ވައި ނުސާފުވުމުގެ ގެއްލުން ޓޫރިޒަމަށް ކޮށްފާނެތީ ނަޝީދުގެ ކަންބޮޑުވުން

ރާއްޖޭގެ ވައި ނުސާފުވުމުގެ ގެއްލުން ޓޫރިޒަމަށް ކޮށްފާނެތީ ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
ފަހަކަށް އައިސް ރާއްޖޭގެ ވައިގެ ކޮލިޓީ ސިއްހަތަށް ނުރައްކާވާ މިންވަރަށް ވަނީ އިތުރުވެފަ އެވެ. އަދި ވައި ނުސާފުވަމުންދާތީ ހައި ރިސްކު ހުންނަ މާސްކު އެޅުމަށް ވެސް މިދޭތެރެއިން އިރުޝާދުދިނެވެ.
މޫސުމީ ބަދަލުތަކާ ދެކޮޅަށް ވަކާލާތުކުރައްވާ ނަޝީދު 'އެކްސް' ގައި މިއަދު ވަނީ ކޮންމެ އަހަރެއްގެވެސް ޓޫރިޒަމްގެ ޕީކް ސީޒަންއާ ދިމާކޮށް ވައިގެ ކޮލިޓީގެ ހާލަތު ގޯސްވަމުންދާކަން ފާހަގަކުރައްވައިފަ އެވެ.
"މިގޮތަށް މިކަން ވަމުންދާނަމަ އޭގެ ނުރަނގަޅު އަސަރު ފަތުރުވެރިކަމަށް ކުރާނެ." އެމަނިކުފާނު ވިދާޅުވި އެވެ.
ނަޝީދު އިތުރަށް ފާހަގަކުރެއްވި ގޮތުގައި ރާއްޖޭގެ ވައިގެ ތަގައްޔަރުވަނީ މުޅިންހެން ކަހަލަ ގޮތަކަށް އެހެން ގައުމުތަކުން އަންނަ ދުމާ ހެދި ކަަމަށެވެ.
އެހެންކަމުން އެ މައްސަލަ ހައްލުކުރަން ގުޅިގެން މަސައްކަތް ކުރަން ޖެހޭ ކަމަށް ނަޝީދު ވިދާޅުވި އެވެ.
މި ސަަރަހައްދުގެ ގައުމުތަކުގެ ތެރެއިން ވައި ތަޣައްޔަރުވުމުގެ މައްސަލަ އެންމެ ބޮޑީ އިންޑިއާގަ އެވެ. އެގޮތުން އިންޑިއާގެ ވެރިރަށް ދިއްލީގެ ވައި ތަގައްޔަރުވުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެ ސްކޫލުތައް ވެސް ދޭތެރެ ދޭތެރެއިން ބަންދުކުރެ އެވެ.