ޚަބަރު

އިންޑިއާގެ ނައިބު ރައީސް ރާއްޖެ ވަޑައިގަތުމަށް ދައުވަތު ދެއްވައިފި

އިބްރާހީމް ހަމީޒް ، ދެން އޮންލައިން
މަޖިލީހުގެ ރައީސް އިންޑިއާގެ ނާއިބު ރައީސްގެ އަރިހަށް ކުރެއްވި ޒިޔާރަތުގެ ތެރެއިން-- ފޮޓޯ/ މަޖިލިސް

އިންޑިއާގެ ނައިބު ރައީސް އަދި އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ މަތީގެ ރާޖްޔާ ސަބާގެ ޗެއާމަން ޖަގްދީޕް ދަންހާރު، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ މިއަދު ދައުވަތު ދެއްވައިފި އެވެ.

Ads by Hajj Corporation

މިދިޔަ ހޯމަ ދުވަހު އަބްދުއްރަހީމް އިންޑިއާއަށް ފެއްޓެވި ރަސްމީ ދަތުރުފުޅުގެ ތެރެއިން މިއަދު ވަނީ ޖަގްދީޕްގެ އަރިހަށް އިހުތިރާމްގެ ޒިޔާރަތެއް ކުރައްވައި މަޝްވަރާތައް ކުރައްވާފަ އެވެ.

އަދި އެ ބައްދަލުވުމުގެ ތެރެއިން ޖަގްދީޕް، ރާއްޖެއަށް ދަތުރުފުޅެއް ކުރެއްވުމަށް އަބްދުއްރަހީމް އެދިވަޑައިގެންނެވި އެވެ.

މަޖިލީހުގެ އިދާރާއިން އާއްމުކުރި ހަބަރެއްގައި ބުނީ އެ ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާގެ ގާނޫނު ހަދާ މަޖިލިސްއާ ދެމެދު އެއްބާރުލުން އިތުރުކޮށް އިގުތިސާދީ އަދި ވިޔަފާރީގެ ގުޅުންތަކާއި، ފަތުރުވެރިކަމާއި، ސަރަހައްދީ ހަމަޖެހުން އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކުރެވުނު ކަމަށެވެ.

އެ ބައްދަލުވުމުގައި އިންޑިއާގެ ނައިބު ރައީސް ވިދާޅުވީ ރާއްޖެއިން އެދޭ ކޮންމެ އެހީއެއް ދޭން އިންޑިއާއިން އޮތީ ތައްޔާރަށް ކަމަށާއި އަދި ރާއްޖެއާ އޮތް ގުޅުން އަބަދުވެސް ދެމެހެއްޓުމަށް މަސައްކަތް ކުރައްވާނެކަމުގެ ކަމަށެެވެ.

އަބްދުއްރަހީމް އިންޑިއާއަށް ވަޑައިގެންނެވީ މަޖިލީހުގެ ވަފުދަކާއެކު އެވެ.

މާދަމާ އެ ވަފުދުގެ ބޭފުޅުން ތާޖުމަހަލް ބައްލަވާލެއްވުމަށް އާގަރާއަށް ޒިޔާރަތްކުރައްވުމަށް ހަމަޖެހިފއިވާ އިރު އެ ބޭފުޅުން މާލެ ވަޑައިގަންނަވާނީ އަންނަ ހުކުރު ދުވަހު އެވެ.