ޚަބަރު

ރޯދައާ ދިމާކޮށް މުވައްޒަފުންނަށް އިތުރު ހަދިޔާ ނުދޭން ޕީސީބީން އަންގައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
ޕީސީބީ: ސަރުކާރު ކުންފުނިތަކަށް ހަރަދު ކުޑަކުރަން ވަނީ އަންގާފައި / ފޮޓޯ:ދެން އިމޭޖްސް

ރޯދަ މަހާ ދިމާކޮށް ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އަންގައި ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަންއިން ސާކިއުލާއެއް މިއަދު ނެރެފި އެވެ.

Ads by Hajj Corporation

ރޯދަ މަހާ ދިމާކޮށް މީގެ ކުރިން މިފްކޯ ފަދަ ކުންފުނިތަކުން މަސް ދަޅާއި އެހެނިހެން ހަދިޔާތައް މުވައްޒަފުންނަށް ދީ ހަދަ އެވެ.

އެހެން ނަމަވެސް ޕީސީބީން މިއަދު ނެރުނު ސާކިއުލާއާއެކު އެފަދައިން މި ރޯދަ މަހު ހަދިޔާ ނުދެވޭނެ އެވެ.

އަދި ރޯދައަށް ހަމައެކަނި ސަރުކާރުގެ ކުންފުނިތަކުގެ މުވައްޒަފުންނަށް ދެވޭނީ ވަޒީފާގެ ގާނޫނުގައި ބަޔާންކޮށްފައިވާ 3000 ރުފިޔާގެ ރޯދަ އިނާޔަތް އެކަނި ކަމަށް ޕީސީބީން ނެރުނު ސާކިއުލާގައި ބުނެފައި ވެއެވެ.

ސާކިއުލާގައި ހިމެނޭ އިތުރު އިރުޝާދުތައް

  • އެއް ވަޒީފާއަށް ވުރެ ގިނަ ވަޒީފާ އަދާކުރާ ފަރާތްތަކަށް ރޯދަ އެލަވަންސް ދޭނީ އަސާސީ ވަޒީފާ އަދާކުރާ އޮފީހުން އެކަނި
  • ޕޭ ލީވްއާއި ނޯ ޕޭ ލީވްގައި ތިބޭ މުވައްޒަފުންނަށް ރޯދަ އެލަވަންސް ދީގެން ނުވާނެ. ނަމަވެސް ރޯދަ މަހު ހިދުމަތަށް ނުކުމެއްޖެނަމަ ރޯދަ މަހުގެ ނިޔަލަށް އެލަވަންސް ދޭން ޖެހޭ.
  • ސަރުކާރުގެ ހިއްސާވާ ކުންފުނިތަކުގެ ބޯޑުގެ ނޮން އެގްޒެކެޓިވް ޑިރެކްޓަރުންނަށް ރޯދަ އިނާޔަތް ދީގެން ނުވާނެ.

ރޯދަ އިނާޔަތް ފިޔަވައި އިތުރު ހަދިޔާތައް ނުދޭން އެންގިއިރު ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އެ ކުންފުނިތަކުގެ ސަބްސިޑަރީ ކުންފުނިތަކުގެ ހަރަދު ކުޑަކުރަން އިތުރު ފިޔަވަޅުތަކެއް އެޅުމަށް ވެސް ޕީސީބީން މިއަދު ވަނީ އަންގައިފަ އެވެ.