ.
ސްޓެލްކޯގެ އިލެކްޓްރިކަލް އިންޖިނިއަރު އިސްމާއިލް ނިޝާރު ވިދާޅުވީ މިފަހަރުގެ "ޕީކް ސީޒަން" ލައްވާލަނީ ރޯދަ މަހާ ވެސް ދިމާކޮށް ކަމަށެވެ. އެހެންކަމުން ކަރަންޓު ބިލުތަކަށް ވަރަށް ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ނިޝާރު ވިދާޅުވި އެވެ. ބިލުތައް ބޮޑުވާ ސަބަބުތައް ނިޝާރު ވަނީ ތަފްސީލުކޮށް ބަޔާންކޮށްދީފަ އެވެ.
![](https://dhen.mv/wp-content/uploads/2025/02/IMG_20250212_172556_103.jpg)
"ސަމަކާރަ" ކޭމްޕް ފެށުމުގެ ތެރެއިން- ފޮޓޯ:ސްޓެލްކޯ
އޭނާ ވިދާޅުވި ގޮތުގައި ކަރަންޓު ގިންތި ކުރަނީ 4 ބަޔަކަށް ބަހާލައިގެނެވެ. އަދި ބިލު ކަލްކިއުލޭޓް ކުރަނީ އޭގެ ތެރޭގައި ހިމެނޭ "އެނާޖީ" އަށް "ބޭސް" ކޮށް ކަމަށް ނިޝާރު ވިދާޅުވި އެވެ. ގޭގެއަށް ވަންނަ ދިމާލުގައި އާއްމުކޮށް މީޓަރެއް ހަރުކޮށްފައި ހުރެ އެވެ. އެ މީޓަރުން ކަރަންޓު ކަލްކިއުލޭޓްކުރާނީ ގޭތެރޭގައި ބޭނުންކުރާ ކަރަންޓުކަމަށް ނިޝާރު ވިދާޅުވި އެވެ. އަދި މީޓަރު އެއްތަނުން އަނެއްތަނަށް ބަދަލުކުރިއަަސް ކަރަންޓު ކަލްކިއުލޭޓްކުރާ ވަރަށް ބަދަލު ނާންނާނެކަަން އޭނާ ވަނީ ފާހަގަކޮށްފަ އެވެ.
"ހަމައެކަނި ކަލްކިއުލޭޓް ވާނީ އެ ގެއަކުން ޔޫސްކުރާވަރު އެކަނި. މި ސިސްޓަމަށް ޔޫސްކުރާ ޕަވާއެއް ނީންނާނޭ ސިސްޓަމް ގޮސްފައި. ކޭބަލްތަކަށްދާ ހަރަދުތަކާ އެ އެޅުމަށްދާ ހަރަދުތަކާ ޓްރާންސްޕޯމާ ޖައްސަންދާ ޕަވާއަކާ މި ހުރިހާ އެއްޗަކަށްދާ ހަރަދެއް މީޓަރަކަށް އިންކުލޫޑްއެއް ނުވާނެ"
ކަރަންޓު ބިލު ބޮޑުވުމަށް ދިމާވާ މައްސަލަތައް ފާހަގަކުރަމުން ނިޝާރު ވިދާޅުވީ ސްޓެލްކޯއިން ގޭގޭގައި ކަރަންޓު ކޭބަލް އަޅާއިރު ބައެއް ފަހަރު މައްސަލަތައްދިމާވާ ކަމަށެވެ. އޭނާ ވިދާޅުވީ ނަރުތައް އަޅަނީ ޔޫއޭއާރުގެ ޕަބްލިކް ގައިޑްލައިންތަކާއެކު އެއްގޮތަށް ކަމަށެވެ.
![](https://dhen.mv/wp-content/uploads/2025/02/IMG_20250212_172917_684-1024x682.jpg)
މީގެ އިތުރުން ނިޝާރު ވިދާޅުވީ އެހެން އަހަރުތަކާ އަޅާ ބަލާއިރު މި އަހަރުގެ ޕީކް ސީޒަންގައި ލޯޑު ބޮޑުވާނެ ކަމަށެވެ. އެގޮތުން ހުޅުމާލެ އަދި މާލެ ކަރަންޓު ބޭނުންކުރާ ވަގުތު ތަފާތުކަން ހާމަކުރަމުން ނިޝާރު ވިދާޅުވީ މާލެގައި ޕީކް ލޯޑްވަނީ 2 ޖަހާއިރު ކަމަށެވެ. އަދި ހުޅުމާލޭގައި ޕީކް ލޯޑްވަަނީ ރޭގަނޑު 8 އިން ފެށިގެން 10 އާ ހަމައަށް ކަމަށް ވިދާޅުވި އެވެ.
"މި އަހަރު 133 މެގަވޮޓަށް އަރާނެކަމަށް ލަފާކުރެވެނީ. މި ބަލަނީ މި ކުރިއަށްގެންދާ ކެމްޕޭންގައި ސްޓެލްކޯއިން ވެސް އާންމުކުރެވޭތޯ ކޮންމެ ދުވަހަކު ވެސް ލޯޑު ކާވް ފެންނަ ގޮތަށް. ހޫނުވީމަ ލޯޑު ބޮޑުވާތަން ފެންނަން ފަށާނެ."
ނަމަވެސް ރޯދަމަހަކީ ސްކޫލު ބަންދު ދުވަސްވަރަކާ ދިމާވާތީ އެ ދުވަސްކޮޅަށް މާލެ ސަރަހައްދުގައި ޕީކް ލޯޑް ކުޑަވާނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ނިޝާރު ވިދާޅުވި އެވެ.
އެ ސެޝަންގައި ނިޝާރަށް ފަހު ވާހަކަ ދެއްކި މާލެ ޕަވާ ހައުސްގެ މެކޭނިކަލް އިޖީނިއަރިން ޔުނިޓެންޑް އަލީ ނާއިފް ވިދާޅުވީ ކަރަންޓު ބިލުގެ ބޮޑު ބައެއްގައި ހިމެނެނީ އޭސީ އަށް ނަގާ ކަރަންޓު ކަމަށެވެ.
"އެއީ ހޫނު ބޭރުކުރަންޖެހޭތީ. ނެގީމަވާގޮތަކީ ކުރީގަ 40 ޑިގްރީއަށް ކޮންޕްރެސްކުރާ ބަދަލަށް މިހާރު ކޮންޕްރެސްކުރަނީ އޭތި ކޮންޕްރެސްކުރަނީ 47 އަށް، ކޮށްގެން އަސްލު މި ބޭނުންވާ ވަރަށް ހޫނު ބޭރުކޮށްލެވެނީ. ނޫނީ އެތެރެވެސް ހޫނުވާން ފަށާނީ"
ސްޓެލްކޯގެ ސާވިސް މެނޭޖާ މުހައްމަދު ވަހީދު ވިދާޅުވީ 1949 ވަނަ އަހަރުގެ ޑިސެންބަރު މަހުގެ 20 ވަނަ ދުވަހު ކަރަންޓު ހިދުމަތް ރާއްޖެއަށް ދޭން ފެށިއިރު މާލެ ސިޓީގައި ކަރަންޓު ދިނީ 8 ކިލޯވާޑަރު ނުވަތަ 14 ކިލޯވާޓަރާ ދެމުދުގެ މިންވަރެއްގައި 50 ގޭބިސީއަކަށް ކަމަށެވެ.
![](https://dhen.mv/wp-content/uploads/2025/02/IMG_20250212_172535_110.jpg)
ބިލު ކަލްކިއުލޭޓް ކުރުމުގެ މައުލޫމާތު ހިއްސާކުރަމުން ވަހީދު ވިދާޅުވީ މާލެ ސަރަހައްދުގައި މިހާރު 120 ކިލޯމީޓަރަށް ކެޕޭސިޓީ ތަނަވަސްވެފައިވާއިރު، އަތޮޅުތެރޭގެ އެހެން ހިސާބުތަކަށް ކަރަންޓު ތަނަވަސްވެފައިވަނީ 61 ކިލޯމީޓަރަށް ކަމަށެވެ. އެއީ ޖުމްލަކޮށް 88،000 ކަސްޓަމަރުންކަމަށް އޭނާ ވިދާޅުވި އެވެ. އަދި ދުވާލެއްގެ މައްޗަށް 600،000 ޑީސަލް ކޮންޒިއުމްކުރާ ކަމަށް ވަހީދު ވިދާޅުވި އެވެ.
"އެހެންވީމާ ވާގޮތަކީ މި ހިދުމަތް ހިލޭވެސް ފޯރުކޮށްދެވޭކަށް ނެތް. އަޅުގަނޑުމެން ޑިޕެންޑުވާން މި ޖެހެނީ ހަކަތައަށް ގަންނަން. ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދައިގެން އަޅުގަނޑުމެން ރައްޔިތުންނަށް ކަރަންޓު ފޯރުކޮށްދެނީ"
ކަރަންޓު ބިލު ކަލްކިއުލޭޓްކުރާއިރު ނުވަތަ ބިލު ވަރަށް ބޮޑުކަން ފާހަގަކުރެވޭ ހާލަތްތަކުގައި ރީޑިން ނަގަންދާ ފަރާތްތަކުން ބިލު ޑަބަލް ޗެކްކުރާކަން ފާހަގަކުރަމުން ވަހީދު ވިދާޅުވީ ފޯނުން ބިލް ރީޑްކުރާއިރު މާޖިން ބަދަލުތަކަށް އައުމުން އެ ބިލު ނުފޮނުވާ ބައިވަރު ލެވެލްތަކުގައި ބިލަށް އައިސްފައިވާ ބަދަލުތައް ބަލާ ކަމަށެވެ.
ސްޓެލްކޯ އެޕްއިން މީޓަރު ބޯޑުގެ ފޮޓޯއެއް ނެގުމަށްފަހު 2 ދުވަހެއްގެ ތަފާތު ކަލްކިއުލޭޓްކޮށްލުން މުހިންމުކަމަށް ވަހީދު ފާހަގަކުރި އެވެ. އެއީވެސް އަމިއްލައަށް ކަރަންޓު ބިލް ކުޑަކުރުމަށް ކުރެވިދާނެ ކަމެއް ކަމަށްވެސް އޭނާ ފާހަގަކުރި އެވެ.