ޚަބަރު

ޓެކްސީގެ ހިދުމަތަށް ސަރުކާރުން ނުކުތުމުން އެނގެނީ މިސްރާބެއް ނެތްކަން: އެމްޑީޕީ

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
އެމްޑީޕީން ބޭއްވި ޕްރެސްގައި ލީޑާޝިޕްގެ ބޭފުޅުން ފޮޓޯ: އެމްޑީޕީ

ޓެކްސީގެ ހިދުމަތައް ސަރުކާރުން ނުކުތުމުން އެނގެނީ ސަރުކާރުގެ މިސްރާބެއް ނެތްކަން ކަމަށް އިދިކޮޅު އެމްޑީޕީން މިއަދު ބުނެފި އެވެ.

Ads by STELCO

ތިމާވެއްޓާ ރަށްޓެހި ފްލީޓަކާ އެކު މާލެ ސަރަހައްދުގައި ޓެކްސީ ފްލީޓެއްގެ ހިދުމަތް ފެށުމަށް އެމްޓީސީސީއާ ހަވާލުކުރީ މިއަދު އެވެ. ސަރުކާރުން ބުނި ގޮތުގައި މިއީ ޓެކްސީ ހިދުމަތާ ގުޅިގެން ކުރިމަތިވާ ދަތިތަކަށް ހައްލު ހޯދައިދިނުމަށް ނިންމި ނިންމުމެކެވެ.

ނަމަވެސް އިދިކޮޅު އެމްޑީޕީން ވަނީ އެ ނިންމުމަށް ވަރަށް ބޮޑަށް ފާޑު ކިޔައިފަ އެވެ.

އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު 'އެކްސް' ގައި ވިދާޅުވީ ޓެކްސީގެ ވިޔަފާރި އަކީ ޒަމާނުއްސުރެ ރާއްޖޭގައި އާއްމު ރައްޔިތުން ކުރަމުންދިޔަ ވިޔަފާރިއެއް ކަމަށާއި، އެކަން އެގޮތަށް އޮއްވައި ޓެކްސީ ވިޔަފާރީގެ ތެރެއަށް ސަރުކާރުން ވަދެ، ޓެކްސީ ޑްރައިވަރުންނާ ވާދައަށް ސަރުކާރުން ނިކުތުމަކީ ސަރުކާރުގެ ސިޔާސަތުތަކުގައި މިސްރާބެއް ނެތްކަން ދޭހަވާ ކަމެއް ކަމަށެވެ.

އާންމުންގެ ވިޔަފާރިއަކަށް ވަނުމުގެ ބަދަލުގައި ސަރުކާރު ވާންޖެހޭނީ އާއްމު ވިޔަފާރިއަށް ފަހި މާހައުލެއް ގާއިމްކޮށް، ދިމާވާ ގޮންޖެހުންތަކަށް ހައްލު ހޯދައިދީ، ރެގިއުލޭޓްކޮށްދޭ ފަރާތަށް ކަމަށް ވެސް ޝާހިދު ވިދާޅުވި އެވެ.

"އާއްމު ހުރިހާ ވިޔަފާރިއެއްގައި ސަރުކާރާ ވާދަކުރަން އާއްމުންނަށް ޖެހުމަކީ ދެކޮޅު ޖެހޭ ގޮތެއް ނޫން. ކޮންމެ ކަމެއްގައިވެސް ފެނިގެން މިދަނީ ސަރުކާރުގެ އަމާޒެއް ނެތްކަމާއި، ދައުލަތް ހިންގާނެ ފައިސާ ހޯދާނެ ގޮތެއް ނޭނގިގެން އުޅޭ މަންޒަރު." މިދިޔަ ސަރުކާރުގެ ފޮރިން މިނިސްޓަރުކަންވެސް ކުރެއްވި ޝާހިދު ވިދާޅުވި އެވެ.

ޝާހިދު ވިދާޅުވީ ސަރުކާރުން ޓެކްސީގެ ހިދުމަތް ފޯރުކޮށްދިނުމާ ބެހޭ ގޮތުން ސަރުކާރާއި ސަރުކާރު ހިންގާ ޕާޓީގެ އިސް ބޭފުޅުން ދައްކަވާ ވާހަކަތައް ދިމާވެސް ނުވާ ކަމަށެވެ. އެހެންކަމުން މިއީ ސަރުކާރަށް ވާންވީ ގޮތާއި ވަމުންދާ ގޮތް ނޭނގޭ ކަމުގެ ހެއްކެއްކަމަށް ވެސް ވިދާޅުވި އެވެ.

ސަރުކާރުން ޓެކްސީ ހިދުމަތައް ވަންނާތީވެ އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ވެސް 'އެކްސް' ގައި ޕޯސްޓެއް ކުރެއްވި އެވެ. ފައްޔާޒު ވިދާޅުވީ ސަރުކާރަށް ހަމަ ފެންނަ އިރަށް ކޮންމެ ފަދަ ވިޔަފާރިއެއްގެ ތެރެއަށް ވެސް ވަނުމަކީ އޮވެގެން ވާނެ އިހުތިޔާރެއް ނޫން ކަމަށެވެ.

ސަރުކާރުން ޓެކްސީ ވިޔަފާރިއަށް ވަނުމުން އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނި ވާހަކަތަކަށް ކުރީގެ ސަރުކާރުގެ އިކޮނޮމިކް މިނިސްޓަރުކަންވެސް ކުރެއްވި ފައްޔާޒް ވަނީ ރައްދު ދެއްވައިފަ އެވެ.

"އެމްޓީސީސީގެ ޓެކްސީ ލައިނާއެކު އަމިއްލަ ވިޔަފާރިތަކަށް ގެއްލުން ނުވާނެ ކަމަށް ސަރުކާރުން ބުނަމުންދަނީ އޮޅުވައިލުމަށް. ޓެކްސީ ކުރާ ފަރާތްތަކާ މަޝްވަރާކޮށްގެން ހައްލު ހޯދެން އޮތް ކަމެއްގައި ސަރުކާރުން މިގޮތަށް އަމަލުކުރުމަކީ ކަންބޮޑުވާ ކަމެއް" އޭނާ ވިދާޅުވި އެވެ.