ރާއްޖެއާ ތުރުކީއާ ދެމެދު ޑައިރެކްޓް ފްލައިޓްތައް އިތުރުކުރަން މަޝްވަރާކޮށްފި

ރާއްޖެއާ ތުރުކީއާ ދެމެދު ވައިގެ ސީދާ ދަތުރުތައް އިތުރުކުރުމާ ގުޅޭ ގޮތުން މަޝްވަރާކޮށްފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ އެކަމުގެ މަޝްވަރާތައް ކޮށްފައިވަނީ ރާއްޖެއިން ތުރުކީއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ލެފްޓެނަންޓް ޖެނެރަލް (ރޓ) އަބްދުއްރަހީމް އަބްދުއްލަތީފް ތުރުކީގެ ކަލްޗާ އެންޑް ޓޫރިޒަމް މިނިސްޓަރު މެހެމަތު ނޫރީ އެރްސޯއީއާ ބޭއްވި ބައްދަލުވުމައި ކަމަށެވެ.
ވެރިރަށް އަންކާރާގައި ކުރިއަށް ދިޔަ ބައްދަލުވުމުގައި ރާއްޖެއާ ތުރުކީއާ ދެމެދު ފަތުރުވެރިކަމާއި ސަގާފަތުގެ ދާއިރާއިން އެއްބާރުލުން އިތުރުކުރެވޭނެ ގޮތްތަކާ ބެހޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
އެ ދެ ދާއިރާ އިތުރަށް ކުރިއެރުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމުގެ މުހިއްމުކަމަށް ބައްދަލުވުމުގައި އަލިއަޅުވައިލި ކަމަށް މިނިސްޓްރީން ބުންޏެވެ.
އަދި ދެގައުމުގެ ދެމެދު ސީދާ ވައިގެ ދަތުރުތައް ކުރާ މިންވަރު އިތުރުކުރުމާއި ފަތުރުވެރިކަމުގެ ދާއިރާއިން ރާއްޖޭގައި ހުރި އިންވެސްޓްމަންޓް ފުރުސަތުތަކަށްވެސް މަޝްވަރާ ކޮށްފައިވެ އެވެ.
ދިވެހި ސަފީރުގެ އަރިހުގައި ތުރުކިޔޭގައި ހުންނަ ރާއްޖޭގެ އެމްބަސީގެ ޑެޕިއުޓީ އެމްބެސަޑާ އަބްދުލްވާރިސް ސަޢީދު އާއި އެމްބަސީގެ ސެކަންޑް ސެކްރެޓަރީ އިސްމާއީލް ނިޔާޒް ބައިވެރިވެވަޑައިގެންނެވި އެވެ.
ރާއްޖެއާ ތުރުކީއާ ދެމެދު ސީދާ ދަތުރުތައް އިތުރުކުރުމަށް މަޝްވަރާކޮށްފައިވާއިރު، ދެ ގައުމު ދެމެދު ގުޅުވަލައިދެނީ ޓާކިޝް އެއާލައިނުންނެވެ.
ތުރުކީގައި ޗުއްޓީ ހޭދަކުރަމުންދާ ދިވެހިންނާއި އެ ގައުމުގައި ކިޔަވާ ދިވެހިންގެ އަދަދު ދަނީ އިތުރުވަމުންނެވެ. ޗުއްޓީއަށް އެންމެ ގިނައިން މީހުން ގޮސް އުޅެނީ އިސްތަންބޫލް އަށާއި މެދުތެރޭ ތުރުކީގައި އޮންނަ ކަޕަޑޯސިއާ އަށެވެ.