ޚަބަރު

ފުލުހުންނަށް ދެން ވޭޕްގެ އާލާތްތައް އަތުލެވޭނެ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ވޭޕްތަކެއް: ވޭޕް ބޭނުންކޮށްގެން 9 މީހަކު ވަނީ ޖޫރިމަނާކޮށްފައި / ފޮޓޯ: ވޭޕްކޭވް

މިދިޔަ ޑިސެމްބަރު މަހު އަމަލުކުރަން ފެށި ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ އާ ގާނޫނުގެ ދަށުން އާ ގަވައިދެއް އެކުލަވާލައި ވޭޕްގެ އާލާތްތައް އަތުލުމާއި އެ ތަކެތި ނައްތާލެވޭ ގޮތަށް ފުލުހުންނަށް އިތުރު ބާރުތަކެއް ދީފި އެވެ.

Ads by STELCO

ރާއްޖޭގައި ވޭޕް ބޭނުންކުރުމާއި އެކަމާ ގުޅޭ އާލާތްތަކާއި އެހެނިހެން ތަކެތި ރާއްޖެއަށް އެތެެރެކުރުމާއި ވިއްކުމާއި ބެހުން މަނާވީ މިދިޔަ ޑިސެމްބަރު މަހުގެ 15 އިން ފެށިގެންނެވެ. އޭގެ ފަހުން ވޭޕްގެ މައްސަލަަތަކުގައި ޖޫރިމަނާކުރަމުން ދިޔަ ނަމަވެސް ގަނޫނީ ގޮތުން ބާރުނުލިބޭ ކަމަށް ބުނެ ވޭޕްއާ ގުޅޭ ތަކެތި ފުލުހުން އަތެއްނުލަ އެވެ.

ނަމަވެސް ހެލްތު މިނިސްޓްރީން މިއަދު ވަނީ "ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ އާންމު ގަވައިދު"ގެ ނަމުގައި ހެދި އާ ގަވައިދު ގެޒެޓްކޮށް މިއަދުން ފެށިގެން އެ ގަވައިދަަށް އަމަލުކުރަން ފަށައިފަ އެވެ.

އާ ގަވައިދުގައި ބުނެފައިވާ ގޮތުގައި އިލެކްޓްރޯނިކް ސިނގިރޭޓާއ،ި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއ،ި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުމެއް ބޭނުންކުރުން މަނާތަނެއްގައި މީހަކު ބޭނުން ކުރަނިކޮށް ފެނިއްޖެނަމަ ނުވަތަ އެ މީހެއްގެ އަތުގައި އޮއްވާ ފެނިއްޖެނަމަ އެ އެއްޗެއް އަތުލުމުގެ ބާރު ފުލުހުންނަށް ލިބޭނެ އެވެ.

އޭގެ އިތުރުން ކޯޓު އަމުރެއްގެ ދަށުން ބަލައި ފާސްކުރުމުގެ ތެރޭގައި އެފަދަ އެއްޗެއް ފެނުނަސް ނެގޭނެ ކަމަށް ގަވައިދުގައި ބުނެފައިވެ އެވެ.

ގަވައިދުގައި އިތުރަށް ބުނެފައިވާ ގޮތުން

  • ފުލުހުން އަންގާ ގޮތަށް އަމަލުނުކޮށްފިނަމަ 50،000 ރުފިޔާއަށް ފަރުދަކު ޖޫރިމަނާ ކުރަންވާނެ
  • ވޭޕްއާ ގުޅޭ ތަކެތި ގެންގުޅެނިކޮށް ފެނިއްޖެ ނަމަ 2000 ރުފިޔާއިން ޖޫރިމަނާ ކުރަންވާނެ
  • އަތުލާ ވޭޕްއާ ގުޅޭ ތަކެތި އަތުލުމަށް ފަހު ދޫނުކުރެޥޭނެ
  • އަތުލާ ވޭޕްއާ ގުޅޭ ތަކެތި ފުލުހުން ނައްތާލަން ޖެހޭނެ

ފުލުހުން މި މަހު ބުނިގޮތުގައި ވޭޕްއާ ގުޅޭ މައްސަލަަތަކުގައި 11 މީހަކު މިދިޔަ މަހު ޖޫރިމަނާކުރި އެވެ. ނަމަވެސް އެ ޖޫރިމަނާ ދެއްކިކަމެއް ފުލުހުން ހާމައެއް ނުކުރެ އެވެ.