ޝޫޓިން އިން ފުރަތަމަ ފަހަރަށް ރާއްޖެއަށް ރިހި މެޑަލް ހޯދައިދިން އީޝަލް އަށް ރައީސްގެ މަރުހަބާ

އޭޝިއާ ގައުމުތަކަށް ހާއްސަކޮށްގެން ބާއްވާ "އޭޝިއަން ރައިފަލް އެންޑް ޕިސްޓޯލް ކަޕް 2025" ގައި ބައިވެރިވެ ރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހި މެޑަލް ހޯދައިދިން މަރިޔަމް އީޝަލް މިސްބާހަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ މަރުހަބާ ވިދާޅުވެއްޖެ އެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ އޭޝިއާ ފެންވަރުގެ މުބާރާތެއްގައި ބައިވެރިވެ، ރާއްޖެއަށް ފުރަތަމަ ފަހަރަށް ރިހި މެޑަލްއެއް ހޯދައިދިނުމަކީ ޝޫޓިން ސްޕޯޓްސްގެ ތާރީހުގައި ހިމެނިގެންދާނެ ކާމިޔާބީއެއް ކަމަށެވެ.

ޝޫޓިން މުބާރާތަށް ރާއްޖެއިން ދިޔަ ބައިވެރިން
އީޝަލް 15 އަހަރުގައި މި މުބާރާތުގައި ރިހި މެޑަލް ހޯދާފައިވަނީ މި މުބާރާތުގެ އަންހެން އެއާ ޕިސްޓަލް ކެޓަގަރީގެ ޖޫނިއާ ބައިންނެވެ.
ތައިލެންޑުގައި ކުރިއަށްދިޔަ މި މުބާރާތުގައި އީޝަލް ރިހި މެޑަލް ހޯދާފައިވަނީ އޭޝިއާގެ 23 ގައުމަކުން ވާދަކުރިއިރު އޭގެ ތެރެއިން 21 ގައުމެއްގެ ޝޫޓަރުންގެ މައްޗަށް ކުރި ހޯދައިގެން ކަމަށް ރައީސް ފާހަގަކުރެއްވި އެވެ.
އެއާ ޕިސްޓޯލް އިވެންޓް (ޖޫނިއާ) ގެ ރަން މެޑަލް އީޝަލް އަށް ގެއްލުނީ ފައިނަލްގައި ވާދަކުރި ޗައިނީސް ޓައިޕޭ އަތުން 2 ޕޮއިންޓްގެ ތަފާތުންނެވެ.
މި މުބާރާތް ކުރިއަށް ގެންގޮސްފައިވަނީ ތައިލެންޑުގެ ބެންކޮކްގަ އެވެ.
